ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ފަސްކޮށްދޭން ޖީ-20ގެ ޤައުމުތަކަށް ގޮވާލުމަށް، ޖީ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ "ގްރޫޕް އޮފް 77 އެންޑް ޗައިނާ"ގެ ޚާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

"ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް،" މި ޝިއާރުގެ ދަށުން މިއަހަރުގެ "ގްރޫޕް އޮފް 77 އެންޑް ޗައިނާ"ގެ ބައްދަލުވުން ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ފަޤީރުކަން އިތުރުވެ، އާމްދަނީގެ ފަރަޤު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.



މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ޖީ-20 ގެ ޤައުމުތަކުން އިސްނަގައިގެން ފެށި "ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝީއޭޓިވް" ނުވަތަ ދަރަނި ދެއްކުން ފަސްކޮށްދިނުމުގެ ޕްރޮގްރާމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ފަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އެގޮތުން ޝަރުތުތަކަކާއި ނުލައި، މާލީ އިތުރު އެހީތެރިކަން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރ ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ. މީގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ޤައުމުތަކުން އެއް ޤައުމުން އަނެއް ޤައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިއެވެ.



ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ޤައުމުތަކުގައި އާންމުކޮށްފައިވާ ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްޤީވަމުން އަންނަ އދގެ މެމްބަރު 134 ޤައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.

ރާއްޖެއިން ނަގާފައިވާ ގިނަ ދަރަނިތައް އަންނަ އަހަރު ދައްކަން ފަށަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ދިވެހި ސަރުކާރުން ވެސް އަނަންނީ ހާމަ ކުރަމުންނެވެ. މިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ދަރަނިތައް ދެއްކުން ފަސްކޮށްދިނުމަށާއި ދަރަނިތައް މުރާޖަޢާ ކުރުމަށް މާލީ އިދާރާތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރަށް ލަފާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން