ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވެ، ފަރުވާދިނުން ލަސްވެގެން ނިޔާވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ނިޔާވި މީހާ ނިސްބަތްވާ ދ، މާއެނބޫދޫ ހިމެނޭ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ.

އާމިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު ނިޔާވެފައިވަނީ އޭނާއަށް ފަރުވާދިނުން ލަސްވެ، ކޮވިޑް-19 އަށް ޓެސްޓު ނުކުރެވިގެންކަމަށެވެ، އަދި މިކަމުގައި ރިސޯޓުގެ މެނޭޖްމަންޓުގެ އިހުމާލުވާކަމަށް އާއިލާއިން ތުހުމަތުކުރާތީ، ނަސީރަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށް އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އާމިރު ހުށަހެޅުއްވި ކުއްކި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 35 މެމްބަރުންގެ އިއްތިފާޤުން މިމައްސަލަ ބަލައިގަތުމަށް ފާސްކުރިއެވެ.

ނަސީރުގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، އެމައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ތަހުޤީޤްކުރަމުންނެވެ. އަދި ކޯވިޑްއަށް ރިސޯޓް އޮޕަރޭޓްކުރުމަށް ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަވެސް ވަނީ ވަގުތީ ގޮތުން ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން