ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (މ)
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (މ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ތިން އަހަރަކީ އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ދާއިރާއިން ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު ތިން އަހަރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ބުނީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް އެކުލަވައިލެއްވި މެނިފެސްޓޯއިންވެސް އިސްލާމީ ދާއިރާއަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަން ހާމަވެގެންދިޔަ ކަމަށެވެ. އަދި ވެރިކަމުގެ ދައުރު ފެއްޓެވުމާއެކު، އިސްލާމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މެދުކެނޑުމެއްނެތި ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ވަނީ ކުރަށްވާފައި ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ކީރިތި ޤުރުއާނާއި، ޙައްޖާއި، ޒަކާތާއި ވަޤްފުގެ ދާއިރާއިންނާއި، ޢުމްރާނީ ތަރައްޤީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް މި މުއްދަތުގައި ވަނީ ޙާޞިލުކުރެވިފައި ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ބަލާއިރު، ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިނގަމުން ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ކުރިއަށްދާ 'ދާރުލްއަރްޤަމް' ވަޤްފު މަޝްރޫޢާއި، ހުޅުމާލޭގެ 'ދާރުއްސަލާމް' ވަޤްފު މަޝްރޫޢުގެ އިތުރުން ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢުތައް ވަނީ ފަށާފައި ކަމަށާއި، ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފެށިފައިކަން އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިސްލާމީ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުތައްކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މީހުން ބިނާކުރުމުގެ ދާއިރާއިން، ފާއިތުވި ތިން އަހަރު ހިންގުނު އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ކަމަށާއި، މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 717 ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށް މުޖުތަމަޢަށް ނެރެދީފައި ވާކަމަށް އިސްލާމިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ކުރިއަށް އޮތް ޤަރުނަށް ރާއްޖޭގެ އިސްލާމީ ޝިޢާރު ވަރުގަދަ ކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު، ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަކަށް ވަނީ ޒަމާނީ ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދީފައި ކަމަށާއި، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ "މައްކާ ރޫޓު އިނީޝިއޭޓިވް" ގައި ރާއްޖެ ހިމެނިގެން ދިޔުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މައްކާއިން މަދީނާއަށް ކުރާ ދަތުރުތައް ހައި-ސްޕީޑް ރޭލަށް ބަދަލުކުރުމާއި، ޙައްޖުވެރިން ތިބޭ ހޮޓާތަކުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލިބުނު ކުރިއެރުމުގެ ގޮތުގައި އެވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

ބޭރުގެ އިސްލާމީ ޤައުމުތަކާއި މުއައްސަސާތަކާއެކު އޮތް ގުޅުން ބަދަހިކުރުމުގެ ތެރެއިން، ފާއިތުވި ތިން އަހަރު ރާއްޖޭގެ 100 އަށްވުރެ ގިނަ އިމާމުންނަށް ބޭރު ޤައުމުތަކުން ތަމްރީނު ފުރުޞަތު ހޯދައިދީފައިވާ ކަމަށާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ހިމެނޭހެން 40 އަންހެން ބޭފުޅަކަށް ސަޢޫދީ ޢަރަބިއްޔާއިން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ދެވިފައިވާއިރު، ޗައިނާއާއި ޕާކިސްތާނަށް ސަޤާފީ ދަތުރުތައް ވަނީ ފަހިކޮށްދީފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، އެ ޤައުމުގެ ފުންނާބުއުސް ޢިލްމުވެރިން ރާއްޖެ ވަޑައިގެން ދީނީ ޕްރޮގުރާމުތައް ހިންގުމާއި، އެތައް ހާސް މުޞްޙަފެއް ރާއްޖެއަށް ވަނީ ހަދިޔާކޮށްފައި ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން، އިސްލާމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ފާއިތުވި މުއްދަތުގައި އިމާމުންގެ މަހާސިންތާއާއި، ޖަމްޢިއްޔާތަކުގެ މަހާސިންތާއާއި، ޢިލްމުވެރިންގެ މަހާސިންތާ، ފަތުވާ މަހާސިންތާ، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް އަދި މޯލްޑިވްސް ޒަކާތު ހައުސްއިން ބޭއްވި ޒަކާތު ކޮންފަރެންސް ފަދަ މުހިންމު ބައްދަލުވުންތައް ބާއްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކޮށް ގިނަ އިޞްލާޙީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ހަމައެއާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ތިން އަހަރަކީ އިސްލާމީ ދާއިރާއިން ޤައުމާއި ރައްޔިތުންނަށް އެތަކެއް ކުރިއެރުމާއި ފާގަތިކަން ގެނެސްދެވުނު، ފަޚުރުވެރި އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރެވުނު ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު