ޗައިނާ އޮންނާނީ އަބަދުވެސް ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް އެހީތެރިވާން ތައްޔާރަށްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގލިޒޮންގ ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ލޯނުތައް ދެއްކުމުގައި ލުޔެއް ނުދޭކަމަށް ރައީސް ނަޝީދު ވިދާޅުވަމުންގެންދަވަނިކޮށް، ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ލުޔެއް ދިނުމާ ގުޅޭގޮތުން މިއަދުވެސް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު މަޝްވަރާތަކެއް ކުރިއަށްގެންދިޔަކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް މިހާރުވެސް ލޯނުތައް ދެއްކުމަށް ދީފައިވާ ލުއިތައް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިކަމަށް ސަފީރު ވިދާޅުވިއެވެ.



ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއިން ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް ޗައިނާ އޮންނާނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށްކަމަށެވެ. ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް 2 އަހަރުފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅުދައްްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދެއްުކުމަށް ޗައިނާއިން ރާއްޖެއަށް އެއްވެސް ލުޔެއް ދީފައިނުވާކަމަށެވެ. އަދި ރާއްޖޭގައި ނެތް އެއްޗެއް ގަދަކަމުން ހޯދަން އުޅޭފަދަ ގޮތަކަށް ޗައިނާއިން އަމަލުކުރަމުންދާކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"އަޅުގަނޑު ހަމަ އާޖާއިބުވެ އަންތަރީސްވޭ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވާދަކުރަމުން އަންނަ ޤައުމުން ރާއްޖޭގައި މިތިބަ 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާލާފައި ތިމަންނާމެންގެ ބެންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނީމަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ތަފާތު ވާޙަކަތައް މިދުވަސްވަރު ދެކެވެމުންދާއިރު، ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ފެށުނީއްސުރެ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްްޖެއަށް އޮތް ގެއްލުމުގެ ވާހަކަ ރައީސް ނަޝީދު ދަނީ ދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުން މިފަދަ ހުރިހާ ވާހަކައެއް ދޮގުކުރެއެވެ. މިގޮތުން ފޮރިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީން ދަނީ ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކޮށް އެގައުމަށް ޝުކުރު އަދާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މަނިކު

19-Nov-2020

ދެރައީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ނުބަލާ ޑިޕޮލޮމެޓިކު ވިސްނުމެއްނެތި ވަކި ގައުމަކާ އަޅައިގަނެގެން އުޅޭތީއެެވެ.



ޓްރެންޑިން