"ސިނަމާލެ" ބްރިޖްގެ މެއިންޓަނަންސް މަސައްކަތްކޮށް ބްރިޖް ބެލެހެއްޓުން އިތުރު 5 އަހަރު ދުވަހުގެ މުއްދަތަށް ޗައިނާގެ ސީސީސީސީ ކުންފުނިން ހަވާލުވެއްޖެއެވެ.

ސިނަމާލެ ބްރިޖު އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން ސީސީސީސީ ކުންފުނިން ބްރިޖު ބަލަހައްޓަން ހަމަޖެހިފައި އޮތީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބްރިޖުގެ މެއިންޓަނަންސް މަސައްކަތުގެ މުއްދަތު ހަމަވުމުން، އިތުރު 5 އަހަރަށް ބްރިޖު ބެލެހެއްޓުމުގެ މަސައްކަތާ އެކުންފުނިން ހަވާލުވެފައިވާކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ބްރިޖުގެ މެއިންޓަނަންސް ޚަރަދު ހިމަނާފައިނުވަނީވެސް އެސަބަބާހެދިކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިޖު އެއްބަސްވުމުގައި ކުރިން އޮތްގޮތުން ބްރިޖު ހުޅުވާތާ ދެ އަހަރަށްފަހު ބްރިޖު ބެލެހެއްޓުމުގެ މަސައްކަތާ ދިވެހި ސަރުކާރުން ހަވާލުވާންޖެހެއެވެ.

ހުޅުމާލެ އާއި މާލެ އަދި ހުޅުލެ ގުޅުވާލައިދޭ ސިނަމާލެ ބްރިޖު ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގެރޭގައެވެ. ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިއަން ޑޮލަރަކީ ޗައިނާގެ ލުއި ލޯނު އެހީއެވެ. ބާކީ ބައި ޚަރަދުކޮށް ފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ. މި ބްރިޖަކީ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ ބްރިޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން