ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އިމްރާންގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 11 މެންބަރެކެވެ. އިމްރާންގެ އިތުބާރު އޮތް ކަމަށް 53 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން އިމްރާންގެ އިތުބާރު އޮތް ކަމަށް ފާސްވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާންގެ އިތުބާރު ނެތް މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު މި ބަހުސް މަރުހަލާގައި ޖަވާބުދާރީވާން އިމްރާނަށް ވެސް ވަނީ ފުރުސަތު ދެއްވާފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވަނީ ސިޔާސީ މައްސަލައެއް ކަމަށާއި، މިއީ ސަރުކާރު ބަލިކަށިކޮށް ކޯލިޝަން ރޫޅާލުމުގެ ވިސްނުމުގައި ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެއީ ނެތް ރޮނގެއް ކުރަހައި، ނުވާ ކަމެއް ވުޖޫދުކޮށްގެން އަދި ސިޔާސީ މަސްރަހު ހަލަބޮލި ކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި ސަރުކާރު ބަލިކަށިކޮށް ހަލަބޮލި ކަމުގެ ހިޔަނީގައި މި ސަރުކާރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، އޭނާ އެއްވެސް އަންހެނަކަށް އެއްވެސް މިންވަރަކަށް ގޯނާއެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އަންހެނަކަށް ފުރައްސާރަކުރުމުގެ ފުރުސަތުވެސް ދީގެން ނުވާނެ ކަމަށެވެ. އަދި ސަފާރީ ރޭޕްކޭހާއި ގުޅިގެން އޭނާ ދެއްކެވި ވާހަކައިން ޖިންސީ ފުރައްސާރައަކީ ސީރިއަސްކަމެއް ނޫންކަމުގައި ދޭހަވި މީހުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވަނީ މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން