ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުން ވައްޓާނުލެވިގެން އުޅޭ ބަޔަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެކަމަށާއި، ބަޖެޓް އަދިވެސް ބޮޑުކުރަންވީކަމަށެވެ. ރާއްޖޭގެ ތާރީހުގައި މަޖިލީހަށް ފުރަތަމަ ބޮޑު ބަޖެޓެއް ހުށައެޅުއްވި ކުރީގެ ފިނޭންސް މިނިސްޓަރ ގާސިމް ވިދާޅުވީ މިހާރު ކުރަންވީކަމަކީ އެތެރޭގެ ދަރަނިތަކުގެ ތެރެއިން އެމްއެމްއޭއިން ނަގާފައި ހުރި ހުރިހާ ދަރަނި ސުމަކަށް ހެދުން، ނޫނީ ރައިޓް އޮފް ކުރަންވީކަމަށެވެ.

"އެއީ މި ދެ އަހަރު ތެރޭގައި ވެފައި ހުރި ދަރަންޏަށް ނުވާތީއާއި އެއީ 2005 އިން ފެށިގެން އަރަމުން އަންނަ ދަރަނިކަމުން އެ ރައިޓް އޮފް ކުރުމަކުން މިހާރު ދެން އަންނާނެ އިތުރު ނުބައެއް ނޯންނާނެ. އަދި މިގޮތަށް ދަރަނި ފާސްކުރިޔަސް އެ ފައިސާ ލިބިގެން ނޫނީ ޚަރަދު ނުކުރެވޭނެ، ކޮންމެ އަހަރަކު ފާސްކުރާ ހުރިހާ ބަޖެޓެއްގައި ޖަހާ ހުރިހާ ފައިސާއެއް ނުލިބޭ، އަދި ޚަރަދެއްވެސް ނުކުރެވޭ. މި ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް، ބަޖެޓް އަދިވެސް ބޮޑުކުރަންވީ. ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާނުލެވިގެން އުޅޭ ބަޔަކަށް." މާލީ ދާއިރާގެ ތަޖުރިބާކާރު ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މުޅި ޤައުމަށް ދަތި ދުވަސްތަކެއް އައިސްގެން އުޅޭއިރު، މަޖިލީހުން ސަރުކާރަށް އިތުރަށް ދަތިކުރުމުން އޭގެ ހުރިހާ އަސަރެއް ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ވަގުތުކަމަށް ގާސިމް ވިދާޅުވިއެވެ،

"މުޅި ޤައުމު ތާށިވީމަ، މަޖިލީހުން ތިގޮތަށް ތާށިކުރީމަ ރައްޔިތުން ޖެހޭނީ ބަނޑަށް. އެއީތޯ ތިޔަ ކުރަންވަން އުޅުއްވާ ކަމަކީ، އެހެން ހެދިގެން ނުވާނެ. ދެން ކުރަންވީ ކަމަކީ ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން ފުރިހަމައަށް އެހީތެރިވާންވީ. އެހެނީ އެކަން ނުވެގެން ލިބޭ ގެއްލުން ތަހައްމަލް ކުރުމުގައި މުޅި ރައްޔިތުން ބުރަ އުފުލަންޖެހޭނެ." މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ޗައިނާއާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަ ތަކަށް ޢިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ ވަކި ޤައުމަކާ "ޖެހިގަނެގެން" އުޅުމުގެ ބަދަލުގައި ހުރިހާ ޤައުމަކާއެކީވެސް ވަރުގަދަ ގުޅުންތަކެއް ބާއްވަންޖެހޭނެ ކަމަށެވެ. އަދި ވަކި ބައެއްގެ އަތްދަށުނުވެ ކުރިއަށްދިއުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.

"މިދެންނެވި ގޮތަށް ބަލާއިރު ބަޖެޓް އަދިވެސް ކުޑައީ. މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނު ގޮތަކުން، ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް. މިކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ތިޔަ ގެންދަނީ އެއީ މުޅި ޤައުމުގެ ހަލާކު، ރައްޔިތުންގެ ހަލާކު، އެހެންވީމަ ބަޖެޓް ފާސްކޮށްދެއްވަންވީ ކުރިން ދެންނެވި ގޮތަށް ސަރުކާރަށް ހެޔޮ ހިތުން އެހީތެރިވާން." ގާސިމް ވިދާޅުވިއެވެ.

ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާނުލެވިގެން އުޅޭ ބަޔަކަށްކަމަށް ގާސިމް ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ރައީސް ނަޝީދުގެ ފެކްޝަނުން މިބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދަނިކޮށެވެ. އެގޮތުން މަޖިލިސް ރައީސްވެސް އެމަނިކުފާނަށް ވޯޓް ދެއްވޭނަމަ މިބަޖެޓަށް ވޯޓް ނުދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓު ބޮޑުވެގެންނާއި ދަރަނި ބޮޑުވެގެން އެމްޑީޕީގެ ބައެއް މެންބަރުން ބަޖެޓަށް ފާޑުވިދާޅުވުމުގެ އިތުރުން ބަޖެޓާއި ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބަހުގެ ހަމަލާތައް ވެސް ވަނީ ދެއްވާފައެވެ. މީގެއިތުރުން ބައެއް މެންބަރުން ވަނީ ބަޖެޓުގައި ރަށްރަށާއި ރައްޔިތުންގެ ތަރައްގީއަށް ހިންގާން ހިމަނާފައިވާ ބައެއް މަޝްރޫޢުތަކުގެ ބަޖެޓު އުނިކުރުމަށް ވެސް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ކިނބޫ

25-Nov-2020

ވެރިކަނޗައްތާނުލެވިގެން އަބަދު ތެޅޭ މީހަކީ ކަލޭނު. ކެރަފާ ބާޣީންނެކޭ ކަލެއެކޭ ތަފާތެއް ނެތް.



ޓްރެންޑިން