ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރްއާނާއި ބެހޭ ޚާއްޞަ ވަޤްފު ބިލްޑިންގ "ދާރުއްނޫރު" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށް، އެ ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކީރިތި ޤުރުއާނަށް ޚާއްޞަކޮށްގެން ބިނާކުރާ މި ވަޤްފު ޢިމާރާތުން ލިބޭ އެންމެހައި ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކަމަށެވެ. މިއީ ވަޤްފުގެ ދާއިރާ ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން ބިނާކުރެވޭ މުހިންމު ޢިމާރާތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޖުމްލަ 15 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ބިލްޑިންގުގައި އޮފީސް ބަޔާއި، ވިޔަފާރިތަކަށް ޚާއްޞަ ކޮމާޝިއަލް އޭރިއާތަކުގެ އިތުރުން ހޯލާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީ އަދި ރެސްޓޯރެންޓް ފަދަ ޒަމާނީ ވަޞީލަތްތައް ހިމެނޭނެއެވެ. މި ޢިމާރާތް ފަރުމާކޮށްފައިވަނީ މުޅި ޢިމާރާތުން ވީހާވެސް ބޮޑު ނަފާއެއް ހޯދޭނެ ފަދަ ގޮތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ އިތުރުންވެސް، މާލެ ސަރަޙައްދުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެއީ "ދާރުލްއަރްޤަމް" އަދި "ދާރުއްސަލާމް" ވަޤްފު މަޝްރޫޢެވެ. މި މަޝްރޫޢުތައް ނިމުމުން، ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ އިސްލާމީ ދާއިރާގެ ގިނަގުނަ މަސައްކަތްތައް އަމިއްލައަށް ކުރިއަށް ގެންދެވޭ މިންވަރަށް ވުޒާރާއަށް އާމްދަނީ ލިބިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ތާރީޚީ މަޝްރޫޢުތަކެއްކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު