އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ސައިޓުގައި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރަމުން އެމްޓީސީސީން ބުނީ، މުޅި މަޝްރޫޢުގެ 25 އިންސައްތަ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. ޑިޒައިން އަދި ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ އޮޅުވެލިފުށީގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދީ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރީގެ ބަނދަރާއި އަލަށް އިތުރުކުރެވޭ ބަނދަރުގެ ސަރަޙައްދު ހިމެނޭހެން 71،551 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 657 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ޕްރީކާސްޓް އެލް-ބްލޮކް ބޭނުންކޮށްގެން 246 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ހަމައެއާއެކު، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 1،149 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުމާއި، އެކްސެސް ޕްލެޓްފޯމަކާއި، 132 މީޓަރުގެ ޖެޓީއެއްގެ އިތުރުން 27 މީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް