ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ގުޅިގެން ބަޖެޓް ކުޑަކޮށް މުސާރަތައް ކުޑަކޮށް ހެދުމަކީ ހައްލެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރު ކަމުން އަރައިގަތުމަށް ބަޖެޓްކުޑަކޮށް މުސާރަތައް ކުޑަކޮށް ހެދުމަކީ ހައްލެއް ނޫން ކަމަށާއި، އޭގެ ނަތީޖާ އަކަށް ވެގެންދާނީ އާމްދަނީ ދަށްވެ ގައުމުގެ އުފެއްދުންތެރިކަން ދަށައް ދިޔުން ކަމަށެވެ. އޭގެ ސަބަބުން 5 އަހަރު ނުވަތަ ދިހަ އަހަރުގެ ތެރޭގައި ގައުމު އޮންނާނީ ތާށިވެފައި ކަމަށް އަމީރު ވިދާޅުވިއެވެ.

" ބައެއް މީހުން، ބޭފުޅުން އެބަވިދާޅުވޭ 17 ބިލިއަން ރުފިޔާ އަށް ބަޖެޓްކޮށް މުސާރަތައް ވެސް ކުޑަކޮށްލައިގެން އެކަން ކުރަންވީ ނޫންހޭ. އެއިގެން މިވާއެއްޗަކީ އުފެދުންތެރިކަން ދަށައް ދަނީ. އުފެއްދުންތެރިކަން އިތުރުކުރެވެނީ މަނީ ސަޕްލައި އިތުރުކޮށްގެން. އެއާއެކު ދައުލަތަށްލިބޭ އާމްދަނީވެސް ދަށައް ދާނެ." އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ދަރަންޏަށް ފައިސާ ނަގައިގެން ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް އެކަމުން ދައުލަތަށް އާމްދަނީ ހޯދައިގެން ދަރަނި އަދާކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިމާވެގެން މިއުޅެނީ ޝޯޓް ޓާމް މައްސަލައެއް. އަޅުގަނޑުމެންނަށް ރަނގަޅު ސިޔާސަތެއް ނުނެރިވިގެން ދިގު މުއްދަތުގެ މައްސަލަ އަކަށް ވެއްޖެއްޔާ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން ކަމަށެވެ. ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް އިސްކަން ދީފައި ވާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ހިންގާ ގިނަ ރަށްރަށުގެ ބަނދަރުގެ މަސައްކަތްކޮށް މަގު ހެދުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހަރަދު ކުޑަކުރަން ޖެހިފައިވާތީ ބޭނުންވި ވަރަށް ޕީއެސްއައިޕީގެ މަޝްރޫޢުތައް ބަޖެޓުގައި ހިމެނިފައިނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރަށް ހުށައެޅި ބަޖެޓުގެ އަމާޒަކީ ޑައިވައިސިފައިކޮށް އަދި އަޅުގަނޑުމެން މިއަދު މިތިބި ހާލަތުން ރައްޔިތުންނާ ގައުމު ވީހާވެސް އަވަހަށް އަރައިގަތުމަށްޓަކައި ފޯކަސް ކުރެވިގެން އަޅުގަނޑުމެން ހުށައަޅާފައިވާ ބަޖެޓެއް." އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން