ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެދާއިރާއާ ގުޅޭ ޕްލޭނެއް އެކުލަވާލައިފައި ނެތުން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވޭތުވެދިޔަ ދެއަހަރުގެ ކާމިޔާބީއާއި ގުޅޭގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމް ކުރިއަރުވަށް އެކަމަނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރާ ގުޅޭ ޕްލޭނެއް އެކުލަވާލާފައި ނެތުން ކަމަށާއި، ޕްލޭނެއް ނެތި ފަހަރަކު ކަމެއް ވަކިވަކިން ކުރަންޖެހުމުން ދަތިތަކެއް ދިމާވާ ކަމަށެވެ.

އެކަންކަން ހައްލުކޮށްގެން ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލައި އެދާއިރާ ތަރައްގީކުރުމަށް ޕްލޭނެެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކޮށް ފަސޭހައިން އެއްތަނުން އަނެއް ތަނަށް އެކްސެސް ވުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކުގެ ޕްލޭނެއް އެކުލަވާލަން ފަށައިފައިވަނީ. އެމަސައްކަތް ކުރިއަށްދާކަން އަޅުގަނޑު ފާހަގަކޮށްލަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ހަމައެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މަސައްކަތް ފަށާފައި ނުނިމި ހުރި އެއަރޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި މާވަރުލު އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވާކަން މިނިސްޓަރު ވަނީ ފާހަހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ ޅ.އަތޮޅު މަޑިވަރުގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ފަށާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް މިމަހު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

"މި އެއަރޕޯޓްތަކާއިއެކު ވައިގެ ދަތުރުފަތުރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން