މެމްބަރު އާދަމް ޝަރީފް
މެމްބަރު އާދަމް ޝަރީފް
އައްޑޫ ބަޣާވާތުން މިސާލު ނެންގެވި ފަދައިން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާދިޔަ ކަންކަމުންވެސް މިސާލު ނަންގަވާފާނެ ދުވަހެއްވެސް އަތުވެދާނެތޯ ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް، ރައީސް ނަޝީދަށް ސުވާލެއް ކުރިމަތިކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެނެވެ.

އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ. އަދި ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން 1959 ވަނަ އަހަރު އުފެއްދި ސުވާދީވް އަކީ ޖުމްހޫރިއްޔަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެެވާހަކަފުޅުތަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ "ޑިވައިޑް އެންޑް ރޫލް"އަކީ އިނގިރޭސިން ރާއްޖެއަށް އަތްގަދަކޮށްގެން އުޅުނުއިރު ގެންގުޅުނު ފިކުރެއްކަމަށެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ބުނަނީ ޔުނިޓަރީ ދައުލަތެއްގެ ވާހަކަ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ޝަރީފް ވަނީ އައްޑޫ ބަޣާވާތުން މިސާލު ނެންގެވި ފަދައިން، 7 ފެބްރުއަރީގައި ހިނގި ކަންކަމުން މިސާލު ނަންގަވަން ކެރިވަޑައިގަންނަވާނެތޯ ވިދާޅުވެ ރައީސް ނަޝީދާ ސުވާލުކުރައްވާފައެވެ.



ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ނަޝީދުވިދާޅުވީ ސުވާދީވް ދަޢުލަތަކީ ދިވެހީންގެ ވެރިކަމެއް ކަމަށާއި، އެއީ ދިވެހީން ހިންގި ވެރިކަމެއް ކަމަށެވެ. އަދި އެއީ ދިވެހީންގެ އެތައް ބަޔަކު ބޭނުންވެގެން ހިންގި ވެރިކަމެއް ކަމަށްވާތީ އެވާހަކަ ދެއްކެވުމަކީ އެމަނިކުފާނަށް އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ސީދާގޮތުންނާއި ނުސީދާގޮތުން އެކި ބޭފުޅުން ދަނީ ރައީސް ނަޝީދުގެ ވާޙަކަތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، ބަހުގެ ހަމަލާތައް ދެއްވަމުންނެވެ، އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަންތަ ކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ސީދާ ކޮން ކަމަކަށްކަން ވިދާޅުނުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްޙޫމަށް ވާހަކަ ނުދެއްކެވުމަށް އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރަށްވައިފައެވެ.

ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ބިމުގެ ވަހުދަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެން ކަމުން ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފުހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން