އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު
އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު
ފްލޫ ކްލިނިކްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 9 އިންސައްތައަށް އިތުރުވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތު ދެނެގަތުމަށް ބަލާ އިންޑިކޭޓާސް ތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން ކަންބޮޑުވާންޖެހޭ ވަރަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ އާއި އަޅާބަލާއިރު، މި ހަފްތާގައި ފްލޫ ކްލިނިކްތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މައްޗަށްގޮސްފައިވާކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި މިހާރު މި ޢަދަދު ހުރީ 9 އިންސައްތައިގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދިވެސް ވަރަށް ބޮޑަށް ސަމާލުވުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

"ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 9 ޕަސެންޓަށް އިތުރުވުން މިއީ ލެވަލް ވަން. ލެވަލް ވަންގައި ހުރިކަމަށްވީނަމަވެސް ހަމަ ލެވަލް ޓޫ އާއި ވަރަށް ކައިރީގައި މި އުޅެނީ. އަޅުގަނޑުމެން މި ބަލާ ހުރިހާ އިންޑިކޭޓާސްތަކުގެ ތެރެއިން ކޭސްތައް އިތުރުވަމުންދާނަމަ ނުވަތަ ޙާލަތު އިތުރަށް ގޯސްވަމުންދާނަމަ އެންމެ ފުރަތަމަ މައްޗަށްދާނެ އިންޑިކޭޓަރއަކީ މިއީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ދިން ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތުގައި ނޭޅުމުގެ ސަބަބުން ބޮޑެތި ކްލަސްޓަރތައް ފެންނަމުންދާ މިންވަރުވެސް އިތުރުވެފައި ވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެކަން އެންމެ ބޮޑަށް އަދިވެސް ފާހަގަ ކުރެވިފައިވަނީ މަސައްކަތުގެ މާޙައުލުގައިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިކަމަށްވާނާމަ ވަޒީފާއަށް ނުގޮސް، ގޭގެއަށް ޒިޔާރަތްނުކޮށް، ބޭރަށް ނުނިކުމެ، ހަމައެކަނި ފްލޫ ކްލިނިކަށް ގޮސް ޓެސްޓްކުރުމަށް އެޗްއީއޯސީ އިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،452 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 68 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން