އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އަދި ގ.ދ ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަކީ އައްޑޫގެ އިގްތިސާދަށް ބޮޑުތަނުން ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ އައްޑޫގެ އިގްތިސާދަށް ބޮޑުތަނުން ކުރިއެރުން ލިބިގެންދާނެ ފެށުމެއްކަމަށެވެ. އަދި އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން މިކަމަށްޓަކާ ސަރުކާރަށް ޝުކުރު އަދާކުރަށްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ގ.ދ ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިއަދުއެވެ.

ޤައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިން އާއި ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ކާގޯ ބޯޓު ޓުޓިކޮރިންގ ބަނދަރުން މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެކުންފުނި މެދުވެރިކޮށް ކާގޯ ގެނައުމަށް ބުކިންގ ހެދުމަށްވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. މިދެމެދުގައި ކުރާ ފުރަތަމަ ކާގޯ ދަތުރަށް ފުރާފައިވަނީ އެމްވީ ބޮންތި 2 ނަމަކަށް ކިޔާ ބޯޓެކެވެ.

މިދަތުރުތައް ފެށުމާއި ގުޅިގެން ދެކުނުގައި ޤާއިމު ކުރެވިފައިވާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބުނެފައި ވަނީ މިދަތުރުތައް ފެށުމާއި އެކު ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ ހިތަދޫ ޕޯޓު ލިމިޓެޑަށާއި ދެކުނުގެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއް ކަމަށް އެޗްޕީއެލް އިން ބުނެއެވެ.

މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުށްޓާއި ދެމެދު ވެސް ވަނީ ކާގޯ ފެރީގެ ޚިދުމަތުން ގުޅުވާލެވިފައެވެ. އެގޮތުން ކުޅުދުއްފުށްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގައެވެ. ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަކީ ސަރުކާރުގެ އެއް ވައުދެވެ.



ކިޔުންތެރިންގެ ހިޔާލު