އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރާ ކަމަށް ބުނަން ދަތިކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގުރާމްގައި ވާހަަކަދައްކަަވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ކޯލިޝަންގެ ތަޖުރިބާއަކީ ހިތި ތަޖުރިބާ އެއް ކަމަށެވެ. ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ދަނީ އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ކަމަށް ބުނަން ދަތި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ސަރުކާރަކީ ކޯލިޝަނުން ވެރިކަމަށް އައި ސަރުކާރަކަށްވާތީ އޮންނަންޖެހޭނީ ވެސް ކޯލިޝަންގެ މެނިފެސްޓޯ އެއް ކަމަށް ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ. ކޯލިޝަންގެ ޕާޓީތަކުގެ ވަޒީރުން ސަރުކާރުގައި ތިއްބެވުމަކީ މައްސަލަ އެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެއިން ކޮންމެ ބޭފުޅެއްގެ ވިސްނުން ސަރުކާރުން ގެންގުޅެންނުޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

"ރާއްޖޭގައި ދަތުރުކުރީ އެމްޑީޕީ. އެހެން ޕާޓީތައް ދަތުރު ނުކުރެއެކޭ ނޫން މިދަންނަވަނީ. ކެމްޕޭންގައި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ފަރާތުން ވެސް މަސައްކަތް ކޮށްދެއްވި. މައިގަނޑު އަސާސް އޮތީ އެމްޑީޕީގެ މެނިފެސްޓޯ އޮތީ، އެހެންނަމަވެސް މެނިފެސްޓޯ މި އޮންނަނީ ކޯލިޝަން މެނިފެސްޓޯ އެއްގެ ގޮތުގައި. މިއީ ރައީސް އަށް ދަތިވާނެ ކަމެއް. މިސާލަކަށް އަދާލަތު ޕާޓީން ބޭނުންވާ ވަކިކަމެއްް އޭގައި ހިމަނާފައި ރައީސް މައުމޫން ބޭނުންފުޅުވާ ކަމެއް ހިމަނާއިރު އެމްޑީޕީން އެގޮތާއި އެއްބަސްނުވެދާނެ. ދެން ކޮންގޮތެއްތޯ އެތަނުން ޚިޔާރުކުރާނީ؟ ތަންފީޒުކުރަނީ؟ ދެން ވިދާޅުވަނީ އެއްބަސްވެފައި އެބައޮތޭ މެނިފެސްޓޯއެއް އެމްޑީޕީން ހެދި މެނިފެސްޓޯ މައިގަނޑު އަސާސް އަކީ އެހެންވީމަ ރައީސް އަށް ދަތިފުޅުވާނެ." ހަސަން ލަތީފް ވިދާޅުވިއެވެ.

2008 ވަނަ އަހަރުވެސް އެމްޑީޕީ ވެރިކަމަށް އައީ ކޯލިޝަން އެއްގެ ތެރެއިން ކަމަށާއި އޭރު އޮތް މެނިފެސްޓޯއަކީ ކޯލިޝަންގެ މެނިފެސްޓޯ އެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

" އޭރުގައި ރައީސް ޑރ.ވަހީދު އިއްތިހާދު ޮާޕާޓީއާއެކު އެމްޑީޕީން ހެދި މެނިފެސްޓޯ އެއް އޮތީ، ތަފާތު ސަބަބުތަކަށްޓަކައި އިއްތިހާދު ޕާޓީގެ ލޯގޯ ޖަހާފައި އޮތްނަމަވެސް މައިގަނޑު ސިޔާސަތަކީ އެމްޑީޕީން ކުރި ދަތުރުތަކުގައި ރައްޔިތުން އެދުނު ކަންތައްތަށް ވައުދުތަކެއްގެ ސިފައިގައި މެނިފެސްޓޯ އެކުލަވާލައި އެއީ މެނިފެސްޓޯ އެއް ގޮތަށް އޭރުވެސް ބެލީ އޭރު އެހެން ޕާޓީތަށް ވެސް ކޯލިޝަން ތެރޭގައި އޮތް" ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީ އާއި ޖުމުހޫރީ ޕާޓީ އާއި އެމްއާރުއެމް ހިމެނޭ ބޮޑު ކޯލިޝަންއެއްގެ ތެރެއިންނެވެ. ރައީސް ސޯލިހް ވަނީ ސަރުކާރު ކޯލިޝަން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން