މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ މިންވަރަށް އާމްދަނީ ނުލިބޭ ކަމަށް ވިދާޅުވެ އެ ބަޖެޓަކީ "ޅޮސް ޅަކުޑި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓްގެ ބަހުސްގެ މަރުހަލާގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި މޮޔައިން ނޫޅޭ ކަމަށާއި، ބަޖެޓްގައި ލަފާ ކުރާ މިންވަރަށް އާމްދަނީ ލިބޭނެ ކަމަށް އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށެވެ.

"މީގައި މިއަންނަ އަހަރަށް ކުރެވިދާނެ ކަމަށް ދެކިގެން އަޅުގަނޑުމެން އެމަގަށް މިސްރާބު ހިފުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެެރަލް ހަސަން ޒިޔަތު މަޖިލީހަށް ދެއްވާފައިވާ ލަފާ ބަޖެޓް ކޮމިޓީގެ މެމްބަރުން ރަނގަޅަށް ވިދާޅުވުމަށް ރައީސް ނަޝީދު ވަނީ ބަހުސް ފެށުމުގެ ކުރިން އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ ބަޖެޓްގެ ބޮޑުބައި އޮތީ ދަރަނި އަދާކުރަން ކަމަށެވެ.

އެހެން ނަމަވެސް އެގޮތަށް އޮތް ބަޖެޓް ރަނގަޅު ކަމަށް މެމްބަރުން ވިދާޅުވާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ހަގީގަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓްގައި އޮތީ އެންމެ 3.1 ބިލިޔަަން ރުފިޔާ ކަމަށެވެ. އެއާ އެކުގައި ހިންގުމުގެ ހަރަދު 21 ޕަސެންޓުން ދަށްކޮށްފައިވާ ކަމަށާއި ބަޖެޓް ގޯސްވެ މިދަނީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައި ވާތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ބަޖެޓާ ބެހޭ ގޮތުން ތިޔަ އިއްޒަތްތެރިން ދައްކަވާ ވާހަކައެއް ކަމަށް އަޅުގަނޑު ފާހަގަ މިކުރަނީ ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްވެސް ވަނީ ބަޖެޓުގައި ހިމަނާފައި ހުރީ އިޤްތިސާދީ ހާލަތާއި ނުބައްދަލު މަޝްރޫއުތަކެއް ކަން ފާހަގަކުރައްވާފައެވެ. މާލީ ވަޒީރު އިބްރާހިމް އަމީރު އައްސަވަނީ މާހިރުންގެ ލަފާގެ އެއްބައި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"އަންނަ އަހަރު ލަފާ ކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްމެންޓް ދަތިވެ، މަޝްރޫޢުތައް ނުހިންގުން އެކަށީގެންވޭ." ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމްވެސް ވަނީ ބަޖެޓު އަނބުރާ ގެންގޮސް ކުޑަ ބަޖެޓެއް ހުށައެޅުމަށް ގޮވާލައްވާފައެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން