ބިދޭސީންނަށް ރާއްޖެއިން ރެސިޑެންޓް ވިސާ ދޭން ނިންމި ނިންމުމަށް އެމްއާރުއެމްގެ ނާއިބު ރައީސް އާމިނަތު ނާދިރާ ފާޑުވިދާޅުވުމުން، ރީކޯ މޫސާ މަނިކު އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްއާރުއެމްގެ ނާއިބު ރައީސް ނާދިރާގެ ވާހަކަފުޅުތަކަށް ރީކޯ މޫސަ ރައްދު ދެއްވާފައިވާއިރު، ނާދިރާ ވިދާޅުވީ ދެލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު އިންވެސްޓްކުރުމުން ރެސިޑެންޓް ވިސާ ދިނުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް ކަމަށެވެ. އަދި ރެސިޑެންޓް ވިސާ ބިދޭސީންނަށް ދޭން ވާނީ އެންމެ މަދުވެގެން ވެސް އެއް މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓެއް ކޮށްގެން ކަމަށް ނާދިރާ ވިދާޅުވެފައިވެއެވެ.

ނާދިރާގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން މޫސަ ވިދާޅުވީ މައުމޫންގެ ވެރިކަމުގައި އެންމެ ޑޮލަރެއްވެސް އިންވެސްޓްކުރުމެއްނެތި ލޭބަރުންގެ ގޮތުގަ ގެނައި ބަޔަކަށް، ވިސާއަކާ ނުލައި މި ޤައުމުގަ ވިޔަފާރިކޮށް މީހުންނާ އިނދެ އުމުރަށް އެވެރިން ބޭނުންގޮތަކަށް އުޅެން މަގުފަހި ކޮށްދީފައިވާކަމަށެވެ. އަދި ތިރީސް އަހަރުގެ ފިކުރު، އާ ޕާޓީ އެއް ހެދިއަސް ބަދަލެއް ނުވާނެތޯ ވިދާޅުވެ މޫސަ ވަނީ ނާދިރާއާއި ސުވާލު ކުރަށްވާފައެވެ.



ސަރުކާރުން އިމިގްރޭޝަން ގާނޫނަށް މިހާރު ގެނަސްފައިވާ އިސްލާހުތަކުގައި ރާއްޖޭގައި 250000.00 އެމެރިކާ ޑޮލަރު ނުވަތަ 3،855،000.00 (ތިން މިލިއަން އަށްސަތޭކަ ފަންސާސް ފަސް ހާސް) ރުފިޔާގެ ވިޔަފާރި ކުރާ ބިދޭސީންނަށް ރަށްވެހި ކަމުގެ ވިސާ ނުވަތަ ރެސިޑެންޝަލް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ. އެ ވިސާ ދޫކުރުމުން އެމީހަކަށް ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ދިރިއުޅެވޭއިރު ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓުކުރުމުގެ އިތުރަށް އެ ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭނެ ކަމަކީ ހަމަ އެ މިންވަރު ރާއްޖޭގެ ބޭންކެއްގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ބެހެއްޓުމެވެ.

ދިގު މުއްދަތަކަށްދޭ ރެސިޑެންޓް ވިސާ އަކީ ބޭރުގެ ގިނަ ގައުމުތަކެއްގައި މީގެ އެތައް އަހަރެއް ކުރިން ތަޢާރަފުކޮށް ދެމުން އަންނަ ވިސާއެކެވެ. މި ވިސާ ދިނުމުގައި އެކި ގައުމުތަކުގައި ގެންގުޅެނީ އެކި އުސޫލު ތަކެވެ. ރާއްޖޭގައި އަލަން ތަޢާރަފުކުރާ ރެސިޑެންޓް ވިސާ ދިނުމުގައި ގެންގުޅެން ކަނޑައަޅާފައިވާ އުސޫލާއިމެދު ބައެއް ފަރާތްތަކުގެ ޚިޔާލު ތަފާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން