ޑރ. ޖަމީލުގެ ޓީމު
ޑރ. ޖަމީލުގެ ޓީމު
ކޯލިޝަން ދެމެހެއްޓުމާމެދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދު، ކޯލިޝަން ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު ދަމަހައްޓާފައިވާ ކަމީ ހަމަ އެއްވެސް ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. މިހިނގާ ނޮވެންބަރު މަހުގެ 17 އަށް އެމަނިކުފާނު ކޯލިޝަންގެ ބައިވެރިންނާއެކު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ދެ އަހަރުވެގެން ދިޔައިރު އެމަނިކުފާނު އޭގެ ދެއަހަރު ކުރިން މިދެންނެވި ރަސްމިއްޔާތުގައި ދިވެހި އެންމެހައި ރައްޔިތުން ހެކިކޮށް ވެވަޑައިގެންނެވި ވަޢުދު އެގޮތުގައި ދަމަހައްޓައިފި ކަމާއި މެދަކު ކުޑަވެސް ޝައްކެއް ނެތެވެ. އެކަމާމެދު ޝައްކު ކުރާނެ ޖާގައެއް ވެސް ނެތެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މަގާމު ގެއްލެމުން ދާ ދިއުމަކީ ނުވަތަ ބައެއް ބޭފުޅުން ކެބިނެޓުން ނެރެ "ހޫރާލުމަކީ" ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ރޭވުމެއް ކަމުގައި ބައެއް ބޭފުޅުންނަށް ގަބޫލުލު ކުރެވުނު ނަމަވެސް އެއީ މުޅިއަކުން އެހެން ހިނގާ ކަމެކޭ ދެންނެވޭކަށް ނެތެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވީ ކޯލިޝަން ދަމަހައްޓަވާށެވެ. ކޯލިޝަނުން ހަމަހަމައަށް ބައިއަޅުއްވާކަށް އެމަނިކުފާނު ވަޢުދުވެ ވަޑައެއް ނުގަންނަވައެވެ. ހަމަ ގައިމުވެސް އެކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އެފަދަ ވަޢުދުފުޅެއް ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންފައެއް ވެސް ނެތެވެ.

އެހެންވީމާ އަދި ހަމަ ދެއްނެވެން އޮތީ އެމަނިކުފާނުގެ ވަޢުދު ދަމަހައްޓަވަމުން ގެންދަވާ ކަމަށެވެ. ދެން މިހެން ދެންނެވީމާ، "ތިޔައީ ދޮގޭ، އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި ކޯލިޝަންގެ ބައިވެރިން އެގެންދެވީ ނެރެ ހޫރާލަމުންނޭ" ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. އެހެން ވިދާޅުވާ ބޭފުޅުން ކުރީގައި ދެންނެވިހެން ވިސްނުން ގެންގުޅުއްވީމާ ރަނގަޅުވާނެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މި ކޯލިޝަނަކީ މާވަރުގަދަ އެއްބަސް ވުމެއް ވެގެން އެގްރީމެންޓެއް ހަދައިގެން އެންމެން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައިގެން ހެދި ކޯލިޝަނެއް ނޫނެވެ. އެއްބަސް ވުމެއް އޮތިއްޔާ ހަދާފައި އޮތީ އަނގަބަހުންނެވެ. ހަމަގައިމުވެސް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް ދޭހަވަނީ މިފަދަ ގޮތަކަށެވެ.

ދެން އޮތީ ކޯލިޝަންގެ ލީޑަރުން ދައްކަވާ ވާހަކަފުޅެވެ. އެބޭފުޅުން ވެސް ކޯލިޝަނުން މިވެނި އެވެރި މިންވަރެއް ތިމަންނާ މެންނަށް ދިނެކޭ ފާޅުގައި ވިދާޅެއް ނުވެއެވެ. ނަމަވެސް އެކި މަސްދަރުތަކުން އަޑުތައް އިވޭ ގޮތުގައި ސަރުކާރުން ކޯލިޝަންގެ ލީޑަރުންނަށް ބައި އަޅާނެ މިންވަރާމެދު ކުރިން އޮތީ އެއްބަސްވެ ވަޑައިގެންފައެވެ. ދެން އޮތީ މެނިފެސްޓޯގެ ވާހަކައެވެ. ސަރުކާރު ހިންގަންޖެހޭނީ ކޯލިޝަންގެ މެނިފެސްޓޯއަށް ކަމަށް އެންމެ ބާރަށް ވާހަކަ ދައްކަވަނީ ކޯލިޝަންގެ ދީނީ ބައިވެރިން ކަމަށް ބުނާ ލީޑަރުގެ ޕާޓީންނެވެ. އެއީ ހީވާގޮތުންނަމަ އެބޭފުޅުން ކުރިން ވާހަކަ ދެއްކެވި ގޮތަށް މެނިފެސްޓޯގައި ދީނީ ބައި ހިމަނަން ވެގެންނެވެ. ނަމަވެސް މިއަދު ސަރުކާރު ހިނގަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކާއި އެމްޑީޕީގެ އެޖެންޑާ ނަވާރައިގެ ވަޢުދުތަކުގެ މައްޗަށް އެކުލެވޭ މެނިފެސްޓޯއެއްގެ މައްޗަށްކަން އެނގި ހާމަވުމުން އެބޭފުޅުންނަށް ވެސް މިހާރު "އޯކޭ" ވެއްޖެއެވެ. އެބޭފުޅުންގެ އެންމެ ބޮޑު މަގުޞަދެއް ކަމަށް ބެލެވެނީ އިމްރާނު ހަފޮޅުން އެތެރެވެ ރަނގަޅަށް ހަރުލާފައި ހުރުމެވެ. އެކަން ކިތަންމެހާ ވެސް ރަނގަޅަކަށް ހާސިލު ވެއްޖެއެވެ.

ހަގީގީ އެމްޑީޕީގެ މެންބަރުން ހަތެއް ފެބްރިއަރީގެ މަތީން ހަދާންވެ އިމްރާން ދެކެ އެހެރަ އަންނަ ރުޅިގަނޑު ފުލުހުންނާއި ސިފައިންނަށް ބާލާލާފައި އެހާހިސާބުން ނިންމާލާކަން އެބަ ކަށަވަރު ވެއެވެ. އިމްރާން މަޖިލީހަށް ގެންގޮސް އޭނާއަށް ކުރީގެ ހަނދާންތައް އާކޮށްދީ އެމަންޒަރުތަކާއި އެއަޑުތައް ވެސް އިއްވައިފިއެވެ. އެކަމަކު އިމްރާން ހުންނެވީ ބުނެވޭ ގޮތުގައި "ރައީސް ނަޝީދުގެ ހެޔޮފަތުގަ" ވީމާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އިމްރާން ސަލާމަތްކޮށްދެއްވައެވެ.

ދާދިފަހުން ވެސް ފެނިގެން މިދިޔައީ ހަމަ އެފަދަ މަންޒަރެއްތާއެވެ. ޑރ. ޖަމީލުގެ ދުރުވިސްނުން ފުޅަށް އެވިސްނި ވަޑައިގަންނަވާ އެއްޗަކުން ނުވަތަ އެފެނިވަޑައިގަންނަވާ އަވާ މެންދުރެއްގެ "ސަޅި" ކަމުން ސަރުކާރު ފަޅީގައި ހުންނަވާފައި އެފަޅި ދޫކޮށްލައްވާފައި ހަމަ ޖެހިވަޅަށް ޖެއްސެވީއެވެ. މޫމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރަށް ކަށި ޖެއްސަސް ވަރިހަމަ ކަމަށެވެ. އެކުވެރި އަމީނާއި ދަރިފަސްކޮޅުގެ ލޭގެ ގުޅުން ހިނގާ މަލީހުގެ ވަޒީރު ކަމުގެ ތާޖު ގެއްލުނަސް ހެއު ކަމަށެވެ. ކޮޅު ބަދަލުކޮށްލެއްވީ ކުރިން ލަނޑުދިން ލީޑަރުގެ ކޮޅަށެވެ. ފިކުރު ބަދަލުކޮށްލެއްވީއަކީ އެކަންޏެއް ނޫނެވެ. މުޅި ޖާނާއި މާލާއި ހިތާއި ފުރާނައިން ގުރުބާންވެ ވަޑައިގެން އެ ލީޑަރުގެ ހައްގުގައި މަސައްކަތް ކުރަށްވަން ފެއްޓެވީއެވެ.

ބޮޑު ނުބަޔަށްވުރެ ކުޑަ ނުބައި އިހުތިޔާރު ކުރުންވެސް މާ ރަނގަޅޭ ބުނާތީ އަޑުއަހަމެވެ. ފަހަރެއްގައި އެބީދައިން ކަންކުރެއްވީ ކަމަށްވެސް ވެދާނެއެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ ކިތަންމެ ވަރަކަށް އެކައްޗަކަށް އަޅައިގެން ހެލުވިޔަސް ތެލާއި ފެނާއި އެކު ނުވާނެ ކަމެވެ. ސިޔާސީ ގޮތުން މިދެންނެވި ތެލާއި ފެނާއި އެކުވީ ހަމައެކަނި އެންމެ ބޭނުމަކުއެވެ. އެއީ ވަރުގަދަ ބާރުގަދަ މާސިންގާ ވެރިކަމަކާއި ދިމާކޮށް އެވެރިކަން ހަލުވާލައި ވައްޓާލާށެވެ. އެކަމަށްޓަކާ ތެލާއި ފެނާއި ގަދަކަމުން އެއްކޮށްލީއެވެ. އެކަމަކު އެއީ ހަމަ ދަޅައެކެވެ.

މިދެންނެވީކަން އޮތްގޮތެވެ. ޖަމީލް އެއްފަރާތްވިޔަސް އަމީނާއި މަލީހު ތިއްބެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާން ކަމުގައި ގަބޫލުކުރެވެއެވެ. މިދެންނެވީ ލޮލަށް ފެންނަ ގޮތެވެ. އެއްގޮތަކަށް ވެސް އެބޭފުޅުންގެ ހިތުގައި އޮތް އެއްޗެއް ނޫނެވެ. ޑރ. ޖަމީލުގެ ވަކިވެދިއުމާއި، އެއަށްފަހު ޖަމީލުގެ ފަރާތުން ފެންނަމުން އެދާ ކަންކަމުގެ ސަބަބުން، އިމްރާނުގެ ކަންކަން ހަޖަމުކޮށްލިއަސް ޖަމީލުގެ ކަންކަން އެހެރީއަކީ ބަޔަކަށް ހަޖަމުކުރެވޭ ފެންވަރެއްގައެއް ނޫނެވެ. ދެން އަމީން ފަކީރު ވަރަށް މަޑުމަޑުން ހުއްޓާ މަޑުމަޑުން އަތުގައި ހިފައި ބޭރުކޮށްލައިފިއެވެ. ދެން އިންނެވީ މަލީހެވެ. އޭނާ އިށީނދެ ވަޑައިގެން އިންނެވި ގޮނޑި މިހާރު ނެރެ އެ ހޫރާލީއެވެ. ނިކަން ބައްލަވާށެވެ. މިހިރީ ސިޔާސީ ކަންކަން ހިނގާ މަގެވެ.

އެބޭފުޅުންގެ ހިތުގައި ޖެއްސި ކަޅު އަނދިރި، އެރޭ ފަތިހަށް ނިމިގެން ދިޔަ ގޮތާއި އައަށްފަހު ހަތެއް ފެބްރުއަރީ ދުވަހަށް އިރުއެރުމުން ކަންހިނގާދިޔަ ގޮތް އިއްޔެވީ ކަމެއްހެން އެވެރިންގެ ހިތްތަކުގައި ބިންވަޅުނެގިފައި ހުއްޓަސް އަދި އިމްރާން ފެނުމުން ދަތްކޮޅު ފައިބާ ވަރަށް ދަތްކުޑި ވިކުނަސް މިއަދު ހަޖަމްކޮށްލައިގެން ހިން ދިރުވާލައިގެން އިމުރާނު ހަފޮޅުން އެތެރެކުރީއެވެ. ނަމަވެސް ހަމަ އެއްބަޔަކު އެއް މާލަމެއްގައި އެއްޖަލްސާއެއް ތިއްބަވައިގެން މަލީހާ ޖެހުނީމާ ފިތީ ރަތަށެވެ. އަތް ހިއްލީ ނޫނެކޭ ބުނުމަށެވެ. އިމްރާނުގެ ނަން އިވޭއިރަށް ހިތްތައް މައިރިރިވެ މަޑުމޮޅިވެ އަދި ނުވާ މީހަކު "ފިއްތާލައިގެން" ތިބެވެސް ފިތީ ފެއްސަށެވެ. އަތް ނެގީ އިމްރާނަށް އާއެކޭ ބުނުމަށެވެ. މިހިރީ ދުނިޔެ ދައްކާ މަންޒަރެވެ.

އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. "ބަޣާވާތް" އޯކޭއެއް ނޫނެވެ. އެދުވަހު އެލިބުނު ކަމަށް ބުނާ "އަނިޔާ" އޯކޭއެއް ނޫނެވެ. އިންސާފު "ބޭނުމެވެ." އެދުވަހުގެ ކަންކަމަށް "ބަދަލު ހިފަން" ބޭނުމެވެ. އެކަމަކު "އިމްރާން" ހަމަ އޯކޭއެވެ. އެހެންވީމާ އެމްޑީޕީގެ ފިކުރާއި ފަލްސަފާއަކީ ކޯލިޝަނަކީ ވަޒީރު ކަމާއި، ސަރުކާރު ހިންގުމާއި މެނިފެސްޓޯއާއި ބެހޭ ކަމެއް ނޫނެވެ.

ކޯލިޝަނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެބުނާ ކޯލިޝަންގެ ލީޑަރުންނާއި ދެމެދު އޮތް ކަމެކެވެ. އެހެންވީމާ އެމަނިކުފާނު އެހެން ވިދާޅުވާހާ ހިނދަކު، އެމަނިކުފާނު އެކަން ހަނދުމަފުޅު ނުނެތޭހާ ހިނދަކު، އިމްރާން ސަރުކާރުގެ ތެރޭގައި ހުންނެވިހާ ދުވަހަކު ކޯލިޝަން އެ ދެމިއޮތީ ކަމަށް ވަންޏާ ކޯލިޝަން ދެމީ އޮންނާނެތާއެވެ. މިހާރު މިވީ ގޮތަކީ ޑރ. ޖަމީލުގެ ފިކުރު ބަދަލުވީމާ ޖަމީލުގެ "ބޯއީސް"ގެ އިތުބާރު ވެސް ގެއްލުނީއެވެ. އެކަމަކު އިމްރާނަށް އޮތް އިތުބާރު ކުރިއަށްވުރެ ބޮޑުވެ ކުރިއަށްވުރެވެސް ގާތްވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން