67 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ބޭނުންވާ ސާމާނު ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
67 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ބޭނުންވާ ސާމާނު ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިން ކުޅެލައި މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މަހްލޫފް ވިދާޅުވީ އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިއީ ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ބަޔަކު ހީކޮށްފާނެ ކަމަށާއި އެހެން ނަމަވެސް މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ.

އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާއެކު ރަށްރަށުގައި ތިބި އެތައް ހާސް ކުޑަކުދިންނެއްގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އެކުވެރި ގައުމުކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ހަވާލުކުރުމަށް ހޯމަ ދުވަހުގެ ހަވީރު ގަަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. އެމަނިކުފާނާއެކު އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން