ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ ބުދަދުވަހު ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު، ދެންތިބި އެންމެންގެ ބަންދަށް ޖަހާދީފައިވަނީ 15 ދުވަސްކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރުގެ ބަަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައި، އެކަމާ ގުޅިގެން ބަަލަންޖެހޭ ބެލުންތައް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

މާލެއާއި މާލެ އަތޮޅު ކަނޑުމައްޗާއި ތ. ތިމަރަފުށީގައި ފުލުހުން ހިންގި މި އޮޕަރޭޝަންގައި މާލެއިން އެކަކު، އަދި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު، ތިމަރަފުށިން މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ބުނީ ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ.

ފުލުހުން ވަނީ މިކަން ބައިނަލްއަޤްވާމީ ފަރާތްތަކާއި ދުނިޔޭގެ ގައުމުތަކުގެ ސަމާލު ކަމަށް ގެނައުމަށް މިވާހަކަ އިނގިރޭސި ބަހުންވެސް ޓްވީޓް ކޮށްފައެވެ. އަދި އެ ޓްވީޓް ރާއްޖެއަށް ގައުމުތަކުން ކަނޑައަޅާފައި ތިއްބަވާ ބައެއް ސަފީރުންނާއި ބޭރުގައުމުތަކުގެ ރާއްޖޭގެ ބައެއް އެމްބަސީތަކުގެ މުވައްޒަފުން ވެސް ވަނީ ރިޓްވީޓް ކުރައްވާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއާއި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް ސިޔާސީ މުވައްޒަފަކު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން