އާދަމް ޝަރީފް
އާދަމް ޝަރީފް
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް މިސަރުކާރުން ދެކޮޅު ހަދަނީ ސަރުކާރުގެ އޯގާތެރިކަމެއް ނެތުމުންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސިޔާސީ ބޭފުޅުން މީގެކުރިންވެސް އަދި މިހާރުވެސް ގެއަށް ބަދަލުކުރާ އުސޫލުން، ނުހައްގުން ޖަލަށްލާފައިވާ ރައީސް ޔާމީންވެސް ގެއަށް ބަދަލުކުރެވޭނެކަމަށެވެ. އަދި މިސަރުކާރުން އެކަން ނުކުރަނީ، އޯގާތެރިކަމެއް، އިޚްލާސްތެރިކަމެއް އަދި ހަމްދަރުދީއެއް ނެތުމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމާއި މެދު ގޮތެއް ނިންމެވޭނީ ސުޕްރީމްކޯޓު މަރުހަލާއަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަދު ވިދާޅުވެފައެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރާ މީހަކާ ދޭތެރޭ އަމަލު ކުރާ ގޮތް ގާނޫނުގައި އެބައޮތް ކަމަށެވެ. އަދިރައީސަކަށް ހުންނަ މީހަކަށް ހުރިހާ ކުށަކަށް މަޢާފު ނުދެވޭ ކަމަށާ، ރައީސް ޔާމީނާއި މެދު ގޮތެއް ނިންމޭނީ ކޯޓު މަރުހަލާއަށް ފަހުގައި ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

"ހުކުމް ތަންފީޒު ކުރާ މީހަކާ ދޭތެރޭ އަމަލު ކުރާ ގޮތް އެބަ އޮތް ގާނޫނުގައި. މިހާރު އޮންނަ ގޮތުން ރައީސަކަށް ހުންނަ މީހަކަށް ކޮންމެ ކުށަކަށް މައާފެއް ނުދެވޭނެ. އަޅުގަނޑަށް ރައީސް ޔާމީނާ ދޭތެރޭ ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓުގެ މަރުހަލާ ނިމުމުން. އޭގެ ކުރިން އަޅުގަނޑަށް ރައީސް ޔާމީންގެ މައްސަލައާ ދޭތެރޭ ވަކި ގޮތެއް ނުނިންމޭނެ." ރައީސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން