ޞާދިރު ޢަލީދީދީ   18 ނޮވެމްބަރު 2020 - 13:53
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 04

................

[ހަމަ ތެދެއްތަ ތިބުނީ. ލަމްހާ ހާދަ ނަޞީބު ރަނގަޅޭ.] ލަމްހާގެ ވާހަކަތައް އަޑުއަހަން އިރުކޮޅެއް ވަންދެން ގަނޑުވެފައިކަހަލަ ގޮތަކަށް އިނދެފައި ސާދުނާ އެއްސެވެ.

[އަހަރެންވެސް ލަމްހާހާ ރީތިނަމަ.] ހިތާހިތާ ސާދުނާއަށް ބުނެލެވުނެވެ.

[އަހަންނަށް ހިތްހަމަޖެހޭ ބައިވެރިޔަކު ލިބުނީމާ، ސާދުނާ އުފަލެއްނުވޭތަ؟] ސާދުނާގެ މޫޑުހުރިގޮތް ފެނި، ލަމްހާ ސާދުނާގެ ކޮނޑުގައި ކޮށްޓާލަމުން އެހިއެވެ.

[އުފަލެއްނުވޭ...ޖޭ ވަނީ...] ސާދުނާ އަނެއް ފަރާތަށް އެނބުރުނެވެ. ވަގުތުން ލަމްހާގެ މޫނުމަތީގެ އުފާވެރިކަން ގެއްލުނެވެ.

[އަޅެ ސީރިއަސްކޮށްތަ؟] ލަމްހާ ދެރަވިއެވެ. ސާދުނާ އަޑުގެކޮޅަށް ހީގަތީ ދެނެވެ. އޭރު ލަމްހާ ހުރީ ކަރު އެލުވާލައިގެންނެވެ.

[ހާދަ ސީރިއަސް ތިވީ.....ޙަޤީޤަތުގައި ލަމްހާ ލޯތްބެއްގެ ބިންގާ އެޅީމަ އަހަރެންވެސް މިހުރީ ނިކަން އުފާވެފައި. އަދުހަމް ލަމްހާއާ ވަރަށް ގުޅޭނެ.] ސާދުނާ ހީހީފައިި ލަމްހާގެ ކޮނޑުގައި ޖެހިގަތެވެ.

[އަޅޭ....ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު. ދޮގުނުހަދާ ބުނެބަލަ، އަދުހަމް އަހަންނާ ގުޅޭތަ؟] ލަމްހާ ސާދުނާގެ ކޮނޑުގައި އަޅާ ކޮއްޕާލިއެވެ.

[ގުޅޭހޭ؟ ފިރިހެނަކާ އަންހެނަކު ގުޅޭނީ ތިވަރަށް. ލަމްހާ ތީ ރީތި ހުސްކޮށްފައިވާ އަންހެން ކުއްޖެއް. އެހެންމެ އަދުހަމަކީ ރީތި ހުސްކޮށްފައިވާ ޒުވާނެއް. އެކުގައި ހިނގާލާފައިދާއިރު، ހީވާނީ ބޮލީވުޑްގެ ދެތަރިން، ފިލްމެއްގެ މަންޒަރެއްގައި ޙަރަކާތްތެރިވަނީހެން.] ސާދުނާ ބުންޏެވެ. ލަމްހާގެ ހިތް އުފަލުން ނަށަން ފެށިކަހަލައެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުންދެއެވެ. ފާއިތުވެދިޔަ ކޮންމެ ދުވަހަކީވެސް ލަމްހާއާއި އަދުހަމްގެ ލޯބި ބަދަހިވެ، އިތުރު ބާރުތަކެއްލެވޭ ދުވަހެކެވެ. ކޮންމެ ދުވަހަކުވެސް އެ ދެލޯބިވެރިން ތަފާތު މައިޒާންތަކުގައި ތިބެ، ލޯބީގެ ވަޢުދުތަކާއި އަހުދުތައް ކުރެއެވެ. އެކަކު އަނެކަކަށް ވަކިނުވާނެ ކަމަށް ބުނެއެވެ. މަރުވަންދެންވެސް އެކެއްގެ ލޯބި އަނެކާގެ ހިތުގައި ބިންވަޅު ނެގިފައިވާނެޔޭ ބުނެއެވެ.

އެފަދަ ދުވަހެއްގެ އެފަދަ ބައްދަލުވުމެކެވެ. މިހާރުވެސް ވިލިނގިލި ގޮނޑުދޮށުގައި ރާޅުޖަހާފަށުގައި ތިބެ، އެދެލޯބިވެރިން ދައްކަމުން އެދަނީ އެއްވާހަކަތަކެކެވެ. ތަކުރާރު ކުރަނީ ދާދި އެއް ޢިބާރާތްތަކެކެވެ.

[ހިތަށްއަރާ، މިރޭ މިގޮތަށް ތިބެފައި މާދަމާ ކަންތައް ވެގެންދާނީ ކިހިނެއްބާއޭ. ހަމަގައިމުވެސް މިނޫން އެހެން ދުވަހަކަށް އަހަންނެއް ނޭދެން. މާތްރަސްކަލާނގެ މިންވަރުފުޅުން މިނޫން ދުވަހެއް އަހަންނަށް ނުދައްކަވާށި....] އަދުހަމް ލަމްހާ، އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ލަމްހާ ހީވީ ފިޔޮކެއް ކުކުޅު ބަނޑުދޮށަށް ވަދެ ބޮނދާލިހެންނެވެ.

[އަދޫ...ތިހެން ހިތަށްއަރުވާކަށްވެސް ނުވާނެ. އަހަރެމެންގެ މިއުފާވެރި ގުޅުން ދާއިމްނުވެ، އެހެން ގޮތެއް މެދުވެރިވެއްޖެއްޔާ، އަހަރެން މޮޔަވެދާނެ....] ލަމްހާ ނުހަނު ޢިޝްޤީ ރާގުގައި ޖަޒްބާތީ އަޑަކުން ބުންޏެވެ. އަދުހަމް ކުރިއަށްވުރެންވެސް ލަމްހާ، އޭނާގެ ހަށިގަނޑާ ގާތަށް ލަފާލިއެވެ.

[ކިތަންމެ ރޭވިޔަސް، އަހަރެމެންނަކަށް ތަޤްދީރެއް ނުރޭވޭނެ. ތަޤްދީރު ރޭވެމުންދާގޮތެއް ކުރިއަކުން ނުވެސް އެނގޭނެ.] ކަލާނގެ ކުޅަދުންވަންތަކަމާ ދޭތެރޭ އަދުހަމް ވިސްނާލިއެވެ.

[ތީވެސް ރަނގަޅު ވާހަކައެއް. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ލޯތްބަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް، އަހަރެމެންގެ ތަޤްދީރުގައި ނުވާނެ.] ލަމްހާ ލޯމަރާލިއެވެ.

[ލަމް....ތިހާ ފޮނި ހުވަފެން ދެކި އުއްމީދު ތިކުރަނީ، އަދި ނޭނގެއެއްނު...އަހަރެމެންގެ މިގުޅުމާ ދޭތެރޭ ލަމްގެ މައިންބަފައިންގެ ޚިޔާލެއްވެސް.]

އަދުހަމް ހަނދާންކޮށްލަދިނެވެ. ނަމަވެސް، އެއީ ލަމްހާ ވިސްނާ ދާއިރާއެއް ނޫނެވެ. އޭނާ، އޭނާގެ މަންމައާއި ބައްޕައަށް އިތުބާރުކުރެއެވެ. އޭނާގެ ހިތްހަމަޖެހުމާއި އުފާތަކަށް މަންމައާއި ބައްޕަ ހުރަސްއަޅާފާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ވާނީވެސް އެހެންތާއެވެ. ޒައިނަބާއި ޖާވީދު ލަމްހާދެކެ އިންތިހާއަށް ލޯބިވެއެވެ. ދެވަނަ މިސާލެއް ނެތްފަދައަށެވެ.

ދަރިންގެ މުސްތަޤްބަލާ ދޭތެރޭ ވިސްނައި، ދިރިއުޅުމުގެ ބިންގާ ޚިޔާރުކޮށްދެނީވެސް ދަރިންދެކެ ލޯބިވާ މައިންބަފައިންނެވެ. ވީމާ ލަމްހާގެ މުސްތަޤްބަލަށްޓަކައި ބައިވެރިޔަކު ޖާވީދާއި ޒައިނަބުވެސް މިހާރު ޚިޔާރުކޮށްފައިވުމީވެސް ނުވުމަށްވުރެން ވުން ގާތް ކަމެކެވެ.

[އަހަރެންގެ ބައްޕަމެން އަހަރެން ގާތު އަހާނުލާ އެއްވެސް ކަމެއް ނުނިންމާނެ. ބައްޕައާއި މަންމަ އަހަރެންދެކެ ވަރަށް ލޯބިވާނެ.] ލަމްހާ، އޭނާގެ މައިންބަފައިންނާމެދު ފަޚްރުވެރިވާ ކަހަލައެވެ.

[އަހަރެންގެވެސް އުއްމީދަކީ ތިޔައީ....] އަދުހަމަށް މިހެން ބުނެވުނު ވަގުތު އެމީހުނާ ދާދި ކައިރިން ނިކަން ވަރުގަދަ އަޑުފަށްގަނޑެއް އިވި، ދެވެރިންނަށް އެކުގައި ސިހިފައި އެނބުރިލެވުނެވެ. ލަމްހާއަށް ބާރަށް އަދުހަމްގެ ގައިގައި ހިފަހައްޓާލެވުނެވެ. އެވަގުތު ކުއްލިއަކަށް މޫސުމްވެސް ބަދަލުވެއްޖެހެން ހީވިއެވެ.

[ލަމް.....ބިރުނުގަނޭ.....] އަދުހަމް ދޮންވެލިގަނޑުން ތެދުވެ، ލަމްހާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އޭރު އޭނާވެސް ހުރީ ހިސާބަކަށް ބިރުގެންފައެވެ. ނަމަވެސް، އޭނާ އެކަމެއް ލަމްހާއަކަށް ނުދައްކައެވެ. ލޯބިވެރިޔާގެ ކުރިމަތީގައި ފިނޑި މީހަކަށްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން، އިވުނު އަޑާ ދޭތެރޭ އިތުރަށް ބަޙުޘް ކުރުމެއްނެތި، އޭނާ ލަމްހާގެ އަތުގައި ހިފައިގެން ފެރީ ގިމަތައާ ދިމާއަށް ހިނގައިގެންފިއެވެ.

[[ލަމް ތިހުރީ ވަރަށް ބިރުގެންފަދޯ؟ އެއީ ރުކަކުން އުނބެއް ވެއްޓުނު އަޑޭ.....] ޓިކެޓް ކައުންޓަރުން ޓިކެޓް ގަނެގެން އައިސް ފެރީއަށް އަރަމުން އަދުހަމް ބުންޏެވެ.

[އެކަމަކު ހާދަ ހީނުވެޔޭ އެއީ އެކަހަލަ އަޑެއްހެން. ދެން އަހަންނަކަށް ލާހިކެއް ނޫން، ރޭގަނޑެއްގައި މިރަށަށް އަންނާކަށް....ވަރަށް ބިރުގެންފި.] އެއީ ރުކަކުން އުނބެއް ނޫނީ ކާށްޓެއް ވެއްޓުނު އަޑު ކަމަކަށް ލަމްހާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

[ދެން އެ އަޑާ ދޭތެރޭ މާބޮޑަށް ވިސްނާނެ ކަމެއް ނެތް. އަހަންނަށް ޔަޤީން، އެއީ އެއްވެސް ނާމާން އަޑެއް ނޫންކަން.] އަދުހަމް ބޭނުންވީ ލަމްހާ ގެންފައިވާ ބިރުފިލުވާށެވެ. ނަމަވެސް ލަމްހާގެ ބިރެއް ނުފިލިއެވެ.

[ބިރުން ހަލާކުވެއްޖެ. ފިސާރި ތެދެއް މިބުނީ. ހީވީ ފައިދަށުން އިވުުނު އަޑެއްހެން.]

ޖެހިގެން އައި ދުވަހު ހެނދުނު އަދުހަމް، އެރޭގެ ޙާދިޘާ، ޝިޔާޒަށް ކިޔައިދިނެވެ.

[ވިލިނގިލީގައި ތިބުނާ ސަރަޙައްދުން ވަރަށްގިނަ މީހުން ބުނޭ، ހުދު މީހަކު ފެންނަ ވާހަކަ. ޔަޤީނޭ ތިވާނީވެސް އޭނަގެ ކަމަކަށް. އަދި ބައެއް މީހުން ބުނޭ، އެ ހުދު މީހާ ރީތި އަންހެން ކުދިންދެކެ ވަރަށް ލޯބިވާނެޔޯ.....އޭނަ އަވަލައިފިއްޔާ، ވަރަށް ނުރައްކާވާނޭ.....] ޢާންމުކޮށް، އިވޭ އަޑުތަކަށް އިޝާރާތް ކޮށްފައި ޝިޔާޒް ބުންޏެވެ.

އެއީ އަދުހަމްވެސް އަޑުއަހާ ވާހަކައެކެވެ. ވިލިނގިލީ އަތިރިމަތިން ކަޅުފޮއި އަނދިރީގައި ހުދުމީހަކު ފެންނަ ވާހަކައަކީ، ވަރަށް ކުރިއްސުރެވެސް މާލެއަށް މަޝްހޫރު ވާހަކައެކެވެ. އެހެންކަމުން، އެހަނދާންތައް އާވެ، އެކަމާ ދޭތެރޭ ވިސްނާލެވުމުން، އަދުހަމް ނިކަން ހާސްވެއްޖެއެވެ.

[އޭނައަށް ލަމްހާ ފެނުނީކީ ނޫންބާ؟] އަދުހަމްގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[އަހަރެން އަދި އެހެން ބުންޏަސް، އެކަހަލަ ކަމެއް ކަމަށް ޤަބޫލުކުރާކަށް ނުވާނެ.] އަދުހަމް ނިކަން ހާސްވެއްޖެކަން އެނގުމުން، ޝިޔާޒް، އަދުހަމްގެ ހިތްހަމަޖައްސާލަދިނުމުގެ ޤަޞްދުގައި ބުންޏެވެ.

[ޤަބޫލެއް ނުކުރަން...އެކަމަކު އެ އަޑު ހާދަ ނާމާން ޒާތަކަށޭ އިވުނީ....] ލަމްހާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ސާދުނާއާ އެވެ. އެ ދެ ރަޙްމަތްތެރިން ވާހަކަ ދައްކަން ތިބީ ލަމްހާގެ ކޮޓަރިތެރޭގައެވެ.

[މިޒަމާނަކު އިންސާނުންގެ ތެރެއަކު ރޫޙާނީ އެއްޗިއްސެއް ނޫޅޭނެ. ތީ އަހަރެން ޤަބޫލުކުރާ ވާހަކައެއް ނޫން.] ސާދުނާ ބުންޏެވެ.

[ތިހެން ނުބުނޭ ސާދުނާ....އެއީވެސް މާތްﷲ ހައްދަވާފައިވާ މަޚްލޫޤުންތަކެއްވިއްޔަ. އެވެސް އުޅޭނެއެއްނު....ވިލިނގިލި އަދިވެސް އެ އޮންނަނީ ފަޅު ފުށްޓެއްހެން.] ލަމްހާ ބުންޏެވެ.

ޝިޔާޒް ބުނީ ތެދެކެވެ. ވިލިނގިލީ އަވަށު އަތިރިމަތީ މީހުން ނޫޅޭ ސަރަޙައްދުން ވަރަށް ގިނައިން ހުދު މީހަކު ފެންނަ ކަމަށްވެއެވެ. ހޯދި ހޯދުންތަކުން ހުދުމީހާ ބޮޑަށް އަވަލަނީ ރީތި އަންހެން ކުދިންނާ ކަމަށްވެއެވެ. ބައެއް މީހުން ބުނާގޮތުގައި، ހުދު މީހާއަކީ މީގެ ސަތޭކަވަރަކަށް އަހަރު ކުރިއްސުރެވެސް ވިލިނގިލީގައި ދިރިއުޅޭ މަޚްލޫޤެކެވެ. އޭތި ގިނައިން ފެންނަނީ އެކަހެރި ބައްދަލުވުންތަކުގައި ތިބޭ ލޯބިވެރިންގެ ޖޯޑުތަކަށް ކަމަށްވެއެވެ. އަދުހަމްމެނާ ދިމާވީ، އެފަދަ ކަމެއް ކަމަށްވަނީނަމަ، ހުރިހާ ނުރައްކަލެއް އޮތީ އަދުހަމަށެވެ. ހުދުމީހާ މަސައްކަތް ކުރާނީ އަދުހަމް ކޮންމެވެސް ގޮތަކުން ލަމްހާގެ ދިރިއުޅުމުން އެއްކިބާ ކޮށްލުމަށްފަހު، ލަމްހާގެ ފުށުން އުފާތަކެއް ލިބިގަންނާށެވެ. މިހާތަނަށް ހުދުމީހާ އަވަލި ކޮންމެ ޖޯޑަކަށްވެސް ދިމާވެފައި ވަނީ އެގޮތެވެ. ނަމަވެސް، ސީދާ އެ ބުނާ ހުދު މީހަކު ފެނިފައި ނުވާތީ، އެއީ އެފަދަ ނާމާން ކަމެއް ކަމަށް ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

[އިރާދަކުރެއްވިއްޔާ، އެ ހުދު މީހާގެ ކިބައިން އަހަރެން މިންޖުވެގެންވަން.] އަދުހަމް ހިތާހިތާ ދުޢާކޮށްލިއެވެ. ލަމްހާގެ ދުޢާއަކީވެސް އެއީއެވެ. އޭނާގެ ދިރިއުޅުމަށް އެފަދަ ނާމާން އެއްޗެއްގެ ހިޔަނި އެޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

ނަމަވެސް ތަޤްދީރު ރޭވެމުންދާގޮތް އެނގޭނީ ކާކަށް ހެއްޔެވެ. އެއީ އެއްވެސް އިންސާނަކަށް ކުރިން އެނގޭނެ ކަމެއް ނޫނެވެ.

[ކިރިޔާ އަޑެއް އިވޭއިރަށް މާބޮޑު ކަމަކަށް ހަދާކަށް ނުވާނެ. އަޅާނުލާބަލަ. ދެން ލަމްހާމެން ބައްދަލުކުރަން އެތަނަށް ނުދިޔައީމަވީނުން.] ސާދުނާ ލަމްހާއަށް ލަފާދިނެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނުމަށްފަހު، ލަމްހާ އެވާހަކަ އަދުހަމް ގާތު ބުނީ އެދުވަހު އަދުހަމް ގުޅީމައެވެ. އޭރު އަދުހަމްވެސް ހުރީ އެގޮތަށް ނިންމައިގެންކަމުން، އެކަންތައްވެސްވީ އިއްތިފާޤަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން