ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން
ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން
ލޯކަލް ޓޫރިޒަމް ތަރައްގީކުރާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ބޭރުގައި ވިޔަސް، ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުން މަޖިލިހުގެ ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މަޖިލިހުގެ މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ރާ ލިބޭ ކަމަށެވެ. ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޝިޔާން ވިދާޅުވިއެވެ. ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ހުއްދަ ދިނުމަށް ނުވަތަ އެކަން ގާނޫނުގައި ކަނޑައެޅުމަށް އޭނާ ގޮވާލެއްވިއެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ (ބަނގުރަ ވިއްކޭނެ ގޮތް) ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް ކަނޑުތެރޭގައި ވިޔަސް އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެރަށުން ބޭރުގައި ލިބޭނެ އިންތިޒާމް އޮންނަންޖެހޭ." ޝިޔާން ވިދާޅުވިއެެވެ.

އަދި މިހާރު އުކުޅަސް ތޮއްޑޫ އަދި ރަސްދޫއަށް އަންނަ ފަތުރުވެރިން ގެންދަންޖެހެނީ 45 މިނިޓުގެ ލޯންޗު ދަތުރެއްކޮށްފައި ރިސޯޓަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޝިޔާން ވިދާޅުވީ ރަށްރަށަށް އަންނަ ހުރިހާ ފަތުރުވެރިންނަކީ ރާ ބޯ ބަޔަކަށް ނުވި ނަމަވެސް އެ ބޯ މީހުންވެސް އަންނަ ކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހެންޖެހޭ ކަމަށާއި އެކަން ގަނޫނުގައި ހިމެނުމަށް ހުށަހަޅުއްވާ ކަމަށް ޝިޔާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން