ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުވެ މާތް ނަބިއްޔާގެ ޝަޚުޞިއްޔަތަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ދެފަހަރެއްގެ މަތިން ފަސް އަހަރު ދުވަހު ކުރެއްވި ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް އެމްޑީއެން އިން ރިޕޯޓް ނެރުނު އިރުވެސް އެޖަމިއްޔާގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ މިހާރުގެ ޕީޖީ ޝަމީމް ކަމަށް އެޖަމިއްޔާ އިން ބުނެފައިވެއެވެ. ޝަމީމް ވެސް އެކަން މުޅިން ދޮގު ނުކުރައްވާ ވިދާޅުވީ "އެމްޑީއެންގެ ރައީސް ކަމުގައި ހުރި ހަނދާނެއް ކޮންވެސް ވަރަކަށް" ވާކަމަށެވެ.

މިހާރު އުވާލާފައިވާ ކަމަށް ބުނާ އެމްޑީއެންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރުގެ ޕީޖީ ޝަމީމް ދެ ފަހަރެއްގެ މަތިން އެ ޖަމިއްޔާގެ ޗެއާޕާސަންކަން ކުރެއްވިކަމަށެވެ. އެއީ 2007 އިން 2009 އަށް އަދި 2013 އިން 2016 އަށެވެ. ޝަމީމް އެމްޑީއެންއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށް އެމްޑީއެން އިން ބުނީ ޝަމީމް އެޖަމިއްޔާގެ ޗެއާޕާސަންކަން ކުރެއްވިކަން އާންމުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓް ނެރުނުއިރު އެ ޖަމިއްޔާގެ ޗެއާޕާސަން އަކީ ޝަމީމް ކަމަށް ޖަމިއްޔާގެ އެއް ފައުންޑަރ އަދި ޝަމީމްގެ ކުރީގެ އަނބިކަނބަލުން ޝަހިންދާ އިސްމާއިލް ވަނީ ބުނެފައެވެ. ޝަމީމް ވިދާޅުވީ އެދުވަސްވަރު އޭނާ ދިރިއުޅުނީ ރާއްޖޭގައި ވެސް ނޫން ކަމަށެވެ. އަދި އެފަދަ ލާދިނީ ރިޕޯޓެއް ނެރުނު ކަން އެނގިވަޑައިނުގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ހަނދާނެއް ނެތް އެކަހަލަ (ލާދީނީ) ރިޕޯޓެއް ނެރުނު ކަމެއް. ނެރުނަސް އެ ދުވަސްވަރު ހުރީކީއެއް މާލޭގައެއް ވެސް ނޫން. އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި. އަޅުގަނޑު ހިތުން އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިފައެއް ނޯންނާނެ. އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި އޭގަ ހުރި އެއްޗެއް ކިޔާ އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި ނޫޅެން." ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއްގައި ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެމްޑީއެންއިން އިސްލްމް ދީނާ ޚިލާފު ރިޕޯޓެއް ނެރުނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން ވަނީ ރިޕޯޓަށް ބައެއް ބަދަލުތައް ގެނެސް އަލުން ޝާއިއު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު