ބަޖެޓް ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް
ބަޖެޓް ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމެޓީއަށް މިހާތަނަށް ހާޒިރުކުރި މިނިވަން މުވައްސަސާތަކުން ބަޖެޓް ކުޑަވެގެން ޒިންމާ އަދާ ނުކުރެވޭނެ ކަން ހާމަކޮށްފައިވާ ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހަންމަދު ނާޝިޒް ވިދާޅުވީ، މިހާތަނަށް ބަޖެޓް ކޮމެޓީއަށް ހާޒިރުކުރި މިނިވަން މުވައްސަސާތަކުން ލިބިފައި އޮތް ބަޖެޓް ކުޑަވުމުގެ ސަބަބުން އެފަރާތްތަކުގެ ޒިންމާ އަދާނުކުރެވޭނެ ކަމަށް ބުނެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިހާރު ލިިބިފައި އޮތް ބަޖެޓުން މެނޭޖްކޮށްލެވޭނެ ކަމަށް ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"މިނިވަން މުވައްސަސާތަކުން ވިދާޅުވި މިހާރު ބަޖެޓް އޮތް މިންވަރުން އެބޭފުޅުންގެ ޒިންމާ އަދައެއް ނުކުރެވޭނެއޭ، މިވެނި ވަރެއް ލިބިގެން ނޫނީ އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން ދަތިވާނެއޭ." ނާޝިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިޒް ވިދާޅުވީ ޚަރަދުތައް ކުޑަކުރިޔަސް ރިކަރަންޑް ޚަރަދުތައް ކުޑަ ނުކުރެވޭނެ ކަމަށާއި، ހުއްޓާލަންޖެހޭނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަށް ކަމަށެވެ. ކުރިން ފަށައި ހިނގަމުންދާ ޕްރޮޖެކްޓެއް ކުއްލިއަކަށް ހުއްޓާލައިފިނަމަ ފަހުން އެކަން ފެށުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެން ހިގައިދާނެތީ އެކަމަށް ވިސްނަންޖެހޭ ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ. ބަޖެޓްގައި ޕީއެސްއައިޕީ އާއި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚަރަދުކުޑަ ކުރާނަމަ އަޅުގަނޑުމެންނަށް ކުޅެވެން މި އަންނަނީ ޕީއެސްއައިޕީ ޕްރޮޖެކްޓާ. އޭގެތެރެއިން ވެސް ބައެއް ޕްރޮޖެކްޓްތަކަކީ ފައިނޭންސިންގެ ތެރެއިން އައިސްފައި ހުރި ޕްރޮޖެކްޓްތަށް. އަނެއް ބައި ޕްރޮޖެކްޓްތަކަކީ ކޮންޓިނިއުސް ކުރާ ޕްރޮޖެކްޓްތައް. އެހެން ހުރި ޕްރޮޖެކްޓްތައް ހުއްޓާލީމަ ދެން އެއިން ލިބެނީ ފައިނޭންޝިއަލީ ގެއްލުންތޯ ނުވަތަ ފައިދާތޯ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް." ނާޝިޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން