ޞާދިރު ޢަލީދީދީ   11 ޑިސެމްބަރު 2020 - 17:27
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 26

...............

[އޭރު އިޙްސާސް ނުކުރެވުނަސް މިހާރު އަހަންނަށްވެސް މާއިޝާ ދެރަވާނޭވަރު އިޙްސާސް ކުރެވޭ. ކަލާނގެ ގަންދީ ބުނަން، މާއިޝާ އަހަރެން މާއިޝާގެ ހިތުގައި ޖެހޭނެފަދަ ކަމެއް ދެނެއް ނުކުރާނަން. އަހަރެން މާއިޝާއަށް ލޯބިދޭނަން...] އަދުހަމް މާއިޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނަމަވެސް، އަދުހަމްގެ މިފަހަރުގެ ވަޢުދުތަކާއި ހުވާތަކަކުން މާއިޝާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނުހެނެއް ހިއެއްނުވެއެވެ.

ދެން އަހަންނަށް އިތުބާރުކޮށް ޤަބޫލުކުރޭ މާއިޝާ. ﷲ ގަންދީ ބުނަން، އަހަރެން ދެން ދުވަހަކުވެސް މާއިޝާގެ ހިތުގައިޖެހޭފަދަ ކަމެއް ނުކުރާނަން.] ކެނޑިނޭޅި މާއިޝާ ރޯން ފެށުމުން އަދުހަމަށް ފިސާރި އަސަރުކޮށްފިއެވެ. މީގެކުރިން ނުވާވަރުގެ ވަޢުދުތަކާއި ހުވާތަކެއް އޭނާ ކުރީ އެހެންވެގެންނެވެ.

ޙަޤީޤަތުގައި އޭނާއަކީ އަބަދުވެސް ބަހުގެ އިތުބާރު އޮންނަ މީހެކެވެ. ހިތަށް އަރާއިރަށް ވަޢުދުތައް އުވާލުމަކީ، އޭނާގެ ޠަބީޢަތެއް ނޫނެވެ. އެހެންކަމުން، ބަހުގެ އިތުބާރަށްޓަކައި މާއިޝާގެ ހިތުގައި ނުޖައްސާވޭތޯ އޭނާ މަސައްކަތް ކުރަން ޖެހެއެވެ.

އަދުހަމްގެ ވަޢުދުތަކާއި ހުވާތަކުގެ ސަބަބުން ހިތްހަމަޖެހުން ފާޅުނުކުރިޔަސް، ޙަޤީޤަތުގައި މާއިޝާ މިހާރު ހިސާބަކަށް ހިތްހަމަޖެހުން ޙިއްޞާކުރެއެވެ. ބޭރުފުށަށް އެކަން ދައްކަން އޭނާ ބޭނުން ނުވަނީއެވެ. ދެން ފާއިތުވާން ފެށި ދުވަސްތަކުގައި މާއިޝާއަށް އަދުހަމްގެ ލޯތްބާއި އޯގާތެރިކަން ލިބެން ފެށީ އަމަށަކު ވަރަކަށް ނޫނެވެ. ކުރިން ނުކޮށްދޭ ކިތަންމެ ކަންތައްތަކެއްވެސް އޭނާ މިހާރު މާއިޝާއަށްޓަކައި ކޮށްދެއެވެ. ނަމަވެސް، އޭނާ ކިތަންމެ މަސައްކަތްކުރި ނަމަވެސް، އޭނާގެ އަޞްލު ބަދަލުވީހެނެއް ހިއެއްނުވެއެވެ. މާއިޝާއަށް ފެންނަފަށުގައި އުފަލުގައި ހިތްހަމަޖެހިގެން އުޅޭ ކަމުގައި ދެއްކިނަމަވެސް ކިރިޔާ އެކަނިވާއިރަށްވެސް އޭނާ މުޅިން އެހެން ދުނިޔެއަކަށް ބަދަލުވާ ކަހަލައެވެ. އެކަނިވާއިރަށް މާޒީގެ ކަނޑަށް ފީނައި، ކުރީގެ ލޯބިވެތި ދުވަސްތަކުގެ ހަނދާންކޮށް، އެހަނދާންތަކުގައި ދެމިހުރީތީ ދެރަވެ ހިތާމަކުރެއެވެ. ބައެއްފަހަރު އެހަނދާންތަކުގެ އުނދަގުލުން ހިތަށްވާ ތުރާލުގެ ސަބަބުން ލޮލުން ކަރުނަވެސް ހިލެއެވެ. ނަމަވެސް، އޭނާ މީހެއްގެ ހިލަންވުމުގެ ކުރިން ކަރުނަތައް އޮއްބާލައެވެ.

ﷲ ގަންދީ އޭނާ ކޮށްފައިވާ ހުވާތަކުގެ މަތިން އަބަދުވެސް އޭނާ ހަނދާން ހުރެއެވެ. ލަމްހާދެކެ ކިތަންމެ ލޯބިވިޔަސް، ހެއްދެވި ފަރާތަށް ދޮގުހަދާކަށް އޭނާ ބޭނުމެއް ނޫނެވެ.

ހަމަ އެޚިޔާލުތަކެވެ. އެ ވިސްނުންތަކެވެ. ލޮލުގައި ވަނީ އެ ހަނދާންތަކުގެ ސަބަބުން ކަރުނަޔަށް ބަދަލުވާން ކައިރިވެފައިވާ ތެތްކަމެކެވެ. އަދުހަމް އޮތީ އެނދުގައި ދެފައި ދަމާލައިގެން ފަންގިފިލާއަށް ނަޒަރު ހުއްޓައިގެނެވެ. ކުރެވޭ ޚިޔާލުތަކެއްގެ ފޮނިކަމުން ނުވަތަ ކުރެވޭ ޚިޔާލުތަކެއްގެ ހިތިކަމުން ކަމަށްވެސް ވެދާނެއެވެ. މާއިޝާ ދޮރުމަތީގައި ހުއްޓި ހުންނަތާ ދިހަވަރަކަށް މިނެޓްވީއިރު، އޭނާއަށް ހިލަމެއް ނުވިއެވެ. މާއިޝާ ލުއި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. ދެންވެސް އަދުހަމަކަށް މޭރުމެއް ނުވިއެވެ. އެ ފުންކަނޑުން އޭނާއަށް ބޯ ހިއްލާލެވުނީ މާއިޝާ އެނދުގެ މަގަތުގައި އިށީނުމުންނެވެ.

[އަދޫ....ކޮންފަދަ ވިސްނުމެއްގައި. ކަންފަތް ކަނޑައިގެންދާއިރުވެސް ނޭނގޭދޯ؟] އަދުހަމްގެ މޫނަށް ބަލަން އިނދެފައި މާއިޝާ ވާހަކަ ދެއްކިއެވެ. ސިހުން އައިނަމަވެސް، ކުޑަހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހިލައިގެން އަދުހަމް ހިނިތުންވެލީއެވެ. އޭރު މާއިޝާ އިނީ ސުވާލު ހަށިގަނޑެއްހެން އަދުހަމާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[މި ވިސްނަނީ ދަރިފުޅު ލިބުނީމާ، ދިރިއުޅުމަށް ގެންނަންޖެހޭނެ ބަދަލާ ދޭތެރޭ. ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރަން ވެއްޖެއްޔާ، މަންމައާއި ބައްޕަގެ ޙިއްޞާ އެއްވަރަކަށް ބޭނުންވާނެ....] މާއިޝާގެ ސުވާލުތައް ގިނަވާނެކަން އެނގޭތީ، އަދުހަމް ދޮގު ހެދިއެވެ.

[އަހަރެން، އަހަރެންގެ ލޯބި ދަރިފުޅަށްދޭނަން....އަދޫ....؟] މާއިޝާ އަދުހަމްގެ ލޮލަށް ބަލަން އިނެވެ.

[އަހަރެން މާއިޝާއަށްވުރެން ބޮޑަށް ދަރިފުޅަށް ލޯބިދޭނަން...އެކަނި ދަރިފުޅަކަށް ނޫން. މާއިޝާއަށްވެސް ލޯބިދޭނަން...އެކަމަކު...މާއިޝާ ނުބުނަމެއްނު، އަހަންނަށް ލޯބިދޭނެ ވާހަކައެއް.] އަދުހަމް، އޭނާގެ ކޮޅު ގަދަކޮށްލިއެވެ. ވަގުތުން މާއިޝާގެ މޫނުމަތީގެ އަސަރު ބަދަލުވެއްޖެއެވެ. އާއެކެވެ. އޭނާގެ ހިތުގައި ޖެހިއްޖެއެވެ.

[ސޮރީ...އަޅެ....އަހަރެން އަދޫއަށްވުރެން މާބޮޑަށް...މާބޮޑަށްވެސް އަދޫއަށް ލޯބިދޭނަން....] މާއިޝާ އަދުހަމްގެ މޭގައި ބޯއަޅާލިއެވެ. މިހާރު މާއިޝާ އެއޮތީ ވަރަށް ހިތްހަމަޖެހި އުފާވެފައެވެ.

މާއިޝާއަށްޓަކައި މިހާރު އަދުހަމްގެ މޯބައިލް ފޯން އޮފްކޮށްފައި އޮންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ.

ލަމްހާ އަދުހަމާ ގުޅަން ކުރަމުންދާ މަސައްކަތަށް އަލިމަގެއް ނުފެންނަނީވެސް އެހެންވެގެންނެވެ. ލަމްހާ މިހާރު އެތައްފަހަރަކު އޮފީހަށްވެސް ގުޅައިފިއެވެ. އޮފީހުން ބުނީ އަދުހަމް ޗުއްޓީގައި ކަމަށެވެ. އެހެންކަމުން، މިހާރު ލަމްހާ ވިސްނަނީ، ސީދާ އަދުހަމްގެ ގެއަށް ގުޅައިގެން އަދުހަމާ ބައްދަލުވޭތޯ މަސައްކަތް ކުރާށެވެ.

ލަމްހާ އޮފީސް ނިންމާފައި ގެއަށް އައިސް ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު، އަދުހަމްގެ ގޭގެ ނަމްބަރަށް ގުޅާލިއެވެ. ފޯން ރިންގްވާން ފެށިއެވެ. އެޔާއެކު، ލަމްހާގެ މޭވެސް ބާރަށް ތެޅެން ފަށައިފިއެވެ. ވިންދުވެސް އާދައިގެ ވަރަށްވުރެން އަވަސް ވެއްޖެއެވެ. އޭރުވެސް ފޯންގެ ރަނގަބީލުގެ އަޑު އިވެއެވެ. ނަމަވެސް، ފޯނެއް ނުނަގައެވެ. އަނެއްކާ އެ ފޯންގެވެސް ރިންގް އޮފްކޮށްލާފައި ހުރީކީ ނޫންބާއެވެ؟ މިހެން ހިތަށްއަރައި ފޯންގެ އަތްގަނޑު ބާއްވަން އުޅުނުތަނާ، ފޯން ނެގިއަޑު އިވިއްޖެއެވެ. ލަމްހާ ކުރިއަށްވުރެންވެސް ބޮޑަށް ހާސްވެއްޖެއެވެ.

އަތް ތުރުތުރުއަޅަން ފަށައިފިއެވެ. ހިތުގެ ވިންދު އަވަސްވެ، ނޭވާ ކުރުވާގޮތް ވެއްޖެއެވެ. އޭރު އެކޮޅުން ހަލޯއޭ ތަކުރާރުކޮށް ގޮވާ އަޑުއިވެއެވެ. ނަމަވެސް، ލަމްހާއަކަށް ހިތްވަރެއް ނުލިބުނެވެ. ނޫނީ ބޭނުން ނޫން އަޑެއް ކަންފަތުގައި ޖެހުމުން، އޭނާ މާޔޫސްވީއެވެ.

އިރުކޮޅެއް ވަންދެން ފޯން ކަންފަތުގައި ޖައްސައިގެން އިނުމަށްފަހު، ލަމްހާ ފޯން ބާއްވައިފިއެވެ. އޭރު އެކޮޅުން ފޯން ނެގި މީހަކުވެސް ފޯން ބާއްވައިފިއެވެ. އެއީ ކާކުތޯއެވެ؟ އާދޭހެވެ. އެއީ މާއިޝާއެވެ.

ފަހަކަށްއައިސް، އަދުހަމް ގޭގައި ހުއްޓަސް، ފޯން ނަގަނީ މުޅިންވެސް މާއިޝާއެވެ. އެއީވެސް މާއިޝާއަށް އިތުބާރު ދިނުމަށްޓަކައި އަދުހަމް އަޅާ ފިޔަވަޅެކެވެ.

[ސާދުނާ، އަހަރެން ދެން ކިހިނެއްތަ ހަދަންވީ؟ ސާދުނާއާއި މަންމަގެ ލަފާގެ މަތިން އަދޫގެ ހަނދާންތަކުން މިންޖުވުމަށް އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ....އެކަމަކު މާބަނޑު އަންހެނެއްގެ ހިތުގައި ޖައްސައި، އޭނާގެ ހިތް ރޮއްވާކަށް އަހަރެންގެ ޟަމީރު އެއްބަހެއްވެސްނުވޭ...އަހަރެން ވަރުބަލިވެއްޖެ. އަހަރެން އެއްބަސްވަން، މަންޒިލާ ދުރަށް ދިޔައީވެސް އަހަރެން އަމިއްލައަށް ކަމަށް.] ލަމްހާއަށް ރޮވުނީ ނުރޯންކުރި މަސައްކަތް ނާކާމިޔާބުވީމައެވެ.

[އަހަރެން ދެން ކީކޭތަ ބުނާނީ.....ތިކަމަކާ ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑިވެސް ސުމަކަށް ހިނގައްޖެ. ލަމްހާގެ ތިޙާލާ ދޭތެރޭ ކިތަންމެހާވެސް އަހަރެން ހަމްދަރުދީވަން.] ރަޙްމަތްތެރިޔާއަށް ހިތްވަރުދީދީ މިހާރު ސާދުނާވެސް ވަރުބަލިވެފައިވާ ކަހަލައެވެ.

[ތިހެން ހުރެގެނެއް، އެ ޚިޔާލުތަކުން ދުރަކަށް ނުދެވޭނެ. ތިމާ ނުހަނު ލޯބިން ބޮޑުކުރާ ކުދިންވެސް ތިމާގެ ކުރިމަތީގައި މިދުނިޔެ ދޫކޮށްދެއެއްނު. އެކަމަކު އެހިތާމަތަކުންވެސް ދުވަސްތަކެއް ފަހުން އެއްކިބާވެވޭ...އަދިވެސް އަހަރެން ބުނާނީ، އެހަނދާންތަކާ ދުރަށް ދިޔުމަށް ލަމްއަށް މަސައްކަތް ނުކުރެވެނީއޭ....] ދެންވެސް ސާދުނާ މަސަައްކަތް ކުރީ ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިޔުމަށް ލަމްހާއަށް މަގެއް ކޮށައިދެވޭތޯއެވެ.

[ކޮންކަމެއްތަ ދެން އަހަރެން ކުރަންވީ. ކުރާނެ ކަމެއްވެސް އަހަންނަކަށް ނޭނގެ....] ލަމްހާ ވޭނީ އާހެއް ފަޒާއަށް ދޫކޮށްލިއެވެ.

[މީހަކާ އިންނާނީ....އޭރުން އެމީހަކީ ލަމްހާދެކެ ލޯބިވާ، އަޅާލާ، އޯގާތެރި ފިރިޔަކަށް ވެއްޖެއްޔާ، ކުރީގެ ހަނދާންތައް މާޒީވެ ހިރަފުސްބުރާނެ.] ސާދުނާ ޚިޔާލުދިނެވެ.

[ކައިވެނީގެ ކުރިން ކިހިނެއްތަ އެއީ އަޅާލާ، އޯގާތެރި، ލޯބިވާ ފިރިއެއްކަން ދެނެގަންނާނީ....ވަރިހަމަ އަހަރެން ބޭނުމެއް ނޫން މީހަކާ އިންނާކަށް.] ލަމްހާއަށް މިހެން ބުނެވުނު ވަގުތަކީ، އޭނާގެ ބައްޕަ ޖާވީދާއި މަންމަ ޒައިނަބް އެކޮޓަރިއަށް ވަން ވަގުތެވެ. ނަމަވެސް ލަމްހާ ބުނި އެއްޗެއް އެމީހުނަކަށް އަޑެއް ނީވޭނެއެވެ.

[ދަރިފުޅާ، ތިގޮތަށް ދިރިއުޅުން ނަގާލުމަކީ، ދިރިއުޅުމަށް ކުރެވޭ ވަރަށްބޮޑު ބޭއިންޞާފެއް. މިހާރު މަންމައާއި ބައްޕަ ވިސްނައިފިން، ދަރިފުޅު މީހަކާ ދެވަން. ބައްޕަމެންގެ މިއެދުމަށް ދަރިފުޅު ނޫނެކޭ ބުނެގެން ނުވާނެ. މިއީ ދަރިފުޅުގެ ބޭބެވެސް ނިކަން އެދޭ ކަމެއް...އެކަމަކު ކައިވެނީގެ ކުރިން ދަރިފުޅުވާނެ، އޭނަ ދަސްކުރަން. އެ ފުރްޞަތަށް ތިންމަސް ދުވަސް ބައްޕަމެން ދޭނަން.] އެއްނޭވާއިން ޖާވީދު ހުރިހާ ވާހަކައެއް ދައްކާ ނިންމާލީ، ލަމްހާ އާއެކޭވެސް، ނޫނެކޭވެސް ބުނާނެ ފުރްޞަތެއްނުދީއެވެ.

[އެކަމަކު...ބައްޕާ.....] ލަމްހާގެ އަޑު ބެދުނެވެ. ނަމަވެސް، ޖާވީދު އަތުގެ އިޝާރާތުން ލަމްހާ ގާތު ވާހަކަ ނުދެއްކުމަށް ބުންޏެވެ.

[ދަރިފުޅު ވިސްނާ...އެކަމަކު ނޫނެކޭ ބުނެގެން ނުވާނެ...] ޖާވީދު މިހެން ބުނެފައި، ލަމްހާގެ ބޮލުގައި އަތް ކާއްތާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭނާ ނުކުތީ، ފަހަތުން އައުމަށް ޒައިނަބަށްވެސް އިޝާރާތްކޮށްފައެވެ. ވުމާއެކު، ޒައިނަބްވެސް އޭނާގެ ފަހަތުން ނުކުތެވެ.

ހަމައެޔާއެކު، ލަމްހާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ސާދުނާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ، އޭނާ ބާރުބާރަށް ރޯން ފަށައިފިއެވެ.

[ސާދުނާ...އަދުހަމް...ގާތު އަހާފަ ނޫނީ....އަހަރެން އެއްވެސް މީހަކާ ނީންނާނަން....] ރޮއިރޮއިފައި ލަމްހާ ބުނަމުންދިޔައެވެ.

[ލަމޫ...ނިކަން ވިސްނާލަބަލަ...އެއީ މިހާރު ލަމްގެ ކާކުތަ؟ ބައްޕަމެނާ ދެކޮޅަށް ނޫނެކޭ ބުނަން ޚިޔާލުކޮށްގެންވެސް ނުވާނެ....] ސާދުނާ ލަމްހާއަށް ވިސްނައިދިނެވެ.

[އެއީ މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވާ މީހާ...ބުނެބަލަ އަހަރެން އެލޯތްބަށްޓަކައި ނުވަނީ ކޮން ޤުރްބާނީއެއް....] ލަމްހާގެ އަޑު އެކަށް ބެދިއްޖެއެވެ.

[ރަނގަޅު...:ޤުރްބާންވެއްޖެ....އެކަމަކު އެޔަކުން އެއްވެސް ފައިދާއެއް ނުކުރިއެއްނު...މިހާރު އެއީ މީހެއްގެ ފިރިއެއް....މާދަމާ ނޫންކަންނޭނގެ، މާއިޝާ ވިހާނީ....]

އެދުވަހު ދެކެވުނު ވާހަކަތަކުން ވަކިގޮތަކަށް ލަމްހާ ނުނިންމި ކަމުގައިވިޔަސް، ބައްޕައާއި މަންމަގެ އެދުން ބޮލާލާޖަހާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ.

މިއަދު އޭނާގެ ހުރިހާވެސް ހިތްވަރަކީ އެ މަންމައާއި ބައްޕައެވެ. އެހެންކަމުން، އޭނާ މަންމައާއި ބައްޕަ ގާތަކު ވަކި އެއްޗެކޭ ނުބުނެއެވެ. މަންމައާއި ބައްޕަ އެބުނާ މީހަކީ ކާކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް، އެއީ ކާކުތޯ ބަލާކަށްވެސް އޭނާއެއް ނޫޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން