ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު
ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު
ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، މުލްހާ ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީގެ 85 ވަނަ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން، ޤާޟީ ބާރީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ މެޖިސްޓްރޭޓް މުލްހާ ޢަލީ ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މެޖިސްޓްރޭޓް މުލްހާ ޢަލީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެވެ.

މިމައްސަލަތަކުގެ ތަޚްޤީޤުގެތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ އަބްދުލްބާރީ ޔޫސުފުއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަންވެސްވަނީ ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ. އަދި އޭރު ޝަރީޢަތްތައް ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި، ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފުލެޓަށް ފައިސާ ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފާ ބެހޭގޮތުން ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖޭއެސްސީއަށް އަންގާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ހުރީ ސަސްޕެންޑްކުރެވިފައި ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މެޖިސްޓްރޭޓް މުލްޙާ ޢަލީގެ މައްޗަށް ތަހްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، މެޖިސްޓްރޭޓް މުލްޙާ ޢަލީ، ދިފާޢީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާޢީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މެޖިސްޓްރޭޓް މުލްހާ ޢަލީ ދިރިއުޅޭ ގެއަށްގޮސް މުލްހާ ޢަލީއާ ބައްދަލުކުރާކަމާއި، 2019 އޮކްޓޫބަރު 19 ވަނަ ދުވަހު މެޖިސްޓްރޭޓް މުލްހާ ޢަލީގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޛު ފޯރުވައި ތަޙްޤީޤަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މެޖިސްޓްރޭޓް މުލްޙާ ޢަލީ ޢަމަލުކުރިކަމާއި، މުލްހާ ޢަލީގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ޚިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މުލްޙާ ޢަލީ މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާ މައްސަލަ ހިމެނޭ ކަމަށް ޖޭއެސްސީން ހާމަ ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން