ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނަށް ހުކުމްކޮށް ޖަލަށްލިތާ އެއް އަހަރު ފުރޭ ދުވަހު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޮންގުރެސްއިން މުޅި ރާއްޖޭގައި އިހުތިޖާޖް ކުރަން ނިއްމައި އެކަން އިއުލާންކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ އެޓޯލްސް ޑިޕާޓުމެންޓުގެ ޗެއާ އަދި ފެނަކައިގެ ކުރީގެ އެމްޑީ އަޙްމަދު ނިމާލު ވިދާޅުވީ މި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިރާއްޖެ" މި ނަމުގައި ކަމަށެވެ. މިހަރަކާތް މާލޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެ އިހުތިޖާޖްގައި އެކޯލިޝަނަށް ތާއިދުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ނިމާލް އެދިވަޑައިގެންނެވިއެވެ.

"ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހު ހަވީރު ހަތަރެއްޖަހާއިރު ސަރުކާރަށް އަޑު އިއްވުމަށްޓަކައި އިހުތިޖާޖްކުރަން، މިވަނީ ނިއްމާފައި އެތާރިޚުން ފެށިގެން ސިލްސިލާކޮށް އެ މުޒާހަރާގެ ކަންކަން ކުރިއަށް ގެންދާނަން." ނިމާލް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ހުކުމްކޮށްގެން އެމަނިކުފާނު ޖަލުގައި ބާއްވައިގެން އުޅެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ވަކި ބަޔަކު ރުއްސަން ކުރައްވާ ކަމެއް ކަމަށެވެ.

އަދި ރައީސް ޔާމީން ޖަލުގައި އޮންނަވާއިރު، އެމްއެމްޕީއާރުސީ ޚިޔާނަތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތު ގޭގައި ތިއްބަވައި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ދިވެހިން ޤަބޫލުކުރާ އިންސާފެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގެ ރައީސެއްގެ ގޮތުގައި އިންނެވި ކުރިމިނަލް ކޯޓުގެ އެއިރުގެ ޤާޟީ ޢަލީ ރަޝީދު ޙުސައިނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ދީފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާއެއް ނެތް ޤާޟީއަކަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން ދީފައިވަނީ ސީދާ ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރުމުން ރައީސް ސޯލިހު ދެއްވި ހަދިޔާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިންގެ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާތާ 3 މަސް ދުވަސްވެގެންދާއިރު އެމައްސަލައިގެ ހުކުމްކުރުން ލަސްވަމުންދާތީ ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމައްސަލައިގައި ހުކުމް ކުރުުން ލަސްވަނީ ޖޭއެސްސީގެ ނުފޫޒު ފޯރުވަމުންދާތީ ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

"200 އެތަށް ބަޔަކު އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހުނު ކަމަށް ބުނާ ލިސްޓެއް އޮތްއިރު ރައީސް ޔާމިން އެކަނި ޖަލުގައި، މިއީތޯ ރައީސް ސޯލިހް ގެނެސްދިން އިންސާފުވެރިކަމަކީ؟ މިސަރުކާރުން ކޯޓުތަކަށް އަތްބާނައި މުޅި ޝަރުއީ ނިޒާމް ފުޑާލައި ދިވެހި ރައްޔިތުންގެ މޫނުގައި ފޮތިއަޅައި ގޭގައި ބައިތިއްބައިގެން ހެސްކިޔާފައި ވައްކަންކޮށް މިދައުލަތް ދަރުވާލައި އަޅުވެތިކުރާތީވެ އަޅުގަނޑުމެން މި ނިކުންނަނީ ރައީސް ޔާމިން އަށް ހައްގު ހޯދައިދީ ދިވެހި ރައްޔިތުންނަށް ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި މި ނިކުންނަނީ." ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން