ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 110 މީހުން ޕޮޒިޓިވްވެ 27 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،314 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ.

ގިނަ ދުވަސް ތަކެއް ވަންދެން 50އިން ދަށުގައި ބަލިޖެހޭ މީހުންގެ އަދަދުތައް ހުރުމަށްފަހު މިއަދު މިއީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން އަކުރުގެ އަދަދަށް އިތުރުވި ދުވަހެކެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 947 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 24 މީހުންނެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 59 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 1،828 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 277 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 27 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 11،316 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 52 ފަތުރުވެރިންނާއި 128 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 10 ރަށެއްގައި ބައްޔަށް ޕޮޒިޓިވް މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން