ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު، ތިން ކިލޯއަށް ވުރެ ގިނަ ހެރޮއިންއާ އެކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި އަތުލައިގެންފައިވަނީ ޖުމްލަ 3.2 ކިލޯގެ މަސްތުވާތަކެއްޗެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ އަށްވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ.

އެ އިދާރާއިން ބުނީ، އެ ފަސިންޖަރުގެ އަމަލުތައް ހުރިގޮތުން އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވުނު ކަމަށެވެ. އެއާއެކު، ވީއައިއޭ އިން އޭނާ ހުއްޓުވައި، އޭނާގެ ލަގެޖް ކަސްޓަމްސްއިން ފުރިހަމައަށް ބަލައިފާސްކުރިއިރު ޝައްކުކުރެވޭ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އަދި އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގައި ޝާމިލުވާ ދިވެހި ފިރިހެން މީހާގެ އިތުރުން، އަތުލައިގަނެވުނު 3.2 ކިލޯގެ މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ކަސްޓަމްސްއިން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް