ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާ ގޮނޑީގައި އިންނެވިނަމަ، ސަރުކާރުން މިހާރު މަޖިލިހަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވޯޓުނުދެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ކުރިއަށް ދިޔަ ބަޖެޓު ބަހުސްގެ ތެރެއިން ރިޔާސަތުގައި އިންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މި ބަޖެޓަކީ ޑެފިސިޓު ބޮޑު ބަޖެޓެއް ކަމަށެވެ. އެ ޑެފިސިޓާއެކު މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑީގައި އިއްނެވި ނަމަވެސް ބަޖެޓަށް ވޯޓުނުދެއްވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މޫޑީސް އިންވެސްޓާސް ސާވިސަސްއިން ސަރުކާރަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ކަރުދާހެއް ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ސަމާލުކަމަށްޓަކާ ޕޯޓަލްގައި ހިމަނުއްވާފައިވާނެ ކަމުގައެވެ.

އޭގެ އިތުރަށް އެ ކަރުދާހުގައި ހިމެނޭ މައިގަނޑު ކަންކަން ރައީސް ނަޝީދު ވަނީ ތަފްސީލް ކޮށްދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މޫޑީސްއިން ދެކޭ ގޮތުގައި 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓު 13.4 އިންސައްތައިގައި ހުރި ކަމަށެވެ. އަދި އެއީ ޑެފިސިޓުގެ ޕީކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރު ބަޖެޓު ޑެފިސިޓު ހުންނާނީ 23.4 އިންސައްތައިގައި ކަމަށް މޫޑީސްގެ ރިޕޯޓުގައި ބުނެފައިވާ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ ޑެފިސިޓާއެކު އެ ބަޖެޓު ފާސްކޮށްފިނަމަ، އެކަމުގެ ސަބަބުން ކުރެޑިޓު ރޭޓިންއަށް އަސަރުކޮށް މޫޑީސްއިން ދޭ ރޭޓިން ދަށްކުރާނެ ކަމުގެ އިންޒާރުވެސް ނަޝީދު ދެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅުގައި ބަޖެޓަށް ދޭނެ ވޯޓެއް، މަޖިލިހުގެ ރިޔާސަތުގައި އިންނަވާތީ ނޯންނަ ކަމަށެވެ. ނަމަވެސް މަޖިލިހުގެ މައްޗަންގޯޅި މެދު ގޮނޑީގައި އިންނެވިނަމަ، މިހާރު އިން ޑެފިސިޓާއެކު ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން