ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
ފައިސާ ދީގެން އެސައިންމެންޓް ހެދުމަކީ ގާނޫނީ ކުށަކަށް ހެދުމަށް ނިއްމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފައިސާ ދީގެން އެސައިންމަންޓް ހަދާ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، މި މައްސަލަ އާއި މެދު މަޝްވަރާ ކުރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންވެސް ބަލަމުން އަންނަ ކަމަށާއި، އެއީ ފެންވަރު ކަށަވަރުކުރުމަށް ބަލަން ޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮލެޖުތަކާއި އެކު ވެސް މި މަޝްވަރާތައް ކުރެވޭނެ ކަމަށް ޑރ.ހަސަން ވިދާޅުވިއެވެ. މިނިސްޓަރު ޑރ.ހަސަން ވިދާޅުވީ މިހާރު މަޖިލީހުގައި ވާ މަތީ ތައުލީމުގެ ބިލު ގާނޫނަކަށް ވުމުން މައްސަލައަށް ހައްލު އަންނާނެ ކަމަށް ބެލެވޭނެ ކަމަށެވެ. އެ ގާނޫނުގެ ދަށުން "އެކެޑެމިކް ޕްލެޖަރިޒަމް" އަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީގެ ފަރާތުން ހުށައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގާނޫނީ ކުށަކަށް އެކަން ވީމަ އެކަން ހުއްޓުވަން ބާރެއް ލިބޭނެ. ގާނޫނީ ކުށަކަށް އެކަން ވެފައި ގާނޫނީ ގޮތުން އެކަން ހަޔަރ އެޑިއުކޭޝަނަށް ލިބެން ޖެހޭ ބާރުތައް، މަތީ ތައުލީމުގެ ބިލުގެ ދަށުން ލިބުނީމަ އަޅުގަނޑަށް ހީވަނީ ތިކަން ރަނގަޅުވެގެންދާނެ ހެން." މިނިސްޓަރު ޑރ.ހަސަން ވިދާޅުވިއެވެ.

ފައިސާ އަށް އެސައިންމެންޓް ހައްދާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ގިނަބަޔަކު އެސައިންމަންޓް ހަދަނީ އެކި މީހުންނަށް ފައިސާ ދީގެންނެވެ. ފައިސާއަށް އެސައިންމަންޓް ހަދައިދޭ ބައެއް ފަރާތްތަކުން އެކަން ކުރަމުން ގެންދަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އޮންލައިން ވެބްސައިޓްތަކުގައި އިސްތިހާރުވެސް ކޮށްގެންނެވެ.

ފައިސާއަށް އެސައިންމަންޓް ހަދައިދޭ މައްސަލަައިގައި ފަރސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއީ ރާއްޖޭގެ މަތީ ތަޢުލީމީ ފެންވަރު ދަށްވެ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމެއްކަން އެކަމަނާ ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން