ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖޭގެ އިގުތިސާދު ފުޅާކޮށްގެން ނޫނީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިދިޔަ އަހަރު އޮތް ވަރަށް އިގުތިސާދު ފުޅާކުރުން ކަމަށެވެ. އިގުތިސާދު އެގޮތަށް ފުޅާކޮށްގެން ނޫނީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"ދެން އަަޅުގަނޑުމެން ތިބެން ޖެހޭނީ ވިޝަސް ސާކަލްއެއްގައި، މި އިގުތިސާދު ދާނީ ކުޑަވަމުން ކުޑަވަމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިހާލަތުގައި އިގުސާދީ ގޮތުން ކަނޑައަޅާ ސިޔާސަތެއްގެ ސަބަބުން މި ހާއްސަ ހާލަތް ދިގުމުއްދަތުގެ މައްސަލައަކަށް ވެދާނެ ކަމަށްް ދުނިޔޭގެ އިގުތިސާދީ މާހިރުން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަމީރު ވަނީ ދައުލަތަށް ލިބޭ އާމްދަނީއާ އެއްވަރަށް ބަޖެޓު ކުޑަކޮށްފި ނަމަ ރާއްޖޭގެ އިގުތިސާދު ކުޑަވެ، ދިގު މުއްދަތުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަން ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅާލުމަށް އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު ހަމަޖެހިފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބަޖެޓު ހުށަހެޅި އިރު ސަރުކާރުން ވިސްނާފައި ވާނީ މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. މިހާރު އޮތީ ވަރަށް އަވަސް އަވަަހަށް ބަދަލުވާ، ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ހާލަތެެއްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިގުތިސާދު މިހާރު މި އޮތީ ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގައި. އަށްޑިހަ ފަސް ބިލިއަން ރުފިޔާ އިން އަަޅުގަނޑުމެންގެ އިގުތިސާދު ކުޑަވެގެން މި ދިޔައީ 54 ބިލިޔަން ރުފިޔާ އަށް." ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓްގަައި ޖަހާފައިވާ ބޮޑެތި މަޝްރޫއުތައް ގިނަ ކަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އެމްއެމްއޭގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި، އެނޫންވެސް އެހެން ބައެއްކަންކަން މަޑު ޖައްސާލުމަށް ގަވަރުނަރު ވަނީ ލަފާ ދެއްވާފައެވެ. ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން ގަވަރުނަރު އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.

ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ހީނަރު ވެފައިވާތީ، ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ. މިހާލާތުގައި ކެޕިޓަލް މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދަން ޖެހިއްޖެ ނަމަ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރޭޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަން ގަވަރުނަރު އަލީ ހާޝިމް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން