އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ރައީސް ޑރ.ވަހީދު އިންޑިއާގެ ފޮރިން ސެކްރެޓަރީ އާއި ބައްދަލުކުރަނީ
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ރައީސް ޑރ.ވަހީދު އިންޑިއާގެ ފޮރިން ސެކްރެޓަރީ އާއި ބައްދަލުކުރަނީ
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންއާ، އިދިކޮޅު ކޯލިޝަނުން ބައްދަލުކޮށްފި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންއާ އެކު އިދިކޮޅު ކޯލިޝަނުން ބޭއްވެވި ބައްދަލުކުރުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގައި ބޭއްވި އެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޕާޓީގެ އެހެން އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި ފޮރިން ސެކްރެޓަރީއާ އެކު ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ޕީޕިއެމްގެ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައީސް ޔާމިން ޖަލުގައި ހުންނަވާތާ މި މަހު އަހަރެއް ފުރޭއިރު، ސަރުކާރުން އެ މައްސަލައިގައި އަމަލު ކުރަނީ ވަރަށް ނާއިންސާފުން ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރީ ގާނޫނީ ގޮތުން ފުށުއަރާ ޝަރީއަތެއް ކަމަށް ވެސް އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮރިން ސެކްޓަރީ އަރިހު ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ޖުޑިޝަލް ސާވިލް ކޮމިޝަންގެ ނުފޫޒު، އެ ދާއިރާގައި ބޮޑުކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

"ރައީސް ޔާމީނަށްދޭ އަނިޔާގެ ސަބަބުން، ސަރުކާރުން ޑިމޮކްރަސީއަށް އިހުތިރާމް ނެތްކަން ދޭހަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވޭ." ޕީޕީއެމް އިން ބުނެފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރިއާ ޕީޕީއެމުން ބައްދަލުކުރިއިރު، މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ މިންވަރަށް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަދައި، އެކި މަޝްރޫއުތަކުގައި އިންޑިއާ އަށް ބަރޯސާވާތީ އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ. އޭނާގެ ދަތުރުފުޅު ނިއްމަވައިލުމަށްފަހު މިހާރު ވަނީ ރާއްޖެ އިން ފުރާވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން