މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު
ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤަނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރު. ޤަނޫނު ހައްދަވާ ބޭފުޅުން ޤާނޫނު ހައްދަވާނީ. އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭ. ނަމަވެސް ސަރުކާރަށް ފާރަވެރިވާންޖެހޭ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަންނޭނގޭ އެބޭފުޅުންނޭ ސަރުކާރު ހިންގަވަނީ.. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެބޭފުޅުންގެ ޒިންމާއެއް ނޫން. ޕީޕީއެމް ސަރުކާރުގައި ޖުޑީޝަރީ ވަރަށް ބާރުގަދަކޮށް އޮތްތަން ފެނުނީ. ސުޕްރީމްކޯޓު މާބާރުގަދަކޮށް ފެނުނީ. މިހާރު އެ ސިފަ މިފެންނަނީ މަޖިލިސް ތެރެއިންވެސް. މިއީ 3 ބާރު ވަކިވެފައިވާ ނިޒާމެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް." ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެންނަން ކުރާ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ ރާއްޖެއަށް އެންމެ ކާމިޔާބު ނިޒާމަކީ ރިޔާސީ ނިޒާމްކަމަށާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގައިވެސް އޮންނަނީ އެނިޒާމްކަމަށެވެ. އަދި އެހެން އެއްވެސް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ބަރުލަމާނީ ނިޒާމް ގެންނަން އުޅެނީ ބައެއްގެ އަމިއްލަ މަސްލަހަތަށްކަމަށްވެސް މަލީހް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމެއް ގެންނަން ފުރުޞަތެއް ނުދޭނަން. ވަރަށް ސާފުކޮށް މިދަންނަވަނީ. އަޅުގަނޑުމެން ޤަބޫލުކުރީ ރާއްޖެއަށް އެންމެ ކާމިޔާބު ނިޒާމަކީ ރިޔާސީ ނިޒާމްކަން. ދުނިޔޭގެ މިވަގުތު އޮތް އެންމެ ކާމިޔާބު ޤައުމުގައި މިނިޒާމު އޮވެމެ، އެހެން އެއްވެސް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. ބައެއް އަމިއްލަ މަސްލަހަތު ކުރިއެރުން ފިޔަވައި. އަޅުގަނޑަކަށް ނުވެސް ފެނޭ މިނިޒާމު ބަދަލުވާނެތަނެއް. ރައްޔިތުންގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން މިނިޒާމު އަޅުގަނޑުމެން ގެނައީ." މަލީހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މަލީހު ދެއްވާފައިވާއިރު، އިންޓަނެޓްގެ ޚިދުމަތުގެ މައްސަލައިގައި މަލީހުއަކީ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ އިތުރުން އާންމު ރައްޔިތުންގެ ވެސް ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވަމުންދާ ބޭފުޅެކެވެ.

މަލީހް ވިދާޅުވީ ފާޑު ކިޔުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ގިނަ ފަހަރު ފާޑު ކިޔަނީ ހަޤީޤަތާއި ޚިލާފަށް، އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

ބުނެވޭ ގޮތުގައި ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި މަލީހަކީ މިސަރުކާރު ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު ޖަމީލުގެ މަސްލަހަތާއެކު ޖުމްހޫރީ ޕާޓީގެ ތެރެއިން ވަޒީރު ކަމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައި ކުރިން ހުންނެވި ޑރ. ޖަމީލު މިހާރު ވަނީ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ. އަދި ޑރ. ޖަމީލަކީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވެސް ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


5

އިބުރާހިމް ވަހީދު

15-Nov-2020

މިއީ ހާދަ ކަނޑުކޮސް ވަޒީރެއް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ކަން ނުދަންނަ ވަޒީރެއް. ރައްޔިތުން ބުނާގޮތަށް ސަރުކާރު ހިންގަންޖެހޭނީ



ޓްރެންޑިން