މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
އިޤްތިޞާދު އިނދަޖެހިފައިވާ މިދަނޑިވަޅުގައި ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތު އިސްނުކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން އިސްކުރަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މާލީ ކަންކަމާއި އިޤްތިޞާދީ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިއީ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހޭ ދަނޑިވަޅެއްކަމަށެވެ. އަދި މިއީ ސަރުކާރުން ރައްޔިތުންގެ މާލީ ފުދުންތެރިކަން ކަށަވަރުކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ޝަރީފް ވިދާޅުވީ މިހާރު ދަރަނި ބޮޑުވެގެން އުޅެނީ ކޯވިޑްގެ ސަބަބުންކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރަން ރައްޔިތުންނަށް ދޭ ފައިސާ އިތުރުކުރަންޖެހޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.


ޝަރީފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަށްގެންގޮސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ވަޒީފާތައް ރައްކާތެރިކޮށް، ވިޔަފާރިތައް ހިމާޔަތްކުރަން ވަރަށް ރަނގަޅު މާލީ ސިޔާސަތުތަކެއް ބޭނުންވާކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދަރަނި ކިތަންމެ ބޮޑުވިޔަސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ކުރިއަށްގެންދަންޖެހޭކަމަށެވެ. އަދި ދަރަނީގެ ކަންކަން ހަމައަކަށް އަޅުވަން އެންމެ މޮޅު ގޮތަކީ އިޤްްތިޞާދީ ދުވެލި ހަލުވިކުރުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ޝަރީފްގެ ޓްވީޓްގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމުން އާމްދަނީ އިތުރުވެ، ދަރަނި އަދާކުރުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މިކަންކަން ހާސިލްކުރުމަށް ފައިދާކުރަނިވި އިންފްރާސްޓަރަކްޗަރއަށް އިންވެސްޓްކުރުމުގައި ދެމިތިބެންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ބަލިމަޑުކަމެއް ފެތުރި، އިޤްތިޞާދު އިނދަޖެހިފައިވާ މިދަނޑިވަޅުގައި ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތު އިސްނުކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން އިސްކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން އަންނަ އަހަރަށް ބޮޑު ބަޖެޓެއް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުންނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުން މިއީ ބޮޑު ބަޖެޓެއް ފާސްކުރަންޖެހޭ ވަގުތެއް ނޫނެވެ. ނަމަވެސް ސަރުކާރަށް ތާޢީދުކުރައްވާ ބޭފުޅުން ވިދާޅުވަނީ މިއީ އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުކުރަންޖެހޭ ވަގުތުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު