ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ކުޑަކުރެވޭނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ގޮސް، ޑޮލަރުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކަޅުބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރީ 19 ރުފިޔާއިން މަތީގައެވެ.

މިމައްސަލައިގައި ޚިޔާލުފާޅުކުރަށްވަމުން ޝަރީފް ވިދާޅުވީ ޑޮލަރުގެ ޑިމާންޑް ކުޑަކުރުމަށް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރަންޖެހޭ ކަމަށެވެ.

"ޑޮލަރުގެ ޑިމާންޑް ކުޑަވާނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން. މިހާރު ކަރާ ދޮންކެޔޮ އަދި ކުކުޅު ބިސް އެތެރެކުރަނީ ބޭރުން. އެއީ ރާއްޖޭގައި އުފެއްދި ދާނެ ތަކެތި. ހަމައެކަނި ޓުއަރިޒަމްއަށް ލިބޭ ޑޮލަރަށް ބަރޯސާވުން ހުއްޓާލަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިސޯޓެއް އޮތުމަކީ ޑޮލަރު ޗާޕުކުރާ މެޝިނެއް ލިބުން ނޫންކަމަށެވެ.

"ރިސޯޓެއް އޮތުމަކީ ޑޮލަރު ޗާޕުކުރާ މެޝިނެއް ލިބުމެއް ނޫން. ރިސޯޓެއް ހަދަން ފަޅު ރަށެއް ލިބޭ ހިސާބުން އެކި އެކި ހަރަދުތައް ހިނގަން ފަށާނެ. އޭގެ ތެރޭގައި މީރާއަށް ދައްކަންޖެހޭ ޓެކްސް، އޮޕަރޭޝަނަލް ހަރަދު." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޑޮލަރުގެ ޑިމާންޑް ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ބޭރުގެ ބެންކުތަކުން ލޯނު ނެގުން ހިމެނޭކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ މުދަލެއް އިމްޕޯޓްކުރާ ގައުމަކަށް ވުމުންވެސް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ބޭރުގެ ބެންކުތަކުން ލޯނު ނަގާވަރަކަށް ޑޮލަރުގެ ޑިމާންޑް ބޮޑުވާނެ. އާއްމުން ބޭނުންކުރާ ހުރިހާ ތަކެތި އިމްޕޯޓްކުރަންޏާ ޑޮލަރުގެ ޑިމާންޑް ބޮޑުވާނެ. ކިޔަވާ ކުދިންނަށް ލޯނު ދީފައި ބޭރަށް ފޮނުވަންޏާ ޑޮލަރުގެ ޑިމާންޑް ބޮޑުވާނެ. އެފަދަ ދިމަދިމާލުން ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ކޯވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު 15:42 އަށް ހަމަ އަގުގައި ހުރި ޑޮލަރު ވަނީ 19 ރުފިޔާއަށް އުފުލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން