ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އާއި އަވައްޓެރި ޗައިނާ ފަދަ ގައުމުތަކަށް އެއްޗެހި ގޮވުން ހުއްޓާލަންޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ރޭ ވާހަަކަ ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އަވަށްޓެރި ޗައިނާ ފަދަ ގައުމުތަކަށް އެއްޗެހި ގޮވުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެގައުމުތަކަށް އެއްޗެހި ގޮވައިގެން ލިބޭނެ މޮޅެއް ނުވަތަ ފައިދާ އެއް ނެތް ކަމަށާއި، ޗައިނާ އަދި އިންޑިޔާ އިން ވެސް ލޯނު ނަގާފައިވަނީ ދިވެހި ސަރުކާރުން ކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް އެކަހަލަ ވާހަކަ ދައްކައިގެން ނުވާނެ. އަޅުގަނޑުމެން ހާލުގައި ޖެހިގެން ޗައިނާ ސަރުކާރުގައި ލޯން ރީސްޓަކްރަޗާ ކޮށްދޭށޭ ނުބުނަންވީ ސަބަބެއް ނެތް. އެގޮތަށް ބުނާއިރު މަޖިލީހުގެ މެމްބަރުން ސަރުކާރުން އެކުރާ މަސައްކަތާއި ދެކޮޅަށް، އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނާއި ސަރުކާރާއި ދިމާލަށް އެއްޗެހި ގޮވާ ބަވާ ހަދާނަމަ ދެން ކިހިނެއްތޯ ވާނީ ކީކޭތޯ މި ބުނަނީ؟ މިބުނާ އެއްޗެއްގެ މާނައަކީ އެ ސަރުކާރުން ރުޅިއަރުވައިގެން އަޅުގަނޑުމެންނަށް އެއްވެސް ފުރުސަތެއް ނުދިނުން. އެހެން ހެދީމަ އަޅުގަނޑުމެން ރައްޔިތުން ދެއްތޯ އިނދަޖެހި ނިކަމެތިވެގެން މިދަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޗައިނާ އިންޑިޔާ ފަދަ ގައުމުތަކަށް ރާާއްޖެ އިން އެއްޗެހި ގޮވުމުން އެގައުމުތަކުން ޖެހިލުންވެ ބިރުން ރާއްޖެ އާއި އޮންނަ ގުޅުން ރަނގަޅުކޮށް ގާތްވާން މަސައްކަތް ކުރާނެ ކަމަށް ދެކުމަކީ މޮޔަ ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ދެކޭ ބައެއް ބޭފުޅުން އެބަތިއްބެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

"އޭރުވެސް މިހާރުވެސް ސަރުކާރުން ހަމަ މިލޯނު ނަގަނީ، ނަގައިގެން ހުރިހާ ކަމެއް ނިމުނީމަ އެގައުމުތަކަށް އެއްޗެހި ގޮވައި ބަވައި ހެދުމުން އަނިޔާވެރިކަން އެލިބެނީ، ޗައިނާ އިންޑިޔާ ޖަޕާން ލަންކާ ކޮންމެ ގައުމަކަށް ބެލި ނަމަވެސް ރާއްޖެ އަކީ ނިކަމެތި ގައުމެއް. އެގައުމުތަކަށް އެއްޗެހި ގޮވައި ހެދުމަކީ މޮޔަ ވިސްނުމެއް. އަޅުގަނޑު ދަންނަވާނީ އެހެން ނަހައްދަވާށޭ އަޅުގަނޑުމެން ޖެހޭނީ ހުރިހާ ގައުމަކާއި ވެސް ގުޅުން އުފައްދައިގެން އިސްލާމްދީނުގައިވާ ގޮތުގެ މަތިން އިޚުލާސްތެރި ހެއުނިޔަތުގައި އަޅުގަނޑުމެން ކުރިއަށްދާންޖެހޭނީ." ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޗައިނާ އިން ރާއްޖެ ނަގާފައިވާ ލޯންތަކާއި ދަރަނީގެ ދަންތުރައެއް ކަމަށެވެ. އަދި ތަފާތު މުނާސަބަތުގައި އެމަނިކުފާނު ވަނީ ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިއާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ގެންދަވަނީ މި ސަރުކާރުން އިންޑިއާ އާއެކު ބާއްވާ ގުޅުމަށް ފާޑު ކިޔަމުންނެވެ. އަދި އިންޑިއާއާއި ސަރުކާރުން ގާތްވެފައިވަނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލުވެސް ގެއްލޭ މިންވަރަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން