މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގައި ގުރުއާނުގެ އާޔަތް ވިދާޅުވާތީ އުދަނގޫ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގައި މެމްބަރުން އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން. އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝައިހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ،" މަޖިލީހުގެ ރައީސް ނަޝީދު  ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވިދާޅުވީ އެހެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކޭގޮތް ގޯސްވުމުން ކަމަށް ވެދާނެ ކަމަށެވެ. ސަލީމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވާ ސަލީމްގެ ވާހަަކަ ހުއްޓުވާފައެވެ.

"އިއްޒަތްތެރި މެމްބަރު ތިގޮތަކަށް ވާހަކައެއް ނުދެއްކޭނެ. ގުރުއާނާއި ދޭތެރޭގައި އެއްވެސް ޝައްކެއް އޮވެގެނެއް ނޫން އަޅުގަނޑު މިދެންނެވީކީއެއް. އޮތް ގަދަރެއްގެ ބޮޑުކަމުން، އިއްޒަތްތެރި މެމްބަރަށް ކުށް ވިދާޅުވޭއިރު އަޅުގަނޑަށް ނޭނގި މިތަނުގާ އެކުށް ބަލައިގަނެގެން ކުރިއަށް ގެންދެވިދާނެތީވެ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވާހަކަތަކާއި ގުޅިގެން ސަލީމް ވަނީ ގުރުއާނުގެ ތަރުޖަމާ ހިއްޕަވައިގެން މަޖިލީހުގައި ވިދާޅުވާ އާޔަތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން