ޞާދިރު ޢަލީދީދީ   20 ނޮވެމްބަރު 2020 - 13:29
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 06

................

[ވެދާނެ އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ނޭނގެނީ ކަމަށްވެސް. ތިވީގޮތުން އަހަރެން ބޭނުން ލޯބި ކިޔަވައިދޭ ކްލާހަކަށް ދާން.] އަދުހަމާ ދިމާކުރާފަދަ ގޮތަަކަށް ޝިޔާޒް ބުންޏެވެ.

[ތީ ވަރަށް އާދަޔާ ޚިލާފް ކަމެއް. ޢުމުރުން ވިހި ބާވީސް އަހަރުވާއިރު، ލޯބީގެ އެ ކުރު ލަފްޒު ނޭނގެންޏާ. އަނެއްކާ ޝިޔާޒްގެ ޙިއްސުތައް މަސައްކަތް ނުކުރަނީތަ؟] އަދުހަމް ގާތަށް ހިނިއައެވެ.

[ނޫނޭ ޙިއްސުތައް ބަރާބަރަށް މަސައްކަތްކުރޭ. ހަމަގައިމުވެސް މިރުސް ކޭމާ ކުޅިވޭ. ހަކުރު ކޭމާ ފޮނިވެސްވޭ....] ޝިޔާޒްގެ ވާހަކަ ސަމާސާއާ ގުޅުނެވެ.

[ތިދަނީ މާ މައްޗަށް. މިކަހަލަ ސީރިއަސް ވަގުތެއްގައި ސަމާސާ ކުރާނެ ކަމެއް ނެތް. މީގެފަހުން އަހަރެންގެ ލައިފާ ބެހޭގޮތުން ދުވަހަކުވެސް ޝިޔާޒަކާ މަޝްވަރާއެއް ނުކުރާނަން.] ވަގުތުގެ ގޮތުން އަދުހަމަށް ޝިޔާޒްގެ ސަމާސާ ކަމުނުދިޔައެވެ.

[ސޮރީ...ސޮރީ....މިހާރު ސީރިއަސް. އަދޫ ބައްޕަ ގާތު، ބައްޕައަށްވުރެން ކުރިން ބުނޭ، ތިމަންނަ މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރާށޭ. އޭރުން ވަގުތުން ބައްޕަގެ ދޫ ބަންދުވާނެ. އެހެންވީމާ، ކައިވެނީގެ ވާހަކަ ފުރަތަމަ ދެއްކުމުގެ ފުރްޞަތު އަދޫ ހޯދާ.....] ސަމާސާ ކޮށްކޮށްފައި ޝިޔާޒް ދިނީ ނިކަން މޮޅު ޚިޔާލެކެވެ. އެއީ ބައްޕަގެ ޚިޔާލުތައް ވިއްސިވިހާލިކޮށްލުމަށް ރަނގަޅު ފަންޑިތައެއް ކަމަށް އޭނާއަށް ޤަބޫލު ކުރެވުނެވެ.

[ތީ ވަރަށް ފައްކާ ޚިޔާލެއް. އަވަހަށް ދާންވީ ބައްޕައާ ބައްދަލުކުރަން.] އަދުހަމްގެ ހިތް އަވަސްވިއެވެ.

[ހިނގާ ފުރަތަމަ ކޮފީއަކަށް ދަމާ...ދޭނީވެސް އަހަރެން. އަދުހަމްގެ އަތުން ބޯނީ ކާމިޔާބުވީމާ....] ޝިޔާޒް ތެދުވިއެވެ.

[އުނހު...މިވަގުތަކު ނުބޮވޭނެ.] ލަމްހާ ވާހަކަ ދެއްކީ އޭނާގެ މަންމަ ޒައިނަބާއެވެ. އެދެމައިން ތިބީ ލަމްހާގެ ގޭގެ ކާކޮޓަރީގައެވެ.

[ދަރިފުޅާ، މިހާރަކަށް އައިސް ދަރިފުޅަށް ތިވަނީ ކިހިނެއްތަ؟ ކެއިންބުއިމާ މުޅިން ބީރައްޓެހިވެއްޖެ. އަނެއްކާ މަންމައަށް ނާންގައި ކަންތައްގަނޑެއް ހިންގަނީތަ؟] އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ޒައިނަބް ކުރާ ސުވާލެކެވެ. ކޮންމެފަހަރަކުވެސް ލަމްހާ ހަދަނީ ދޮގެވެ. މަންމަގެ ޚިޔާލު ނޭނގޭތީ ތެދު ބުނަން ނުކެރެނީއެވެ.

[މަންމާ....އަޅެ މަންމާ...އަހަންނަށް މަންމައާއި ބައްޕަގެ އިތުރުން އެހެން މީހަކުދެކެވެސް ލޯބިވެވިއްޖެ.....ލޯބިވެވިއްޖެ....] ލަމްހާ އިސްޖަހާލިއެވެ. ވަގުތުން ޒައިނަބްގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އުފަލުންނެވެ.

[ކޮން ކުއްޖަކުދެކެ؟ ކޮބައިތަ އެކުއްޖަކީ....] ޒައިނަބް ލަމްހާގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލިއެވެ. ލަމްހާ ރަކި ހިނިތުންވުމަކާއެކު މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

އެއަށްފަހު، އޭނާ އަދުހަމްގެ ލޯބި ފެށުނުގޮތާއި މިހާރު އެލޯބި ގޮސްފައިވާ ހިސާބު، މަންމައަށް އޮޅުންފިލުވައިދިނެވެ. ލަމްހާ ހީކުރިގޮތަށް އޭނާގެ މަންމައާއި ބައްޕަ، އޭނާގެ އެފެށުމަށް މަރްޙަބާ ކިޔެވެ. އެޚަބަރު ލިބުމާއެކު، ބައްޕަ ޖާވީދު ފުރަތަމަވެސް ބޭނުންވީ އަދުހަމާ ބައްދަލުކުރާށެވެ.

[މަންމަމެނަށް އަންގާނުލާ ހާދަ ދުވަހެއް ވަންދެން ކެތްކޮށްފިއޭދޯ. މިހާރު މަންމަ މިހުރީ ދަރިފުޅުގެ ކައިވެނިވާތަން ދެކޭހިތުން ކެތްމަދުވެފައި......] ޒައިނަބް ލަމްހާގެ ބުރަކަށީގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

[ދެންދޭ އެއޮއް އޮފީސް ގަޑިޖެހެނީ....] ލަމްހާއާއެކު ދޮރާށްޓާ ހަމައަށް މަންމަވެސް ދިޔައެވެ. އޭރު ޖާވީދުވެސް ނާސްތާކޮށް ނިމި، އޮފީހަށް ދާން ތައްޔާރުވަނީއެވެ.

އަދުހަމް ޝިޔާޒާއެކު ގޮސް ކޮފީ ބޮއިގެން ދިޔައީ ގެއަށެވެ. ބައްޕައާ ބައްދަލުކޮށް، ޝިޔާޒްގެ ލަފައާއެކު ބައްޕަ ގާތު އޭނާގެ ކައިވެނީގެ ވާހަކަ ބުނާށެވެ.

[ދަރިފުޅުގެ އިންތިޒާރުގައި ހެނދުނުވެސް ބައްޕަ ނިކަން ގިނައިރުވަންދެން ހުރެފައި ދިޔައީ. މިހާރު މެންދުރު ކާން އަންނާނެ.] އަދުހަމް ގެއަށް ވަނުމާއެކު، މަންމަ ޙަސީނާ ބުންޏެވެ.

މަންމަ އެހެން ބުނީމާ، ތިމަންނަވެސް ބައްޕައަށް އިންތިޒާރު ކުރީމޭ ބުނެފައި، އަދުހަމް ގޮސް ކޮޓަރިއަށް ވަނެވެ. މިއަދު ކޮންމެ ގޮތެއްވިޔަސް ބައްޕައަށްވުރެން ކުރިން ކައިވެނީގެ ވާހަކަ އޭނާ ދައްކާނެއެވެ.

އަދުހަމް ކޮޓަރިއަށް ވަދެ، ލަމްހާއަށް ގުޅާލިއެވެ. ނަމަވެސް، ބައްޕަ އޭނާގެ ކައިވެނި ރާވާފައިވާ ވާހަކައެއް ލަމްހާ ގާތަކު ނުބުނެއެވެ.

[ލަމް....މިހާރު އަހަރެން ޤަޞްދުކޮށްފިން، ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.] އަދުހަމް ބުންޏެވެ.

[އަނެއްކާ ކުއްލިއަކަށް މާ އަވަސްކޮށްލީ، ކިހިނެއްވީ؟] ލަމްހާ އެއްސެވެ.

[ތިކަހަލަ ޕަރީއަކު ގެއްލިދާނެތީވެސް ބިރުގަންނަންޖެހޭ. ކިހިނެއްތަ، އަހަރެމެންނަށް އެނގޭނީ ލަމްހާގެ ކައިވެންޏަށް ލަމްހާގެ މަންމަމެން މީހަކު ޚިޔާރު ނުކުރާނޭކަން. އެންމެބޮޑު ބިރަކީ އެއީ.] އަމިއްލަ ބައްޕަގެ ޚިޔާލު އެނގުމުން، އެއްވެސް ބަޔަކަށް އިތުބާރު ކުރާކަށް އަދްހަމް ބޭނުމެއް ނޫނެވެ.

[އައްދޭ....އަހަރެންގެ މަންމައާއި ބައްޕަ ގާތު ބުނެފީމޭ. އަހަރެންގެ ބައްޕަމެން އެދެނީވެސް ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.] ލަމްހާ އުފާވެރި ޚަބަރު އަދުހަމަށް ދިނެވެ.

[އަޞްލުވެސްތަ، ހާދަ ރަނގަޅޭ....] އަދުހަމަށް މިހެން ބުނެވުނު ވަގުތު ބައްޕަ ގެޔަށް ވަން އަޑު އިވުމުން، ފަހުން ގުޅާނަމޭ ބުނެފައި އަދުހަމް ފޯން ކަނޑާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު ބޮޑު ކޮޓަރީގައި ބައްޕަ ޒުހޫރު އިންތިޒާރުގައި އިނެވެ.

[އާދޭ....އާދޭ....ބައްޕަ ދަރިފުޅު ގާތު ވާހަކައެއް ދައްކާލަންވެގެން، ހެނދުނުވެސް އިންތިޒާރު ކުރީމޭ.] އަދުހަމް ފެނުމާއެކު، ޒުހޫރު ބުންޏެވެ. އަދުހަމް އައިސް ބައްޕަ އިން ސޯފާގެ ކުރިމަތީގައި ހުރި ސީޓްގައި އިށީނެވެ.

[ބައްޕާ.....އަހަރެންވެސް މިއުޅެނީ ބައްޕަ ގާތު ވަރަށްބޮޑު ވާހަކައެއް ދައްކާލަން ކަމަށް.] އަދުހަމް ނިކަން ހިތްވަރުކޮށްފައި ބުންޏެވެ.

[ތިހެންވީއިރު ފުރަތަމަ ދަރިފުޅު ދައްކާ.]

[އައްސަލާމް ޢަލައިކުމް.....] ޒުހޫރުގެ ވާހަކައިގެ ތެރެއިން ބަޔަކު ސަލާމް ގޮވާލިއަޑަށް ޒުހޫރާއި އަދުހަމް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ.

[ވަޢަލައިކުމުއްސަލާމް....] ދޮރުމަތީގައި ހުއްޓި ތިބީ މާއިޝާގެ ބައްޕަ ފިރާޤާއި، މަންމަ ނަސީމާ އަދި މާއިޝާއެވެ. ވަގުތުން އަދުހަމްގެ މޫޑު ބަދަލުވެ، މީހާ އޮއްސުނު ކަހަލައެވެ.

[އައިސް އިށީނދޭ....ދަރިފުޅާ މާއިޝާ ކިހިނެއްތަަ؟] ޒުހޫރު މާއިޝާއަށް ގޮވާލުމަށްފަހު ބަލައިލީ އަދުހަމްގެ މޫނަށެވެ. އަދުހަމްގެ ނަޒަރު ހުރީ ކިހިނެއްތޯ ބަލައިލާށެވެ.

[ފިރާޤުމެން ކައިވެންޏަށް އެއްވެސްވަރަކަށް އެބަ ތައްޔާރުވަންތަ؟] ޒުހޫރު އެމަޥްޟޫޢު ތިލަކުރުމާއެކު، އިޝާރާތުން މާއިޝާ ގާތު އައިސްބަލާށޭ ބުނެފައި އަދުހަމް އެތަނުން ހިނގައިގެންފިއެވެ. ނަމަވެސް، އޭނާގެ ފަހަތުން މާއިޝާ ހިނގައިގަތުމުން، ޒުހޫރު އަދުހަމް ހުއްޓުވާކަށް ނޫޅެއެވެ. އަދުހަމް އެރީ އެގޭ ފަސްވަނަ ފަންގިފިލާގައިވާ ޓެރަސްއަށެވެ. ފަހަތުން މާއިޝާވެސް އެރިއެވެ.

[މާއިޝާ، ބައްޕަމެން އެ ދައްކަނީ ކޮން ކައިވެންޏެއްގެ ވާހަކައެއްތަ؟ އަނެއްކާ އަހަންނަށް އަންގާވެސްނުލާ މާއިޝާ މީހަކާ އިންނަނީތަ؟] ކަނޑައެޅިގެން އެނގިހުރެ އަދުހަމް އެއްސެވެ. ލަމްޙާ ޙައިރާންވިއެވެ. އަދުހަމަށް ހަމަ ޙަޤީޤަތުގައިވެސް ނޭނގެނީބާއޭ ހިތަށްއެރިއެވެ.

[އަދޫއަށް ނޭނގޭތަ؟ އަހަރެމެން ދެމީހުންގެ ކައިވެނީގެ ވާހަކައެއްނު އެދައްކަނީ.] އަދުހަމް ކުރީ ސަމާސާއެއް ކަމަށް ވިސްނާފައި، މާއިޝާ ބުންޏެވެ.

[އޭނ!؟ އަހަރެމެންގެ ކައިވެންޏޭ. އަހަރެން މާއިޝާއާ އިންނަނީތަ؟ ނޫނީ މާއިޝާތަ އަހަންނާ އިންނަނީ؟] އަދުހަމް މަޑުމަޑުން ހިނގާފައި ގޮސް ޓެރަސްގެ ތޭރިތަކުގައި ހިފަހައްޓާލިއެވެ. އަދިވެސް މާއިޝާ ހީކުރީ އަދުހަމް ސަމާސާ ކުރަނީ ކަމަށެވެ. އެހެންކަމުން، އޭނާ އައިސް އަދުހަމާ ދާދި ގާތަށް ހުއްޓުނެވެ.

[އަދޫ ކޮން ސަމާސާއެއް ކުރާކަށް. މިހާރު ކައިވެންޏަށް ތާރީޚް ކަނޑައަޅައިފިންތަ؟] މާއިޝާ އަދުހަމްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. އަދުހަމް ސިހިގެންދާފަދަ ގޮތަކަށް އެނބުރުނެވެ.

[މާއިޝާ، މާއިޝާ ތިހުރީ ވަރަށްބޮޑު އޮޅުންގަނޑެއްގެ ތެރޭގައި. ބައްޕަމެން އެދެކޭގޮތަށް ދުވަހަކުވެސް އަހަރެން މާއިޝާއާ ދޭތެރެއަކު ނުދެކެން. އަހަރެން ގާތު އަހާވެސްނުލާ ބައްޕަމެން އެ ނިންމި ނިންމުމުގެ ސަބަބުން އަހަރެން ވަރަށް ލަދުގަނެއްޖެ. މާއިޝާ، އަހަރެން މާއިޝާ ދެކެނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައި. ބައްޕަމެން ކިތަންމެ އެދުނަކަސް، އަހަންނަކަށް މާއިޝާއާ ކައިވެންޏެއް ނުކުރެވޭނެ.] ވަގުތުން މާއިޝާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[އެ ނިންމުން ނިންމިއިރު، ބައްޕަމެން އަދޫގާތު އަހާވެސްނުލާތަ؟] މާއިޝާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. ޙަޤީޤަތުގައި އޭނާ ނިކަން ދެރަވެއްޖެއެވެ.

[އާނ، މާއިޝާ ދެރަނުވޭ..] އަދުހަމް ފުން ނޭވާއެއްލިއެވެ. އެއްވެސް އަންހެން ކުއްޖަކު ދެރަކޮށް، ހިތުގައި ޖެއްސުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ.

[އަޅެ....އަހަރެންވެސް ހީކޮށްގެން މިހުންނަނީ އަދުހަމްގެ ރުހުމުގައި، އަދުހަމް ސީދާ އެދިގެން ރާވައިގެން އުޅޭ ކަމެއް ކަމަށް. އަހަރެން...މުޅިން މާޔޫސްވެއްޖެ....] މާއިޝާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

[މާއިޝާގެވެސް ރުހުމަކު ނޫން ދޯ ބައްޕަމެން ކައިވެނި ރާވައިގެން އުޅެނީ؟] އަދުހަމް އެހިއެވެ.

[ނޫން. އަހަރެންގެ ރުހުމުގައި. އަދޫ....އަދޫއަށް ނޭނގުނަސް، އަބަދުވެސް އަހަރެން އަދޫއަށް އުއްމީދު ކުރަން...އިންތިޒާރު ކުރަން.] އަނެއްކާވެސް މާއިޝާގެ ލޮލުން ކަރުނަ ހިލުނެވެ.

މާއިޝާގެ އެޖުމްލައިން އަދުހަމަށް ތެޅިގަނެވުނެވެ.

[މާއިޝާ!؟] އަދުހަމް މާއިޝާގެ މޫނަށް ބަލައިލިއެވެ. އޭރު މާއިޝާގެ ދެލޯ ކަރުނުން ފުރި ޝިކާރަބަރާސް ދަނީއެވެ.

[އަހަންނަށް މަޢާފްކުރޭ މާއިޝާ. އަހަންނަކަށް މާއިޝާގެ އުއްމީދުތައް ފުރިހަމަކޮށެއް ނުދެވޭނެ. ޤުދުރަތުން އަހަންނަށް އެއްހިތަށްވުރެން ގިނައިން ހިތް ދެއްވާފައިވާނަމަ، ކޮންމެވެސް އެކައްޗަކުން މާއިޝާއަށްވެސް ޖާގައެއް ދެވުނީސް.] އަދުހަމް ކުޑަކޮށް ކުރިއަށް ހިނގައިގެންފިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން