ޞާދިރު ޢަލީދީދީ   14 ޑިސެމްބަރު 2020 - 13:53
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 29

...............

މާއިޝާ މަރުވިތާ ދިހަވަނަޔަށްވީ ދުވަހު އަދުހަމަށް ޚަބަރު ލިބުނީ ލަމްހާގެ ކައިވެނި، އަވަސް މުސްތަޤްބަލެއްގައި ކުރަން ރާވަމުންދާ ވާހަކައެވެ. އެ ޚަބަރުގެ ސަބަބުންވެސް އަދުހަމްގެ ހިތުގައިވާ ޒަޚަމްތަކަށް އިތުރު އަނިޔާތައް ލިބި ފާރުވިއެވެ.

ކޮންމެހެންވެސް މިއަދު އޭނާއަށް ލަމްހާގެ އެހީ ބޭނުންވެއެވެ. މިފަދަ ވަގުތެއްގައި ލަމްހާގެ ކައިވެނީގެ ޚަބަރު ލިބުމުން، ވާނޭގޮތް ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެއެވެ.

ލަމްހާއަށް މާއިޝާ މަރުވި ޚަބަރު ލިބުނީވެސް އެދުވަހުއެވެ.

[އޭނ؟ މާއިޝާ މަރުވީއޭ!] ލަމްހާ ގަނޑުވި ކަހަލައެވެ. އޭނާއަށް އެޚަބަރު ދިން ސާދުނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

[އާނ، އެޙާދިޘާއަށްފަހު، ހަމަ އެދުވަހު މާއިޝާ ނިޔާވެއްޖެ.] ސާދުނާ އިތުރަށް ޔަޤީންކޮށްދިނެވެ.

[އަޅެ....އަދޫ...ވަރަށް ދެރަވާނެ...އަދޫ ކޮބާ އަޅެ....އަދޫއަށް އަހަރެންގެ އެހީތެރިކަން އެންމެ ބޭނުންވީ ވަގުތު އަހަރެން މިޖެހެނީ، އެހެން މީހެއްގެ މީހަކަށް....ވާން....އަހަރެން ވިޝާލަކާ ނީންނާނަން. އޭރުން އަދުހަމް ނިކަމެތިވެދާނެ.]

ލަމްހާއަށް ރޮވުނެވެ. ނަމަވެސް، ބައްޕަގެ ކުރިމަތީގައި އެކައިވެންޏާ ދެކޮޅުހަދާކަށް އޭނާއަކަށް ނުކެރޭނެއެވެ. ބައްޕަ ވަނީ މިހާރު އޭނާގެ ކައިވެނީގެ ހުރިހާ ތައްޔާރީތަކެއްކޮށް ނިންމާފައެވެ.

އެފަދައެވެ. ވިޝާލާއި އޭނާގެ ޢާއިލާއިންވެސް ދަނީ އެކައިވެންޏަށްޓަކައި ނިކަން ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެހެންކަމުން، ބަޔަކަށް ބޮޑު ގެއްލުމެއް ލިބިދާނޭ ނިންމުމެއް ނިންމާއިރު، ވިސްނާ ފިކުރުކުރުމަށް ސާދުނާ ލަމްހާއަށް އިރުޝާދު ދިނެވެ.

ޒީހާން، ލަމްހާގެ އަޞްލު ޙާލަތު ވިޝާލަށް ކިޔައިދީ، ކައިވެނިކޮށްގެން، ލަމްހާގެ ހިތުން އަދުހަމްގެ ހަނދާންތައް ފިލާވަރަށް ލަމްހާއަށް ލޯތްބާއި އޯގާތެރިކަން ދިނުމަށް އެދުނެވެ.

[އަހަންނަށްވެސް އިޙްސާސް ކުރެވޭ، ކޮއްކޮ އަދުހަމްދެކެ ލޯބިވާވަރު....ވިޝާލަށް ވަރަށް މަސައްކަތް ކުރެވިގެން، ކޮއްކޮގެ ހިތުން އެހަނދާންތައް ފޮހެލެވޭނީ. އެކަމަކު އެއީވެސް ކުރެވިދާނޭ ކަމެއް.] ޒީހާނާއި ވިޝާލް ވާހަކަ ދައްކަން ތިބީ ގޭގެ ދޮރާށި ކައިރީގައި މަގުމަތީގައެވެ.

[ސާދުނާ ބުނި، އަދުހަމްގެ އަންހެނުން ކުއްލި އެކްސިޑެންޓެއްގައި ނިޔާވި ވާހަކަ. އެކަމާވެސް ލަމްހާ ދެރަވެ ރުއި ވާހަކަ....] ވިޝާލް ބުންޏެވެ. އެއީ ޒީހާނަށް އާ ޚަބަރެކެވެ. އެހެންކަމުން، އޭނާ ފިސާރި ޙައިރާންވެ ހުއްޓުންއެރިއެވެ.

[ހަމަތެދެއް!؟ އަހަރެން އަޑެއްވެސް ނާހަން.] ޒީހާން އެތެރެއަށް ވަނެވެ. ފަހަތުން ވިޝާލްވެސް ވަނެވެ.

ގެއަށް ވަދެވެސް ކައިވެންޏާ ބެހޭގޮތުން ޒީހާނާއި ވިޝާލް އަދި ޒީހާނާއި ލަމްހާގެ ބައްޕަ ޖާވީދު މަޝްވަރާ ކުރަން ތިއްބެވެ. އެވެރިން ވާހަކަ ދެއްކީ ކައިވެނި އަވަސްކޮށް، ލަމްހާއަށް ރަނގަޅު ޒަވާޖެއް ފަށްޓައިދިނުމަށެވެ. ބައްޕަގެ ކުރިމަތީގައި ކެތްތެރިވަމުން އައި ލަމްހާވެސް ދޭތެރެ ދޭތެރެއިން ބައްޕަމެން ފެންނަފަށަށް އައިސްލާފައި، އިސްޖަހާލައިގެން އެތެރެއަށް ވަދެ ގެއްލެއެވެ.

[ދަރިފުޅާ...އެތެރޭގައި ނުހުރެ ނިކަން ބައްޕަމެން ގާތަށް އައިސްބަލަ.] ލަމްހާ ބައްޕައަށް ފެނިލާފައި ގޮސް ކޮޓަރިއަށް ވަނުމުން، ޖާވީދު ގޮވާލިއެވެ. ލަމްހާ ލޮލުގައި ހުރި ކަރުނަތައް ފޮހެމުން ކޮޓަރިން ނުކުމެގެން އައިސް ބައްޕަގެ ގާތަށް ހުއްޓުނެވެ.

[ދަރިފުޅާ، އަދިވެސް ހާދަ ބީރައްޓެހިކޮށް ތިއުޅެނީ...ބައްޕަ ކުރިންވެސް ބުނީމެއްނު، ކައިވެނީގެ ކުރިން ދެކުދިން، އެކަކު އަނެކަކަށް ރަނގަޅަށް ދަސްކުރާށޭ. މިހާރު ދެން ކައިވެންޏަށް މާގިނަ ދުވަހެއްވެސް ނެތްވިއްޔަ....] ޖާވީދު، ލަމްހާގެ ބޮލުގައި ފިރުމާލިއެވެ.

ލަމްހާ، ބައްޕަގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާގެ ބަސްނާހާ ލޮލުގެ ތެރެއަށް އޭނާގެ ބާރެއް ނެތް ކަރުނަތައް ގިނަވެއްޖެއެވެ.

[ބައްޕާ...ބައްޕާ....އަހަރެން އަދި ބޭނުމެއް ނޫން.....] ލަމްހާގެ ބަޑި ފަޅައިގެން ދިޔުމާއެކު، އޭނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދެން ކޮޓަރިތެރޭން އިވެންފެށީ، ލަމްހާގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ނަމަވެސް، އިތުރު ހަފްތާއަށް ކައިވެނި ފަސްކުރުން ފިޔަވައި އިތުރު ބަދަލެއް ޖާވީދު، އޭނާގެ ނިންމުމަށް ނުގެނައެވެ. އޭނާ ބުނަނީ ކައިވެންޏަށްފަހު ހުރިހާ ކަމެއްވެސް މުޅިން ހަމަޖެހިދާނެ ކަމަށެވެ. ފިރިއެއްގެ ލޯތްބާއި އޯގާތެރިކަމުން ލަމްހާއަށް ހުރިހާ ހަމަޖެހުމެއް ލިބޭނޭ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

ދުވަސްތައް، އެއްދުވަސް ދެދުވަހަށް ބަދަލުވެ، ހަފްތާއެއް ފާއިތުވެދިޔައިރު، ލަމްހާއަށް ހީވީ މަދު ސިކުންތުކޮޅެއް ފާއިތުވެދިޔައީ ކަމުގައެވެ. އެދުވަސްތައް އޭނާއަށްވީ ދެތިން ސިކުންތަށެވެ. އެ ހާސްކަމާއި ނުތަނަވަސްކަމުގައި ހޭދަވި ދުވަސްތަކުގައި، އަދުހަމާ ގުޅޭތޯވެސް އޭނާ ނިކަން މަސައްކަތް ކުރިއެވެ. ނަމަވެސް، ކުރިއެކޭ އެއްފަދައިން، މިހާރަކުވެސް އަދުހަމްގެ ފޯނަކުންވެސް އަދުހަމާ ގުޅޭ ކަމަަކަށްނުވިއެވެ. އޭނާ އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަނީ އަމުދުން ލޯބިވެރިޔާގެ ޚަބަރެއް ނުވާތީއެވެ.

މިހާރު ލަމްހާގެ ގެ ހީވަނީ ގެއެއް ގޮތަށް ފަރުމާ ކުރެވިފައިވާ މަލުގެ ގުލްދަސްތާއެއްހެންނެވެ. ތަފާތު ވައްތަރުތަކުގެ މާތަކާއި، ކުލަކުލައިގެ ބޮކިތަކުން މުޅި ގެ ވަނީ މުއްސަނދި ކުރެވިފައެވެ. ނަމަވެސް، އެއިން އެއްވެސް މަންޒަރަކުން ލަމްހާއަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.

ކައިވެންޏަށްޓަކައި ޚާއްޞަ ކުރެވިފައިވާ ވަގުތު އާދެ! ރޭގަނޑުގެ އަށެއްޖަހަން ކައިރިވަމުން އައިވަރަކަށް، ލަމްހާގެ ހާސްކަމާއި ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ.

[މިރޭ އަހަރެންގެ ހުރިހާ އުފާތަކެއް ކަފުން ކުރެވޭނެ.] ކައިވެނިކުރަން ޚާއްޞަ ކުރެވިގެން ތައްޔާރު ކޮށްފައިވާ ކޮޓަރިއަށް ބައްޕައާއެކު ހިނގައިގަންނަމުން، މަންމަ ގާތު ލަމްހާ ބުންޏެވެ. އިސްޖަހާލުން ފިޔަވައި އިތުރު އިޝާރާތެއް ޒައިނަބެއް ނުކުރެއެވެ. ދަރިފުޅުގެ ހިތާމައިގައި އޭނާވެސް ހީވަނީ ބައިވެރިވާހެންނެވެ.

އޭރު ޤާޒީއާއި ހެކިވެރިންވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އެވެރިން ތިބީ ލަމްހާއާއި ވަލީވެރިޔާގެ އިންތިޒާރުގައެވެ. އޭރު އެތެރޭގައި ވިޝާލާއި ޒީހާންވެސް ވެއްޖެއެވެ.

[ބައްޕާ...އަހަރެން ބޭނުންވަނީ....އަދުހަމް.] ކޮޓަރި ދޮރާ އަރާ ހަމަވުމާއެކު، ލަމްހާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. ނަމަވެސް، ޖާވީދުގެ ފަރުވާލެއްނެތެވެ. އޭނާ އެއްއަތުން ލަމްހާގެ އަތުގައި ހިފައިގެން ކޮޓަރި ހުޅުވާލިއެވެ.

ހަމައެއާއެކު، ލަމްހާގެ ދެލޯ ބޮޑުވިއެވެ. އޭނާ ހީކުރިގޮތެއް ނޫނެވެ. އެކޮޓަރިތެރޭން އޭނާއަށް މަރްޙަބާކީ، އޭނާގެ ދެދުނިޔޭގެވެސް ލޯބިވާ ލޯބިވެރިޔާ އަދުހަމާއި، އޭނާގެ ޢާއިލާގެ މެމްބަރުންނެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ލަމްހާ ޝުކުރުވެރި ނަޒަރަކުން ބައްޕައަށް ބަލައިލުމަށްފަހު، އަދުހަމާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

[އަޅެ....އަހަރެން މިއުޅެނީ އަދޫއާ އިންނަންތަ؟.....] ޤަބޫލުކުރަން ދަތިވާ ޙާލުގައި، ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ލަމްހާ ބުންޏެވެ.

[ނޫނޭ...ލަމް އަހަންނާ އިންނަން އުޅެނީކީ ނޫން. އަހަރެން ލަމްއާ އިންނަނީ....] އަދުހަމް ލޯބިވެތި ނަޒަރަކުން ލަމްހާގެ ލޮލަށް ބަލަން އިނދެފައި މަޑުމަޑުން ލަމްހާގެ އަތުގައި ހިފާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ލަމްހާއަށް ދެލޯ މަރާލެވުނެވެ.

އޭގެފަހުން މާގިނައިރުތަކެއްނުވެ، އެދެލޯބިވެރިންގެ ކައިވެނި ކުރެވިއްޖެއެވެ. އަދުހަމަށްވެސް އޭނާގެ ލޯބިވެތި ބައިވެރިޔާ ދާއިމަށް ލިބުނީއެވެ. ދިގު އިންތިޒާރަކަށްފަހު، ލަމްހާއަށްވެސް އޭނާ އެ ލޯތްބަށްޓަކައި މުޅި ދިރިއުޅުން ޙިއްޞާކުރަން ބޭނުންވާ، އޭނާގެ ހިތް އެފަރާތަކަށްޓަކައި އިންތިހާއަށް އެދޭ ލޯބިވެރިޔާގެ ޙިމާޔަތަށް އާދެވުނީއެވެ.

ކައިވެނީގެ ފުރަތަމަ ރޭ ދާނުގައި އޮވެ، ނިކަން ޢިޝްޤީ ރާގުގައި ލަމްހާގެ ކަންފަތްދޮށުގައި އަދުހަމް ބުނެއެވެ.

[އޭއި އަހަރެންގެ ފުރާނަޔާއެވެ. މަރުވަންދެންވެސް އަހަރެން ކަލާދެކެ ލޯބިވާނަމެވެ.] ފަހަތުން ލަމްހާ ބުނެއެވެ. އެއަށްވުރެން ޢިޝްގީ އަސަރުގައެވެ.

[އޭ އަހަރެންގެ ހިތާއެވެ. މިރޭ އަހަރެންގެ ހުރިހާ ހިތާމަތައް ކަފުން ކުރެވިއްޖެއެވެ. އަހަރެންވެސް މަރުވަންދެންވެސް ކަލާދެކެ ލޯބިވާނަމެވެ. އިންތިހާއަށެވެ.]

ލަމްހާއަށް މިހެން ބުނެވުމާއެކު، އަދުހަމް ހޮޅިބުރި ނިއްވާލައި، ނިދާބޮކި ދިއްލުމަށްފަހު، ކޮޓަރީގެ ދޮރުފޮތިތައް ރަނގަޅުކޮށް، ދޮރުތަކުގެ ތަންޑުތައް އަޅުވައިފިއެވެ.

ނިމުނީ -

މޫސާ ސާޢިދު - މަރަދޫ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން