މުޒާހަރާއެއްގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް އެޗްއާރުސީއެމް އިން އަންނަނީ ބަލަމުން
މުޒާހަރާއެއްގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް އެޗްއާރުސީއެމް އިން އަންނަނީ ބަލަމުން
އައްޑޫ ސިޓީގައި ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާކޮށް ބިރުދެއްކި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެ މީހާއަށް އަނިޔާކުރި މައްސަލައިގައި އާއިލާގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، އެޗްއާރްސީއެމަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާއި ގުޅޭ ގޮތުން އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ފުލުހުންގެ ބަޔަކު އާންމުންގެ މީހަކަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ.

މައްސަލަ ބަލަމުން ދަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކަމަށްވެސް އެޗްއާރްސީއެމުން ބުނެ އެވެ. މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލައިދޭން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް ވަނީ އެދިފައެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖެންޑަރ ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، މިހިނގާ ބަންދުގެ ދުވަސްތަކަށް ފަހު މަޖިލީސް ހުޅުވުމުން ކޮމިޓީން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަަލަމުންދާނެ ކަމަށެވެ. 

އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ އާއިލާއިން ރައީސް ނަޝީދުއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް އޭނާގެ ކޮއްކޮ ގެންގޮސް ބިޑި އެޅުވުމަށްފަހު، ގައިގައި ތަޅައި، ޖިސްމާނީ އަނިޔާދީ، އޭނާގެ ކަންފަތް މަތީގައި ވެސް ތަކުރާރުކޮށް ޖަހާފައިވާ ކަމަށެވެ. އޮފިސަރުން ވަނީ އޭނާގެ ކޮއްކޮ ބެޑް ޝީޓުން އައްސައި އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ބިރުދައްކާފައި ކަމަށާއި އަދި ގައިގައި ޖެހިކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ އޭނާއަށް "ހޭއަރުވާލާނޭ" ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެމީހާއަށް އަނިޔާކޮށްފައިވަނީ ފުލުހެއްގެ "އެނާޖީ ވޭސްޓް" ވާތީ ކަމަށް ބުނެ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން