ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ގަވަރުނަރު އަލީ ހާޝިމް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ގަވަރުނަރު އަލީ ހާޝިމް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެއްސެވީ މާލީ އިދާރާތަކުން ދިން ލަފާގެ "އެއް ބައި" ކަމަށް ވިދާޅުވެ އަމީރު ގެންގުޅުއްވާ ވިސްނުންފުޅާ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރު މެދުވެރިވެގެން ވީހާވެސް ބޮޑަކަށް އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިގުތިސޯދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫއުތައް ފަށައި، އިގުތިސޯދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްގީ އަށް އިންވެސްޓްކުރަންވީ ވަގުތު." ބަޖެޓް ހުށައަޅުއްވަމުން އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އެގޮތަށް ވިދާޅުވީ މާލީ އިދާރާތަކުގެ ލަފާތަކަށް ހަވާލާ ދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވީ، މިނިސްޓަރު އަމީރު އެއްސެވީ މާލީ އިދާރާތަކުގެ ލަފާގެ އެއްބައި ކަމަށެވެ. ގަވަރުނަރު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އިތުރުން ވޯލްޑް ބޭންކުގެ ލަފަޔަކީ ހުއްޓުމެއް ނެތި މަޝްރޫއުތައް ކުރިއަށް ގެންދިއުން ނޫން ކަމަށާއި ކުއްލިއަކަށް ކަންކަން ހުއްޓާ ނުލުން ކަމަށެވެ.

"މިހާރު ހުރި ޕޮލިސީސްތައް ކުއްލިއަކަށް ހުއްޓާނުލާށޭ. ހުއްޓާލައިފިއްޔާ އެ އަންނަ ޝޮކު މާ ބޮޑުވާނޭ އިކޮނޮމީ ތެރޭގައި. އެހެންވީމާ ވަރަށް ގްރެޖުއަލްކޮށް ގެންދާށޭ." ގަވަރުނަރު ވިދާޅުވި އެވެ.

ކޯވިޑް-19އާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުވުމާއެކު އަންނަ އަހަރު ޚަރަދު ކުރުމުގައި އެންމެބޮޑު އިސްކަމެއް ދޭންވީ ކާބޯތަކެތީގެ ޚަރަދުތަކާއި ވަޒީފާތަކުގެ ޚަރަދު ހަމަޖެއްސުމަށް ކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އެމްއެމްއޭގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި، އެނޫންވެސް އެހެން ބައެއްކަންކަން މަޑު ޖައްސާލުމަށް ގަވަރުނަރު ވަނީ ލަފާ ދެއްވާފައެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ތަކަކީ ދިގު ރާސްތާގައި އިގްތިސޯދާއި ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދޭ މަޝްރޫއު ތަކެއްކަން ޔަގީންކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށް ހާޝިމް ވިދާޅުވިއެވެ. ގަވަރުނަރު ވިދާޅުވީ"ގްރީން" އަދި "އިނޮވޭޓިވް" ފައިނޭންސިން ރާއްޖެއަށް ފައިނޭންސް ލިބިއްޖެނަމަ "ކޮންސެޝަނަލް" ކޮށް ލުއި ފަސޭހަ ގޮތަކަށް ފައިސާ ލިބިދާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގުޅިފަޅުގައި ބަނދަރު ހެދުމާއި "ތިލަ-މާލެ" ބްރިޖު މަޝްރޫއު ފަދަ ބިޔަ މަޝްރޫޢުތައް ހިމަނާފައި ވެއެވެ. މީގެ އިތުރުން ޕީއެސްއައިޕީގައި ހިމެނޭ ފެނާއި ނަރުދަމާގެ އަދި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަން ބަޖެޓުގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން