އިލެކްޝަން ކޮމިޝަން ރައީސް އަހުމަދު ޝަރީފް (މ) ކުރީގެ ނާއިބް ރައީސް އަހުމަދު އަކްރަމް ( ވ)
އިލެކްޝަން ކޮމިޝަން ރައީސް އަހުމަދު ޝަރީފް (މ) ކުރީގެ ނާއިބް ރައީސް އަހުމަދު އަކްރަމް ( ވ)
އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރުކަމުން މިއަދު އިސްތިއުފާދެއްވި، އެ ކޮމިޝަންގެ ނައިބް ރައީސް އަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް، ގޯނާ ކޮށްފާނެ މީހެއް ނޫން ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އޭނާގެ ދިފާއުގައި ނުކުމެވަޑައިގެންފިއެވެ.

އަކްރަމް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އަކްރަމް މިއަދު އީސީގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އީސީ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަކްރަމަކީ އީސީއަށް ގެއްލިގެން ދިޔަ ހުނަރުވެރި ގާބިލް ހިންގުންތެރިއެއް ކަމަށެވެ.

"އޭނައަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާކޮށް، ގޯނާ ކޮށްފާނެ މީހެއް ނޫން. ހިތްވަރުގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑިގުޑަން އަންނާނެ.". އަކްރަމް އަށް ހިތްވަރު ދެއްވަމުން ޝަރީފް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ޢިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

އަކްރަމްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރުނެތި މިނިވަން މުއައްސަސާއެއްގައި އިންނެވުމަކީ ރަނގަޅުކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ ވަކިބައެއްގެ ރޭވުމުގެ މަތިން ކޮށްފައިވާ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި، އެފަދަ އެއްވެސް ޢަމަލެއް ނުހިންގާ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގައި މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން