ޞާދިރު ޢަލީދީދީ   13 ޑިސެމްބަރު 2020 - 9:48
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 28

...............

[ދަރިފުޅު ބޭނުންވަނީ ދާއިމަށް ތިހެން ހުރެ ދިރިއުޅުން ނަގާލަންތަ؟ މަންމަގެ ނަޞޭޙަތަކީވެސް ބައްޕަ އެ އެދޭގޮތަށް ވިޝާލާ ކައިވެނިކުރުން. ދަރިފުޅަށް އެނގޭތަ، އެއީ ހާދަ ރަނގަޅު ކުއްޖެކޭ.] މަންމަގެ ފަރާތަކުންވެސް ލަމްހާއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.

[އެކަމަކު...މަންމާ.....އަހަރެން ކިހިނެއް އެހެން މީހަކުދެކެ ލޯބިވާނީ....ލޯބިނުވާ މީހަކާ އިނދެގެން، ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ.] ލަމްހާ މަންމަގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ބުންޏެވެ. އޭރުވެސް އޭނާއަށް ރޮވެނީއެވެ.

[ކީއްވެ ނުލިބޭންވީ. ސައްތައިން ސައްތަ މިބުނީ، މާގިނަ ދުވަހެއްނުވެ އަހަރެން ލަމްހާއާ މެރީކުރާނަން.] މޭ ފުއްޕާލާފައި ވިޝާލް ވާހަކަ ދެއްކީ ނަބީލާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ކަލާފާނު ހިނގުމުގައި ހުރި ފިހާރައެއްގެ ތެރޭގައެވެ.

[ކައިވެންޏަށްފަހު، މާގިނަ ދުވަސްތަކެއްނުވެ އަހަންނަށް އޭނާގެ ލޯބި ލިބެން ފަށާނެ.] ވިޝާލް އަނެއްކާވެސް އިތުރުކޮށްލިއެވެ.

[ލޯބިނުވާ މީހެއްގެ ލޯބި ހޯދިދާނެހެން ހީވޭތަ. އާނ، އަހަރެންވެސް މީހުން ބުނާތީ އަހަން. އެކުގައި އުޅެ ދުވަސްވީމާ ލޯބި އުފެދެޔޭ. އެގޮތް ވިޝާލަށްވެސް ދިމާވެއްޖެއްޔާ، ކިތަންމެހާވެސް ރަނގަޅު.] ނަބީލް ބުންޏެވެ.

[ލަމްހާގެ ބައްޕަ ބުނީ އަހަންނަށް ފެންނަ ރަނގަޅު ދުވަހެއް ކައިވެންޏަށް ހަމަޖައްސާށޯ. އަހަރެން މި ވިސްނަނީ، އަންނަ މަހުގެ ފަހު ހަފްތާގައި ކައިވެނި ކުރަން. އެކަމަކު ސީދާ ވަކި ދުވަހެއް އަހަރެން އަދި ފައިނަލެއް ނުކުރަން.] ވިޝާލް ބުންޏެވެ.

[ނުރުހުނަސް، ލަމްހާ ނޫނެކޭއެއް ނުބުނޭދޯ؟] ނަބީލް އެއްސެވެ. އެއަށްފަހު، ވިޝާލް ލަމްހާގެ ރަޙްމަތްތެރިޔާ ސާދުނާގެ ފަރާތުން ލިބުނު ލަމްހާއާއި އަދުހަމްގެ ލޯބީގެ ފަލްސަފާ ނަބީލަށް އޮޅުންފިލުވައިދިނެވެ.

[މިޒަމާނުގައި ތިބުނާވަރަށް މީހުން ލޯބިވޭތަ؟ ތިބުނީ އަދުހަމް މިހާރު އެހެން މީހަކާވެސް އިނދެގެން އުޅޭ ވާހަކަ. ދަރިޔަކުވެސް ލިބެން އުޅޭ ވާހަކަ. އޭނަ ލަމްހާދެކެ ލޯބިވާނަމަ، އެހެން މީހަކާ އިންނާނެތަ؟] ނަބީލް ވިޝާލްގެ ވާހަކަތައް އަޑުއަހަން އިނދެފައި ބުންޏެވެ.

[ތިއެއް އަހަންނަކަށް ނޭނގެ. ސާދުނާ ބުނާގޮތުން އަދިވެސް ލަމްހާ ލޯބިވަނީ އަދުހަމްދެކެ. މީހަކާ އިންނަންވެސް އޭނާ ބޭނުންވަނީ، އެބުނާ އަދުހަމެއް ގާތު.....] ވިޝާލް ބޯކަހާލިއެވެ.

ޙަޤީޤަތުގައި ވިޝާލް ލަމްހާޔާ ކައިވެނިކުރަން އުޅެނީ، ލަމްހާދެކެ ލޯބިވާތީއެއް ނޫނެވެ. ލަމްހާގެ ރީތިކަމާއި ޗާލޫކަމުގެ ފައިދާ، އޭނާ ނަގަން ބޭނުންވަނީއެވެ. އޭނާއަކީ އަބަދުވެސް ނަލަ އަންހެން ކުދިންނާ އަތް ގުޅާލައިގެން ފިނިބުރު ޖަހަން ބޭނުންވާ މީހެކެވެ. ލޯތްބަކީ މާ މުހިންމު އެއްޗެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.

މިޒާޖް އެއްގޮތް ވެއްޖެއްޔާ، ކައިވެނީގެ ގޮށުގައި ދާއިމްވެ ތިބެވިދާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

[ފިސާރި ތެދެއް މިބުނަނީ....އަހަރެން ލަމްހާއާ އިންނަން މިއުޅެނީ، އޭނާދެކެ އެއްވެސްވަރަކަށް ލޯބިވެގެނެއް ނޫން. އަހަރެންގެ ދިރިއުޅުމަށް ބޭނުންވާފަދަ ހިތްގައިމު ސިފަތަކެއް އޭނާއަށް ލިބިފައިވާތީ....] ވިޝާލް ނިކަން ބާރަށް ހީގަންނަމުން، ރަޙްމަތްތެރިޔާގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[ނަމަނަމަ، ތިކަން ލަމްހާގެ ޢާއިލާ މީހަކަށް ނާންގާތި....އެނގިއްޖެއްޔާ ހިއެއްނުވޭ، ކަލެޔަށް ތި ކައިވެނި ކުރެވިދާނެހެނެއް...] ނަބީލް ވިޝާލަށް ބިރުދެއްކިއެވެ.

އެމްބިއުލެންސް ހަނިގޯޅިތަކުންނާއި، ދިގު މަގުތަކުން ބާރު ދުވެއްޔެއްގައި ދުއްވަމުން އައިސް އައި.ޖީ.އެމް.އެޗް.ގެ މައި ދޮރާށިން އެތެރެއަށް ވެއްދުމަށްފަހު، ޕޯޓިކޯއަށް މަޑުކޮށްލުމާއެކު، އަށިގަނޑަކަށް ލައިގެން އަންހެނަކު ބާލުވައިފިއެވެ. އެ އަންހެން މީހާ، އާދެ! މާއިޝާ ތެޅިފޮޅެނީއެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެންނެވެ.

ގެންދިޔަގޮތަށް އޭނާ ވެއްދީ އޮޕަރޭޝަން ތިއޭޓަރަށެވެ. އަދުހަމާއި ދެފަރާތުގެ ޢާއިލާގެ ބޮޑެތިން ފެށިގެން ކުއްޖަކަށް ދާންދެން ހޮސްޕިޓަލަށް ޖަމާވެއްޖެއެވެ. އަދުހަމް ހުރީ ނިކަން ހާސްވެ ކަންބޮޑުވެފައެވެ. ދެލޮލުގައި ވަނީ ކަރުނައިގެ ތެތްކަމެވެ.

ފަހުން އަންނަ މީހުން ވީކީއްތޯ ސުވާލު ކުރަމުންދާއިރު، ވެގެން އުޅޭގޮތް އެނގޭ މީހުން، އެވެރިންނަށް މަޢްލޫމާތުދެމުން ދިޔައެވެ. މާއިޝާ ގޭގެ ދެވަނަބުރީގެ ބެލްކަނިން ކައްސާލައިގެން ވެއްޓުނީއެވެ.

ބޭރުފުށަށް މާބޮޑު ޒަޚަމްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް، އެތެރެ ހަށްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގެ ހެކިތައް، މާއިޝާގެ ހަށިގަނޑުގައި އަޅަމުންދާ ވޭންތަކުން ފެނެއެވެ. ތިއޭޓަރަށް ވެއްދިއިރުވެސް މާއިޝާ ހީވަނީ މަރަށް ތެޅޭ ރޯމަހެއް ހެންނެވެ. މާގިނައިރުތަކެއްނުވެ ޝިޔާޒްވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.

[ހިތްވަރު އެލުވާނުލާތި.....އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ޝިޔާޒް އަދުހަމަށް ހިތްވަރުދިނެވެ.

[ޝިޔާ....ބޭރުފުށުން ގެއްލުންތައް ފެންނަން ނެތަސް، ހާދަވަރަކަށޭ ބަނޑުން ލޭފޭބީ. މިތަނަށް ގެނެވުނުއިރު، މީހާ މުޅިން ހުދުވެއްޖެ.] އަދުހަމް އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ފޮހެލިއެވެ. އޭރު އެތާ ކައިރީގައި ކޮޅަށް މާއިޝާގެ މަންމައާއި ބައްޕަގެ އިތުރުން، އަދުހަމްގެ މަންމަވެސް ރޮއިރޮއި ހުއްޓެވެ.

[ވަރަށް އަވަހަށް އޯ ޕޮޒިޓިވްގެ ލޭ ބޭނުން.] ތިއޭޓަރުގެ ދޮރު ހުޅުވާފައި ބޭރަށް ބޯދިއްކޮށް ނަރުސް އަންހެން ކުއްޖަކު ބުންޏެވެ. އަދުހަމް ފުންމައިގެން ތެދުވެ، އަހަރެން މިހުރީއޭ ބުނެ މޭމަތީގައި އަތް ޖައްސާލިއެވެ.

ހަމައެޔާއެކު، ނަރުސް ކުއްޖާގެ އިޝާރަތަކާއެކު، އޭނާ ދިޔައީ ލެބޯރެޓަރީއަށެވެ. ކުރިން މާއިޝާއަށްޓަކައި ހިތުން މަޤާމެއް ނުދެވުނު ކަމުގައިވިޔަސް، މާއިޝާއަކީ މިހާރު އޭނާގެ ހިތުން މަޤާމެއް ކަށަވަރުކޮށްފައިވާ މީހެކެވެ.

އެހެންކަމުން، މާއިޝާގެ އެ ޙާލަތުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ހިތްދަތި އިޙްސާސްތަކެއް އޭނައަށް އެބަކުރެއެވެ.

މާއިޝާގެ އެކްސިޑެންޓްގެ ޚަބަރު، މާގިނައިރުތަކެއްނުވެ ސާދުނާގެ ފުށުން ލަމްހާއަށްވެސް ލިބުނެވެ. އެޚަބަރު ލިބުނުހިނދު، ލަމްހާ ނިކަން ދެރަވެސްވިއެވެ. ލޯބިވެރިޔާގެ ހިތަށް ތުރާވާނެވަރާއި، ކުރާނޭ ފުން އަސަރުތައް ތަޞައްވަރު ކުރެވޭތީއެވެ.

ފަހަރެއްގައިވެސް އަދުހަމް ދެރަވާކަށް އޭނާއެއް ނޭދެއެވެ.

އަދުހަމް ލެބޯރެޓަރީން ނުކުމެގެން އައިސް ތިއޭޓަރާ އަރާހަމަވި ވަގުތަކީ، މާއިޝާގެ ފުރާނަ ނެތް މަސްގަނޑު ތިއޭޓަރުން ނެރުނު ވަގުތެވެ. ވަގުތުން އަދުހަމް ހުއްޓުނެވެ. ހީވީ އޭނާގެ ފައިގެ ބާރު ނެތުނީހެންނެވެ.

[މާއިޝާ!؟] އަދުހަމަށް އަޑުގެ ކޮޅަށް މާއިޝާއަށް ގޮވާލެވުމާއެކުު، އެދިމާއަށް ހިނގައިގަނެވުނީ ނިކަން ބާރަށެވެ. ފަހަތުން އައިސް ޝިޔާޒް އަދުހަމްގެ ގައިގައި ހިފެހެއްޓި ނަމަވެސް، އޭނާ މާއިޝާގެ މޫނާއެކު އަޅާފައިވާ ފޮތިގަނޑު ނެގިއެވެ. އަދުހަމަށް ބާރުބާރަށް ރޮއިގަނެވުނީ ދެނެވެ.



[ކީއްވެތަ މާއިޝާ މަރުވާންވީ...އަހަރެން މިއައީ ލޭވެސް ދީފައޭ.......އެ ލޭ މާއިޝާއަށް އަޅާ....] އަދުހަމް މޮޔައަކު ފަދައިން މާއިޝާގެ ފުރާނަ ނެތް މަސްގަނޑުގެ އެތަންމިތަނުގައި ހިފައި ރޮމުންދިޔައެވެ.

[ހިތްވަރުކުރޭ....އަދުހަމް...] ޝިޔާޒްވެސް ހުރީ ފެންކަޅިވެފައެވެ.

[ދަރިފުޅުވެސް މަރުވީތަ؟.....] އަދުހަމްގެ އަޑު ބެދުނެވެ. ބޮލުގެ އިޝާރާތުން އޭނާއަށް ޖަވާބުދިނީ ގާތުގައި އިން ޑޮކްޓަރ ޕްރަޝާދެވެ. ޕްރަޝާދުވެސް އައިސް އަދުހަމާއި ޢާއިލާގެ މެމްބަރުންނަށް ހިތްވަރުދިނެވެ.

އެދުވަސް ފާއިތުވީ އަދުހަމް މުޅިން ނިކަމެތިކޮށްލާފައެވެ. އޭނާ ނުހަނު ފޮނި އުއްމީދުތަކެއް ކުރި ދަރިފުޅުވެސް، އޭނާގެ ލޯމައްޗަށް އުފަންނުވެ ދިޔައީއެވެ.

ކުރާނެ ކަމެއްނެތެވެ. ހައްތާވެސް ތަޤްދީރުގެ ނިންމުމެވެ. އެއްވެސް ފަރުދަކަށް ތަޤްދީރުގެ މައްޗަކަށް އަމިއްލަ ބާރެއް ނުފޯރުވޭނެއެވެ. އެހެން ނޫންނަމަ، އަދުހަމަށް މާއިޝާގެ ފުރާނައިގައި ހިފެހެއްޓުނީހެވެ.

މާއިޝާ މަރުވިތާ ހަފްތާއެއްހާ ދުވަސްވީއިރުވެސް އަދުހަމްގެ ކިބައިން ހިތާމައިގެ އަސަރު ފިލައިގެނެއްނުދެއެވެ.

ކުއްލި ޙާދިޘާއެއްގައި މާއިޝާ މަރުވުން ވެގެންދިޔައީ އެކަނި އަދުހަމްގެ ހިތާމައަކަށް ނޫނެވެ. ދެފަރާތުގެ ޢާއިލާއަށާއި، މާއިޝާއަށް ހެޔޮއެދޭ ރައްޓެހިންނަށްވެސް ލިބުނު ހަނދާން ނުނެތޭނޭފަދަ ހިތާމައާއި ހިތްދަތި ކަމެކެވެ.

މާއިޝާ މަރުވިތާ ދިހަވަނަޔަށްވީ ދުވަހު އަދުހަމަށް ޚަބަރު ލިބުނީ ލަމްހާގެ ކައިވެނި، އަވަސް މުސްތަޤްބަލެއްގައި ކުރަން ރާވަމުންދާ ވާހަކައެވެ. އެ ޚަބަރުގެ ސަބަބުންވެސް އަދުހަމްގެ ހިތުގައިވާ ޒަޚަމްތަކަށް އިތުރު އަނިޔާތައް ލިބި ފާރުވިއެވެ.

ކޮންމެހެންވެސް މިއަދު އޭނާއަށް ލަމްހާގެ އެހީ ބޭނުންވެއެވެ. މިފަދަ ވަގުތެއްގައި ލަމްހާގެ ކައިވެނީގެ ޚަބަރު ލިބުމުން، ވާނޭގޮތް ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން