މަޖީދީ މަގުގައި ހުންނަ ޓާޓާ ފްލެޓްސް، މާލޭ ގްރޭންޑްގެ ފްލެޓްތަކުގެ ބޭރުގައި ޖަހާފައި ހުންނަ ބިއްލޫރި ގަނޑެއް ވެއްޓި އެސަރަހައްދުގެ މަގުމަތީގައި އޮތް ކާރަކަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ފްލެޓްގެ އޯނަރު ކަމަށް އެޗްޑީސީން އަންގައިފިއެވެ.

ނަންހާމަ ނުކުރާ ގޮތަށް "ރަސް އޮންލައިން" އަށް މައުލޫމާތު ދިން މާލޭ ގްރޭންޑްގައި ދިރިއުޅޭ ބޭފުޅަކު ވިދާޅުވީ މިހަފުތާގައި ހިނގި މިހާދިސާގައި މާލޭ ގްރޭންޑްގެ ފްލެޓެއްގެ ކުޑަދޮރު ތަޅައިގެން ގޮސް މަގުމައްޗަށް ވެއްޓުނު ބިއްލޫރި ގަނޑަކުން ޖެހި މަގުމަތީގައި އޮތް ކާރަކަށް ގެއްލުން ލިބުމުން އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ފުލުހަށް މައްސަލަ ހުށައެޅުމުން އެޗްޑީސީން އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

"މި އިމާރާތުގެ (މާލޭ ގްރޭންޑްގެ) ބިއްލޫރިތައް ފައިބަނީއަކީ އަލަކަށް ނޫން. އެއީ އަބަދުވެސް ހިނގަމުންދާ ކަމެއް. މިކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެޗްޑީސީއަށް. މުޅި އިމާރާތުގެ މަގަށް ވާ ގޮތަށް ވަށައިގެން ފްލެޓްތަކުގެ މަގުމަތީގެ ކުޑަދޮރު ގޮތަށް ހުރީ ހުސް ބިއްލޫރި ޖަހާފައި. އެއީ އެންމެ އާދައިގެ ދެރަ ބިއްލޫރި. މި އިމާރާތުން ބިއްލޫރި ގަނޑެއް ނުވެއްޓޭ ހަފުތާއެއް މަހެއް މަދުވާނެ." މި ނޫހާ ވާހަކަ ދެއްވި ފަރާތުން ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ އެ އިމާރާތަކީ ވެރިފަރާތަށް ބޭނުން ގޮތަކަށް ބަދަލު ގެނެވޭ ތަނެއް ނޫން ކަމަށެވެ. އެ ބިއްލޫރިތައް ފޭބިޔަސް ތަޅައިގެން ދިޔަޔަސް، ބިއްލޫރި ދޮރުތައް ނަގާފައި އޭގެ ބަދަލުގައި ރާނައި ނުވަތަ އެހެން އެއްޗެއް ޖަހާ ހެދުމަކީ އެޗްޑީސީން ހަދާފައިވާ އެއްބަސްވުމާއި ޚިލާފު ކަމެއް ކަމަށެވެ.

"މި މައްސަލައިގައި އެޗްޑީސީން ފުލުހުންނަށް ސިޓީއަކުން އަންގާފައި އޮތް ކަމަށް ވަނީ އެކުންފުނިން ޒިންމާވާން ނުޖެހޭނެ ކަމަށް. އެބިއްލޫރިގަނޑުން ޖެހި ގެއްލުންވި ކާރަށް ބަދަލު ދޭން ޖެހޭނީ ނޫނީ އެ ޒިންމާ ނަގަންޖެހޭނީ ފްލެޓް ގެ ވެރި ފަރާތުން ކަމަށް. މިއީ ދެން އަރަތެއް ނޫންތޯ؟ އެޗްޑީސީން މިހާރު މިބުނަނީ އެއްބަސްވުން ބުނާ ގޮތޭ އެއީ. އިމާރާތުގެ އެއްވެސް މިންވަރެއް އޯން ކުރާ ފަރާތެއް ނޫނޭ އެޗްޑީސީއަކީ. އެކަމަކު އިމާރާތަށް އެއްވެސް ބަދަލެއް ނުގެނެވޭ އެޗްޑީސީން ހުއްދަ ނުހޯދައެއް. މިއީ އަރަތަކީ." ނޫހާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

އެޗްޑީސީގެ އިސް ބޭފުޅުންވެސް ތިއްބަވާ މާލޭ ގްރޭންޑްގެ އޯނަރުން ތިއްބަވާ ވައިބަރ ގްރޫޕެއްގައި އެޗްޑީސީން ބުނެފައި ވަނީ އެކުންފުނީގެ ޒިންމާއަކީ އިމާރާތް މެނޭޖް ކުރުން ކަމަށެވެ. އަދި އެޗްޑީސީން ހަމައެކަނި މެނޭޖް ކުރަނީ އިމާރާތުގެ ކޮމަން އޭރިއާ ކަމަށް އެކުންފުނީގެ ފަރާތުން ޖަވާބު ދެއްވި މީހަކު ވިދާޅުވެފައި ވެއެވެ.

"އެޗްޑީސީން އިމާރާތް ބަލަހައްޓާ ގޮތާއިމެދު ފްލެޓް ތަކުގެ ވެރިން ހިތްހަމަ ނުޖެހެންޏާ އެމީހުންނަށް އޮންނާނެ އެޗްޑީސީގެ ފަރާތުން އެކަން އަތުލާފަ ވާދަވެރި މާހައުލެއްގައި އެހެން ފަރާތަކާއި ހަވާލު ކުރުމުގެ ހައްޤު." އެޗްޑީސީގެ ފަރާތުން ވާހަކަ ދެއްކެވި މީހާ ފްލެޓް އޯނަރުންނަށް ވަރަށް ހަރުކަށި ރާގެއްގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަބީ އެކުންފުނިން ޓާޓާ ފްލެޓް އިމާރާތްތައް ބަލަހައްޓަމުން ގެންދަނީ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްގައި ކަމަށެވެ.

"އެހެންވީމާ ކަލޭމެންގެ އިމާރާތް ބަލަހައްޓަން އެޗްޑީސީއަށް ވުރެ ރަނގަޅު ފަރާތެއް ލިބޭނެ ކަމަށް އުއްމީދުކުރަން، ގުޑް ލަކް." މަލާމާތުގެ ރާގަކަށް އޭނާ ވިދާޅުވެފައި ވެއެވެ.

މާލޭ ގްރޭންޑްގެ ފްލެޓް ތަކުގެ އޯނަރުންގެ ވައިބާ ގްރޫޕްގައި މިމައްސައްސަލައިގައި ވަރަށް ދިގު ބަހުސްތައް ހިނގާފައިވާއިރު އެޗްޑީސީއާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ވަނީ ފާޅުކޮށްފައެވެ.

ޓާޓާ ފްލެޓްސް، މާލޭ ގްރޭންޑްގެ އޯނަރުން އަންނަނީ އެއިމާރާތުގެ ފެންވަރު ދަށްކަމުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އަދި ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން އެތަނުން ފްލެޓް ގަތުމަކީ ކުރެވުނު ވަރަށް "ކަނޑުކޮސް" ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އަދި މިއީ ވަރަށް ބޮޑު އޮޅުވާލުމެއްް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

މާލޭ ގްރޭންޑްގެ ފްލެޓް ތަކުގައި ބޭރަށް، މަގުމައްޗަށް ހުންނަ ފާރު ހުންނަނީ މުޅިން ބިއްލޫރި ކުޑަދޮރެވެ. އެއްބިތަކަށް ހުންނަ މި ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ބިއްލޫރިތައް މަގުމައްޗަށް ފޭބުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ކުޑަދޮރުތައް ނަގައި އިމަރާތުގެ ސްޓްރަކްޗަރ އަށް ބަދަލު ގެނައުމަކީ އޯނަރުންނާއި އެޗްޑީސީއާއި ދެމެދު ވެފައިވާ އެއްބަސްވުން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އޯނަރަށް ވެސް އޭނާގެ ފްލެޓަށް ކުޑަވެސް ބަދަލެއް ގެނެވެނީ އެޗްޑީސީއަށް ހުށައަޅައިގެން އެފަރާތުން ހުއްދަ ދިނިއްޔާއެވެ.

މިކަމުގައި މިނޫހަށް ފުލުހުންގެ މީޑިއާއަށް ވާސިލުވުމުގެ ފުރުސަތު އަދި ދީފައި ނުވާތީ ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން