ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު
ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު
ޖުވެނައިލް ކޯޓުގެ ގާޟީ ޢަބްދުލް ބާރީ ޔޫސުފް މަގާމުން ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

އެމައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެވެ.

މިމައްސަލަތަކުގެ ތަޚްޤީޤުގެތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ އަބްދުލްބާރީ ޔޫސުފުއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަންވެސްވަނީ ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

އަދި އޭރު ޝަރީޢަތްތައް ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި، ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފުލެޓަށް ފައިސާ ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފާ ބެހޭގޮތުން ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖޭއެސްސީއަށް އަންގާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ހުރީ ސަސްޕެންޑްކުރެވިފައި ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން