ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ
ރައްޔިތުންނަށް އޮޅުވާލުމަށް "ކުޑަކުދިން"ކައިރީގައި ދައްކާ ކަހަލަ ވާހަކަ ނުދެއްކުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ދިމާކޮށް ޕީޕިއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ، ސަރުކާރުން ހުށައެޅި އަންނަ އަހަރުގެ ބަޖެޓް، މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންނަށް ވެސް ކަމުނުދިޔަ ކަމަށެވެ. ބަޖެޓް ގޯސްވެގެން ރައްޔިތުންނަށް އޮޅުވާލަން ކޮންމެ ވާހަކަ އެއް ދެއްކި ނަމަވެސް ބަޖެޓަކީ ކޮން އެއްޗެއްކަން ދިވެހި ރައްޔިތުންނަށް އެގޭނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"ބަޖެޓް ހަދާ ގޮތާއި އަރަންޏާއި ދަރަނި އެގޭ ރައްޔިތުން އެބަތިބި." އަބުދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އަޑަށް ބާރުލައްވާފައި ކޮންމެ ވާހަކަ އެއް ދެއްކެވި ނަމަވެސް އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ ތާކުންތާކުޖެހޭ ބަޖެޓެެއް ނޫން ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެގޭ އެއްޗަކީ 34 ބިލިއަންގެ ބަޖެޓެއްގައި 33 ބިލިއަން ދަރަނި އޮތީމާ ދެން އެ ބަޖެޓް ދެކޮޅު ނުޖެހޭނެކަން. ބަޖެޓްގައި 15 ބިލިއަން ރުފިޔާ ދަރަނި އޮތީމަ އެއީ ތާކުން ތާކުޖެހޭ ބަޖެޓަކަށް ނުވާނެ ކަން، ކިތަންމެ ރުޅިއަޔަސް ތިޔަ ބަޖެޓް ރައްޔިތުން ބަލައެެއް ނުގަންނާނެ." އަބުދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދަރަނި ބޮޑުވީ ރައީސް ޔާމިންގެ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ވެސް އަދުރޭ ވަނީ ރައްދު ދެއްވާފައެވެ. އަބުދުއްރަހީމް ވަނީ ދަރަންޏަކީ ކޮންއެއްޗެއްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ކަމާ މެދު ސުވާލު އުފައްދަވާފައެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރައީސް ނަޝީދުގެ ސަރުކާރުގައި ނުދައްކާ އޮތް ތިން ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހުނީ ރައީސް ޔާމިންގެ ސަރުކާރަށް ކަމަށެވެ." ފިނޭންސް މިނިސްޓްރީގައި ނުދައްކާ ހުރި ތިން ބިލިއަން ރުފިޔާގެ ބިލް، އެ ފައިސާ ދެއްކީ ރައީސް ޔާމިން." އަބުދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން 100 މިލިއަން ޑޮލަރުން އުފައްދާ ހަރުމުދަލުގައި 50 މިލިއަން ރުފިޔާގެ އަގު ނުހުންނަ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަ އަށް އަދުރޭ ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

"100 މިލިއަން ޑޮލަރަށް އުފެއްދި ހަރުމުދަލުގެ އަގެއް ނެތީމަތޯއޭ 140 މިލިއަން ޑޮލަރަށް އިމާރަތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ51 ޕަސެންޓް އަށްވާ 300 މިލިއަން ޑޮލަރު މިލިބެނީ، މިއީ ހަމަ ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ، މިހާރު މިއެގެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އަސްލު އަގަކީ 600 މިލިއަން ޑޮލަރުކަން." އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށާއި، އެއަދަދު 900 މިލިއަން ޑޮލަރަށް ގެންގޮސްދެއްވީ ރައީސް ޔާމިން ކަމަށެވެ. ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ބޮލަކަށް ޖެހޭ އާމްދަނީއަކީ 4000 މިލިއަން ޑޮލަރު ކަމަށާއި، އެމަނިކުފާނު ވެރިކަމުން ވަކިވެވަަޑައިގެންނެވިއިރު އެ އަދަދު 12000 ޑޮލަރަށް ޖައްސާފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"ދެން ކީކޭތޯ މިކިޔަނީ، މި ދައްކާ ވާހަކަ ދެކޮޅު ޖެހޭތޯ؟ މިމީހުން މިތިބީ ބުއްދި ސަލާމަތުންތޯ؟ ރިޒާވް ކިޔަވަން އަޅުގަނޑުމެން ގާތަށް އަންނަން ވީނުންތޯ އިގްތިސާދަކީ ކޮން އެއްޗެއްކަން ނޭގެންޏާއި ފައިބައިގެން ރައްކާވާން ވީ ނޫންތޯ؟" އަބުދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން