އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަކީ އެކި ވުޒާރާތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއްކަމަށް ބުނެ ދައްކާ ވާޙަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރުގެ ގޮތުގައި ފާހަގަވެފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާއަކީ ވަރަށް ގިނަ ތަންތަނަށް އަތްބާނާ ބޭފުޅެއްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ތެދެއްކަމަށެވެ. އަދި އެއީ ކިހިނެއް ހިނގާކަމެއްކަން މިނިސްޓަރ ވަނީ ސާފުކޮށްދެއްވާފައެވެ،

"އަޅުގަނޑު ވަރަށް ގިނަ ތަންތަނަށް އަތްބާނާ ވާހަކައަކީ، އެދައްކަނީ، އެއީ ތެދެއް އިޤްތިޞާދާ ގުޅޭ ކަންކަމުގައި، އިޤްތިޞާދަށަް ލޮޅުން އަރާނެފަދަ ކަމެއް ކޮންމެ ވުޒާރާއަކުން ނުވަތަ ކޮންމެތާކުން ކުރިޔަސް އަޅުގަނޑު އެކަމަކަށް އަތްބޭނޭތޯ މަސައްކަތްކުރަން. އެކަމެއް އެއީ ގޯސްކަމަކަށްވަންޏާ ރަނގަޅުކުރަން. ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފިން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުންކަމަށެވެ. އެގޮތުން ސަރުކާރު ސަލާމަތްކުރުމަށް ޤާނޫނުތައް ހެދުމުގެ ބަދަލުގައި އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް ކަންކަން ފަސޭހަވާނޭގޮތަށް ކަންކަން އިސްލާހުކޮށް، ޖޫރިމަނާކުރުން ހުއްޓާލުމަށް މަސައްކަތްކުރަމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފި. ކުރީގައި އޮންނަ ގޮތުން ސަރުކާރު ސަލާމަތްކުރަން މަސައްކަތްކުރަނީ. އާއްމު ރައްޔިތު މީހާއާއި ވިޔަފާރިއެއް ނޫން، ސަރުކާރުގެ މަސައްކަތް ހަވާލުކުރާ ކޮންޓްރެކްޓަރަކަށް މަސައްކަތް ނުނިންމިއްޖެނަމަ ލާރި ކެނޑޭ. އެކަމަކު ސަރުކާރުން އެބަޔަކަށް ދޭންޖެހޭ ލާރި ނުދީ ކިތަންމެ ދުވަހެއް ވިޔަސް ޖޫރިމަނާއެއް ނޯވޭ. ފިނޭންސް މިނިސްޓަރ އެބަކުރައްވާ އެކަންކަން ބަދަލުކުރުމުގެ މަސައްކަތް. ޖޫރިމަނާކޮށްގެން ފައިސާ ހޯދުމުގެ ސިޔާސަތު ދުއްވާލަނީ މި، ޖޫރިމަނާއަކީ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.

ދަރަންޏާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދަރަނި މާބޮޑުވެގެން ނޫޅޭކަމަށާއި، މާބޮޑު ތަފާތެއް ފާހަގަވެގެން އުޅެނީ ޖީޑީޕީއަށް އައި ބަދަލުތަކެއްގެ ސަބަބުންކަމަށެވެ، އަދި މިސަރުކާރުން ދަރަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"16 ބިލިއަން ރުފިޔާގެ ދަރަންޏެއް ނަގަން މިޖެހެނީ އަޅުގަނޑުމެންނަށް ލިބެން އޮތް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލުނީމަ. ބޯޑަރުތައް ބަންދުކޮށް، އިޤްތިޞާދީ ހަރަކާތްތައް ހުއްޓުނީމަ، އާމްދަނީ އެއްކޮށް ބަންދުވި. އެހެންވީމަ ދަރަނި ނަގަންޖެހެނީ. އެނޫން ގޮތެއް ނެތިގެން. އަޅުގަނޑުމެންވެސް ކަންބޮޑުވޭ ދަރަނި އިތުރުވާތީ، ދަރަނި ނުނަގާ ސިވިލް ސަރވަންޓުން ގެއަށް ފޮނުވާލަންވީހޭ. އާސަންދަ ހުއްޓާލަންވީހޭ. އެންސްޕާ ހުއްޓާލަންވީހޭ. ކިޔަވައިދިނުމުގެ ކަންކަން ހުއްޓާލަންވީހޭ. އެހެންވީމަ ދަރަނި ނަގައިގެންވިޔަސް މިކަން ކުރެވޭނެ ގޮތެއްތޯ ހޯދަންވީ. ދަރަނި ނަގާއިރު އުއްމީދާއި އުޖާލާކަން އެބަ ފެނޭ ދުނިޔޭގެ ކަންކަން އަނބުރާ ހުރި ގޮތަށް ރުޖޫއަވާނެކަން. ދަރަނި ދެއްކޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ގެންނަ ބަދަލުތަކުގެ ފައިދާ ރައްޔިތުންނަށް ފެންނާނެކަމަށެވެ، އަދި ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ދިވެހި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު އެހެން ޤައުމުތަކާ އަޅާބަލާއިރު ރަނގަޅުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން