ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
ގދ. ފަރެސްމާތޮޑާގެ ބަނދަރު ތަރައްޤީކުރުމާއި، ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމާއި އެއްގަމުތޮށި މަރާމާތުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ފަރެސްމާތޮޑާއަކީ ވައިގެ ބަނދަރެއް އޮތުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ރަށަކަށް ވުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަމަކީ ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މި މަޝްރޫޢު ނިމުމާއެކު ރަށަށް ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. ޖުމްލަ 226.18 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި އަދި 1,462 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން 733 މީޓަރުގެ ރިވެޓްމެންޓާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް އަދި 329 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއެކު، 36 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ފަރެސްމާތޮޑާގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ރަށުން ވަނީ 18 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި އެ ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫޢުތަކެއް ނިމިގެން ދިޔުމަކީ، އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު